މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ އެންމެ ގޮންޖެހުންބޮޑު ގިނަ މަސައްކަތްތަކެއް ނިންމައި، މާދަމާ ޑެކުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ބްރިޖުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ދައްކާލަން ނޫސްވެރިން މިއަދު ވަނީ ސައިޓަށް ގެންގޮސްފަ އެވެ. މާކަނޑުގެ އަޑިއަށް ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތަކީ އެންމެ އުނދަގޫ މަސައްކަތެވެ. އެކަމަކު ހުރިހާ ތަނބެއްގެ ވެސް ކޮންކްރީޓް މަސައްކަތް ނިމި ތަނބުތައް ހުރީ ފެނުން މައްޗަށް ފެންނާށެވެ.

މެއިން ބްރިޖު ނުވަތަ މާކަނޑުގައި ހިމެނޭ ބައިގެ ދެ ފަރާތުގައި ހުންނަ 35 ތަނބާއި އެޕްރޯޗް ބްރިޖުގެ 88 ތަނބުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށް ދަނީ މެއިން ބްރިޖުގެ ތަނބުތަކުގެ ވީ އަކުރެއްގެ ސިފައިގައި އިންނަ ކެޕިން އެޅުމުގެ މަސައްކަތެވެ. މާލެ އާއި ހުޅުލޭ ކޮޅުގައި އަޅާ އެޕްރޯޗް ބްރިޖު ގުޅުވާލާނީ މާކަނޑުގައި ހިމެނޭ މެއިން ބްރިޖާ އެވެ.

ކެޕިންގެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށް ބްރިޖު އަޅާ ޗައިނާގެ ސީސީސީސީ ކުންފުނިން ބުންޏެވެ. ކެޕިންގެ މަސައްކަތް މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނިމުމުން، ތަނބުތަކާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ގާތްގަނޑަކަށް ނިމުނީ އެވެ.

މެއިން ބްރިޖު ނުވަތަ މާކަނޑުގައި ހިމެނޭ ތަނބެއް: ހުރިހާ ތަނބެއްގެ މަސައްކަތް ވެސް ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މެއިން ބްރިޖު ނުވަތަ މާކަނޑުގައި ހިމެނޭ ތަނބެއް: ހުރިހާ ތަނބެއްގެ މަސައްކަތް ވެސް ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑެކުގެ މަސައްކަތް ނުވަތަ އައިބީމް ތައްޔާރުކުރުމުގެ މަސައްކަތަށް ސީސީސީސީ އޮތީ ތައްޔާރުވެފައި ކަމަށެވެ. މިއާއެކު ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ މަސައްކަތް މި ފެށުނީ އެވެ.

"އިރާދަކުރެއްވިޔާ މާދަމާ ފުރަތަމަ އައިބީމް، އެއީ ޑެކުގެ ސްޓްރަކްޗާގެ ބައެއް މާލޭ ކޮޅުން ފަށާނެ. އެހެންވީމަ ވަރަށް ތާރީޚީ ކަމެއް، ފުރަތަމަ އައިބީމް ޕްލޭސްކުރެވިގެން އެ ދަނީ، އެޕްރޯޗް ބްރިޖުގައި އެކަނި ވެސް 240 އައިބީމް ސެގްމަންޓް ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ބޭނުންވާ އަދި ބްރިޖުގެ އެހެން މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ހަމަކޮށް މިހާރު ވަނީ ސައިޓަށް ގެންގޮސްފަ އެވެ. ރައްޔިތުން ހިތްހަމަޖެހޭ ފަދަ ފެންވަރެއްގައި މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖުގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ބްރިޖުގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހުރިހާ މަސައްކަތެއް މުޅިން ނުނިމުނަސް، މިނިސްޓަރު ވިދާޅުވީ މި އަހަރު ނިމޭއިރު އެންމެންގެ ލޯމައްޗަށް ބްރިޖު ފެންނާނެ ކަމަށެވެ.

ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ބްރިޖު ނިންމަމުން އަންނައިރު، ޝެޑިއުލަށް ވުރެން މާ އަވަހަށް ސީސީސީސީން މަސައްކަތް ނިންމަމުން އަންނަ ކަން މިނިސްޓަރު މިއަދު ވެސް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ. އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމަން އެއްބަސްވެފައިވާ ބްރިޖު ޖުލައި 26ގައި ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ބްރިޖަކީ ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި އެންމެ ބޮޑު ރިޔާސީ ވައުދެވެ. ބްރިޖާއެކު އިގްތިސާދީ ގޮތުން ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި ރައްޔިތުންނަށް އެކަން ފަހިކޮށްދޭން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މީގެކުރީ ސަރުކާރުތަކުން ވެސް ބްރިޖު އެޅުމުގެ ވާހަކަތަކެއް ދެއްކި ކަމަށާއި އެކަމަކު ދިވެހިންގެ ހުވަފެން ހަގީގަތަކަށްވެ، ބްރިޖުމަތިން ދަތުރުކުރުކުރުމުގެ ފުރުސަތު މި ލިބެނީ މި ސަރުކާރުގައި ކަމަށެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.