ޕީޕީއެމްގެ ޖަލްސާއެއްގައި ބޮޗޭ ވާހަކަ ދައްކަވަނީ
02 ޖުލައި 2017 - 19:31
ސަރުކާރު ކުންފުނިތަކުން މިހާރު ކަރަންޓުގެ ހިދުމަތް ދެމުން އަންނަ އަގާ މެދު ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ހިތްހަމަ ނުޖެހުން ފާޅުކުރައްވައިފި އެވެ.
ކަރަންޓުގެ އަގު މި މަހުން ފެށިގެން 10- 15 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮކުރަން ސަރުކާރުން ނިންމުމާއެކު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ)ގެ ވައިބާގައި ބޮޗޭ ވިދާޅުވީ އެއާ މެދު އެއްޗެކޭ ވިދާޅުވާން އިނގޭނީ ބިލް ލިބުނީމައި ކަމަށެވެ. އަދި މިދިޔަ މަހު ވެސް ކަރަންޓު އަގު، 125 ޕަސެންޓަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުމީހާ ހިސާބު ޖަހާނީ ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރުގެ އަގާއި މިއަދުގެ އަގާ. އަދި 100 ޕަސެންޓް އަގު ހެޔޮކުރިޔަސް ބިލް ކުޑަ ނުވަންޏާ ހައްލެއް ނޫން. ކާޑު ވެސް ހަމަ ވީ އެހެން ނޫންތޯ؟،" ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީކުވި މެސެޖުގައި ބޮޗޭ ވިދާޅުވެފައިވެ އެވެ.
ވައިބާ ގުރޫޕުގައި ބޮޗޭ މިހެން ވިދާޅުވީ، ތެލުގެ ޑިއުޓީ ކުޑަކުރުމާ ގުޅިގެން، ކަރަންޓު ބިލްތަކުން 10-15 ޕަސެންޓް އަގު ހެޔޮކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވައިބާ ގުރޫޕުގައި އިއުލާން ކުރެއްވުމުންނެވެ.
ކަރަންޓުގެ އަގަށް ގެނައި ބަދަލު އަސްމާ ވިދާޅުވުމާއެކު އެހެން ހުރިހާ މެމްބަރުން ވެސް ރައީސް ޔާމީނަށް ޝުކުރު އަދާ ކުރެއްވި އެވެ.
މި ގުރޫޕުގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ މާލެ އާއި ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދޭ އަގު އެއްވަރު ކޮށްފިނަމަ އިތުރު ލުއިތަކެއް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އަދި އެއީ ރަށްރަށުން ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުވާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ކަރަންޓުގެ އަގަށް ގެނައި ބަދަލު އިއުލާންކުރުމަށް މިއަދު ހަވީރު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ސްޓެލްކޯ އާއި ފެނަކަ މެދުވެރިކޮށްދޭ ކަރަންޓު ދޭ ހުރިހާ ރަށެއްގެ އަގަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަދި ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކަށް ވެސް ކަރަންޓުގެ އަގަށް ބަދަލު ގެނެވިފައި އޮންނާނެ. އަދި މި ބަދަލުތައް ދެން ބިލް އަންނައިރު އޮންނާނީ އިމްޕްލިމެންޓްވެފައި. އަގު ބަދަލު ގެންނަން ވާހަކަދައްކަނީ އެއް ނޫން،" ތޯރިގު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއްޔެ
03 July 2017
ސާބަހޭ! ޔާން ހަދާހެން ކޮންމެ މެމްބަރަކުވެސް ކޮންމެވެސް ކަމެއް މަތިކޮށްފައި އެއްފަރާތަކަށް ޖެހެމުންދާ މަންޒަރު މިފެންނަނީ. އެކަމަކު މިކަމުގައި މެމްބަރުންގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ. 2018 ގައި ގޮނޑި ލިބެން އޮތީ ރައްޔިތުންނާ އެއްކޮޅަށް އަރައިގެންކަން ކަށަވަރުވާތީ ކުޅޭ ގޭމެއް ކަމަށް ބޮޑަށް ބެލެވެނީ.
މަހުމާ
03 July 2017
ކޮބާ އެމް. ޑަބްލިޔު .އެސް .ސީ ކަރަންޓު ހެއުވީ ފެންބިލަށް ހެއުބަދަލެއް ނުގެނެސް ތިހެން ތިބެންވެދާނެތަ
މައިތިރިވެބަލަ
03 July 2017
ބޮޗޭމެނަށް ވެސް ކެރޭ ދޯ ވާހަކަ ދައްކަން. އަތްނުބާނާ ޕްރޮޖެކްޓެއް ދައްކަބަލަ؟ މިހުރިހާކަމެއް ގޯހުންގޯހަށް ދިޔައީ މިމީހުންނަށް ބަޑުފުރާ ނުކެވިގެންނޫންތޯ؟
މަރުތަޅު
03 July 2017
ކަރަންޓް ހިލޭ ބޭސްހިލޭ ގެދޮރުހިލޭ އޯކޭ. އެކަމަކު ވޯޓު ދޭނީ ހިތްހަލާލު ހިތްހެޔޮ އިތުބާރު ކުރެވޭނަމަ. އަންހެނުންނަށް ހުރިހާބާރެއްދީ ކުންފުނިތަކާ ޕްރޮޖެކްޓްތަކުން ބޭނުން ގޭހެއްއަނބުރަން ދޫކޮށްލާ މީހަކާދޭތެރޭ ދެވަނަފަހަރު ވޯޓަކަށް ދާއިރު ވިސްނާނެ.
އާނަ
03 July 2017
އުފަލަކީ އިންތިހާބްތައް ކައިރިވާވަރަކުން ރައްޔިތުން ފެންނަންފެށުން. ހިތާމަޔަކީ މިހާރު ކަރންޓާއި ފެން ކާދު އަދި އެހެނިހެން ސާމާނު، ގެދޮޮރުކުލި އަތްނުފޯރާ ފަށަށް އެރުން. ސަރުކާރުން ލިބޭ މުސާރަކޮޅުން ނުފުދިގެން ދަރާވިކިގެންދާތީ.
ޝިފާގު
03 July 2017
މިސަރުކާރުން އައްޑުއަތޮޅު ރައްޔިތުންގެ ރުހުމާއި ތާއީދާއި ވޯޓު ބޭނުމިއްޔާ މާލެސިޓީގެ ގޭބިސީތަކަށް ނަގާރޭޓުން އައްޑޫސިޓީގެ ގޭބިސީތަކަށް ކަރަންޓު ބިލުކުރަން ފަށާށެވެ. އޭރުން 2018 ޔަގީންކުރާކަށް ކޮރަޕްޝަންއާއި ޚިޔާނާތުގެ ފައިސާ ވަކިބަޔަކަށް ބަހާކަށް ނުޖެހޭނެއެވެ.
ޝިފާގު
03 July 2017
ބޮޗޭ އެއްޗެކޭ ވިދާޅުވީމާ އުފާވެއްޖެއެވެ. އައްޑުއަތޮޅު ރައްޔިތުން މިސަރުކާރަށް އާނބަސް ބުނެވެން ނެތީ ކީއްވެކަން މިހާރު އިއްޒަތްތެރިމެމްބަރަށް ވިސްނިވަޑައިގަންނަވާނެއެވެ. އާދައިގެ ތިންކޮޓަރި ހުންނަގެއެއްގެ ކަރަންޓުބިލަށް ފަސްހަހާސްރުފިޔާ އެރީމާ އެއިން ފައިދާނަގާމީހުން ދެކެ ރުޅިއަންނާނެއެވެ. ވ ސަލާން
އަޝްރަފް
03 July 2017
ސަަރުކާރު ހަމަ ބޮޑުކޮށް ފެއިލް. އިތުރަކަށް ދައްކާނެ ވާހަކައެއް ނެތް...
ޙަސަންދީ
03 July 2017
2012ގައި އެރީ 1270 މިހާރު 3300 ބޭނުން ކުރާ އެއްޗެހި އިތުރެއްނުވޭ
މުޙައްމަދު
03 July 2017
އިޢުލާން ކުރުމަކާނުލައި ކަރަންޓްގެ އަގު %125 އަށް ބޮޑުކުރުމަށްފަހު %10 އާ %15 އާދެމެދަށް އަގުހެޔޮކުރިކަމަށް އިޢުލާންކުރީމަ ކިހާ ރަނގަޅު. ތިޔަހެން ދާނަމަ 2023 ވެސް ޔަޤީން.