މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޒީމާ އާދަމް "ފިއްލެވުމު"ގެ ކަންކަން ހަމަޖައްސަވަން އޭނާގެ ފިރިކަލުން އަދި ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު އުޅުއްވާ ކަމަށް އިދިކޮޅު އިއްތިހާދުން ރޭ ތުހުމަތުކޮށްފި އެވެ.
އދ. ގެ ދާއިމީ މަންދޫބު ކަމަށާއި، އެމެރިކާ އާއި ކެނެޑާއަށް ކަނޑައަޅައި ސަފީރު ކަމަށް ނަސީރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ވަނީ ހުށަހަޅުއްވައިފަ އެވެ. މަޖިލީހުން އޭނާއަށް ރުހުން ލިބިއްޖެ ނަމަ ފޮރިން ސެކްރެޓަރީ ކަމުން ވަކިވާނެ އެވެ.
އިދިކޮޅު އިއްތިހާދުން ނެރުނު ބަޔާނުގައި ބުނީ ނަސީރު ރާއްޖޭން ބޭރުގެ ވަޒީފާއަކަށް ހަމަޖައްސަން އުޅެނީ ދައުލަތުން ވައްކަންކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތަކަށް މަގުފަހިކޮށްދިން މީހުންނަށް ރާއްޖޭން ފިލުމުގެ ފުރުސަތު ހޯދައިދޭން ކަމަށެވެ. އަދި އެކަން ކުރެއްވުން ހުއްޓާލަން އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގައި ދައުލަތުގެ މުއައްސަސާތަކުން ބައިވެރިވެފައިވާކަން އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ކަމަށާއި ހާއްސަކޮށް އެމްއެމްއޭ އިން އެކަމުގައި އިހުމާލުވެފައިވާ ކަމަށް އިއްތިހާދުން ބުނެ އެވެ.
ކުރިންސުރެ ވެސް އަޒީމާ ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ. އަދި މަނީ ލޯންޑަަރިންގެ އެއްވެސް ކަމެއްގައި އެމްއެމްއޭ ބައިވެރިވެފައި ނުވާނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.
އެކަމަކު އިދިކޮޅު އިއްތިހާދުން ބުނާ ގޮތުގައި އަޒީމާގެ ފިރިކަލުން ބޭރުގެ މަގާމަކަށް ބަދަލުކުރުމަކީ އަޒީމާގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިން ފަދަ ބޮޑެތި ތުހުމަތުތަކުން އޭނާ ފިއްލަވަން ފުރުސަތު ދިނުމެވެ.
އިއްތިހާދުގެ ބަޔާނުގައި ބުނީ ރާއްޖޭގެ ސިޔާސީ ބޮޑެތި ލީޑަރުންނަށް ހުކުމްކުރުމުން ނަސީރު ވަނީ އެކަން ދިފާއުކުރެއްވުމުގެ ގޮތުން އެކި ގައުމުތަކަށް ދޮގު މައުލޫމާތު ދެއްވާފައި ކަމަށެވެ.
"މިފަދަ އޮޅުވާލުމުގެ ތެރޭގައި ދައުލަތުގެ ވެރިން ރާއްޖެ ދޫކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމުގައިވީ ނަމަވެސް ... މިކަމުގެ ފުރިހަމަ މައުލޫމާތުތައް ކަމާ ބެހޭ ހުރިހާ ފަރާތްތަކާ އިއްތިހާދުން ހިއްސާ ކުރަމުން ގެންދާނެ ކަމުގައި ދެންނެވީމެވެ،" އެ ބަޔާނުގައިވެ އެވެ.