ބްރިޖުގެ ތާރީހީ ދުވަހެއް، އައިބީމްތައް އަޅަން ފަށައިފި

މާލެ އާއި ހުޅުލެއާ މެދު އަޅާ ބްރިޖުގެ އައިބީމްތައް ނުވަތަ ކޮންކްރީޓުން ހަދާފައިވާ ބޮޑެތި ބެރިތައް މިއަދު އަޅަން ފަށައިފި އެވެ. މިއާއެކު ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ މަސައްކަތް މި ފެށުނީ އެވެ.


މާލޭ ކޮޅުން ބްރިޖު ފެށޭ ހިސާބުން ބެރިއަޅަން މި ފެށީ ޑެކު އެޅުމަށްޓަކަ އެވެ. ބެރިތައް ނިމުމުން، ޑެކު އަޅައި، ޗައިނާގައި މިހާރު ތައްޔާރުކުރަމުން އަންނަ ސުޕަ ސްޓްރަކްޗާ ގެނެސް އަތުރާލާނީ އެވެ. އެހެންކަމުން، ބެރި އަޅަން ފެށުމަކީ ބްރިޖުގެ މަސައްކަތުގައި ވަރަށް ތާރީޚީ ކަމެކެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުު އިއްޔެ ވިދާޅުވީ އައިބީމްތައް އެޅުމަށް ވެސް ހުރިހާ ސާމާނެއް ސައިޓަށް ޖަމާކޮށް، ސީސީސީސީ ކުންފުނިން އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށެވެ. އެޕްރޯޗް ބްރިޖު ނުވަތަ މާލެ އާއި ހުޅުލޭ ކޮޅުން ވެސް ފަޅުތެރޭގައި އިންނަ ބަޔަށް އެކަނި ވެސް 240 އައިބީމް ސެގްމަންޓް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާކަނޑުގެ އަޑިއަށް ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތަކީ އެންމެ އުނދަގޫ މަސައްކަތެވެ. އެކަމަކު ހުރިހާ ތަނބެއްގެ ވެސް ކޮންކްރީޓް މަސައްކަތް ނިމި ތަނބުތައް ހުރީ ފެނުން މައްޗަށް ފެންނާށެވެ.

މެއިން ބްރިޖު ނުވަތަ މާކަނޑުގައި ހިމެނޭ ބައިގެ ދެ ފަރާތުގައި ހުންނަ 35 ތަނބާއި އެޕްރޯޗް ބްރިޖުގެ 88 ތަނބުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށް ދަނީ މެއިން ބްރިޖުގެ ތަނބުތަކުގެ ވީ އަކުރެއްގެ ސިފައިގައި އިންނަ ކެޕިން އެޅުމުގެ މަސައްކަތެވެ. މާލެ އާއި ހުޅުލޭ ކޮޅުގައި އަޅާ އެޕްރޯޗް ބްރިޖު ގުޅުވާލާނީ މާކަނޑުގައި ހިމެނޭ މެއިން ބްރިޖާ އެވެ.

ބްރިޖުގެ ފުރަތަމަ އައިބީމް މިއަދު އަޅަނީ. --ފޮޓޯ: ހައުސިން މިނިސްޓްރީ

ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ބްރިޖު ނިންމަމުން އަންނައިރު، ޝެޑިއުލަށް ވުރެން މާ އަވަހަށް ސީސީސީސީން މަސައްކަތް ނިންމަމުން އަންނަ ކަަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމަން އެއްބަސްވެފައިވާ ބްރިޖު ޖުލައި 26ގައި ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.