ބްރިޖު މަޝްރޫއުގެ ކުރެހުން ފުރަތަމަ ފަހަރަށް އާއްމުކުރުމާ އެކު ގިނަ ބަޔަކު ކުރީ މި ސުވާލެވެ؛ އެ ކުރެހުމާ އެއްގޮތަށް މާލެ އާއި ހުޅެލެއާ ދެމެދު، މާ ކަނޑުގައި ބިޔަ ތަނބުތަކެއް ފެނުން މައްޗަށް އަރާފައި ހުރި މަންޒަރު ހަގީގަތަކަށް ވެދާނެ ހެއްޔެވެ؟ އެކަން ނުވާނެ ކަމަށް ގިނަ ބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ.
އެކަމަކު، ބްރިޖު އަޅާ ޗައިނާގެ ސީސީސީސީ އިން ދިވެހިންނަށް ދެއްކި ކުރެހުން އެ ވަނީ ހަގީގަތަކަށް ހަދައިފަ އެވެ.
އެ ކުންފުނިން ދެއްކި ކުރެހުމާ އެއްގޮތް ފޮޓޯއެއް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެ ވަނީ، މިދިޔަ ހޯމަ ދުވަހު އާއްމުކުރައްވައިފަ އެވެ. އެ ފޮޓޯއާ އެކު މާބޮޑު ތަފްސީލެއް މިނިސްޓަރު ނުދެއްވި ނަމަވެސް، ބްރިޖުގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިމޭނެ ކަމަށް ސުވާލު އުފައްދާ މީހުންނަށް ވެސް ކޮންމެވެސް ޖަވާބެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ބްރިޖުގެ މަސައްކަތް ޝެޑިއުލަށް ވުރެން ބާރަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީން ތަކުރާރުކޮށް ބުންޏަސް ބައެއް މީހުންނަށް އެކަން ގަބޫލެއް ނުކުރެވެ އެވެ. އެހެންކަމުން، ބްރިޖުގެ ކުރެހުމުން ފެންނަ ތަސްވީރާއި ބްރިޖުގެ އަސްލު ފޮޓޯ ފެނުމުން، މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަން ސާފުވާނެ އެވެ.
ބްރިޖުގެ ކޮން ކްރީޓް ހުރިހާ މަސައްކަތެއް މިހާރު ކުރިއަށްދަނީ ޑެކު އެޅުމުގެ މަސައްކަތެވެ. މާލެ ސަރަހައްދުން ޑެކް އެޅުމުގެ ބޮޑު ބައެއް ވެސް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ބްރިޖުގެ މަސައްކަތްތައް މުޅިން ނިންމައި މި އަހަރުގެ ޖުލައި 26 ގައި ހުޅުވާނެ އެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.