ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދައި ސިޔާސީ މަސްރަހު ހޫނުވެފައި ވަނިކޮށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަންނަ ހޮނިހިރުދުވަހު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އާއިލީ ބޭނުމެއްގައި ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާ ކަން މައުމޫން ވަނީ ސިޓީފުޅަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަވައިފަ އެވެ.

އެ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ އަށް ފޮނުއްވި ސިޓީފުޅުގައި މައުމޫން ވިދާޅުވީ، ރާއްޖެ އިން ބޭރުގައި އެމަނިކުފާނު ހޭދަކުރައްވާނީ ގާތްގަނޑަކަށް 10 ދުވަސް ކަމަށެވެ. މި ދަތުރުފުޅަށް ފަހު އެނބުރިވަޑައިގަތުމުން އެމަނިކުފާނުގެ ބަޔާން ނެގުމަށް ވެސް މައުމޫން ވަނީ އެދިވަޑައިފަ އެވެ.

ތީމުގޭގެ އޮޑިޓް ރިޕޯޓުގެ މައްސަލާގައި މައުމޫންއާ ގުޅުން ހުރި ކަންތައްތަކެއް އޭސީސީން އަންނަނީ ތަހުގީގުކުރަމުންނެވެ. އެ ތަހުގީގަށް ސުވާލުކުރަން މައުމޫންގެ އަރިހަށް އޭސީސީން ދާން އުޅުމުން އެމަނިކުފާނު ބޭނުންފުޅުވީ އަމިއްލަފުޅަށް އޭސީސީ އަށް ހާޒިރުވެވަޑައިގަތުމަށެވެ. އެކަމަކު އެއީ އޭސީސީން އަމަލުކުރަމުން އަންނަ އުސޫލްތަކާ ޚިލާފުކަމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ރާއްޖެ އިން ބޭރަށް މައުމޫން ފުރާވަޑައިގަންނަވާއިރު، ގާތްގަނޑަކަށް ހަތަރު މަސް ދުވަންދެން އިންޑި އާއި ސިންގަޕޫރުގައި އުޅުއްވުމަށް ފަހު މައުމޫން މާލެ ވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅެވެ.