ރާއްޖޭގެ ސިޔާސީ މައިދާން މިހާރު އޮތް ގޮތުން ފިކުރު ތަފާތު ދެ މީހަކު އެކުގައި ސައިތައްޓެއް ބޯލުމަކީ ވެސް ކުށަކަށް ވެދާނެ އެވެ. ވަޒީފާގެ ބިރުން ނުވަތަ ހުންނަ މަގާމު ގެއްލިދާނެތީ އެ މަންޒަރު ގިނަ ފަހަރަށް ނުވެސް ފެނެ އެވެ. އެކަމަކު އިއްޔެ ވަރަށް ތަފާތެވެ.

ފުލުހުންގެ ތަހުގީގުގައި ފޯނު ހުޅުވައި ނުދިން މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރުމާ އެކު، ފެނިގެން ދިޔައީ ވެސް އެފަދަ މަންޒަރެކެވެ. އޭނާ ކޯޓުން ބޭރަށް ނިކުމެވަޑައިގެންނެވި އިރު، އެ ސަރަހައްދުގައި ސަލާމަތީ ކަންތައް ބަލަހައްޓަން ތިބި ފުލުހުންނާ ސަލާމް ކުރައްވައިފަ އެވެ.

ސޯޝަލް މީޑިއާގައި ފަތުއަޑު ކިޔާފައި އިއްޔެ ފެތުރިގެން ދިޔައީ، އަބްދުﷲ ރިޔާޒް ފުލުހުންނާ ސަލާމް ކުރައްވަނިކޮށް، މިހާރުގެ ފޮޓޯގްރާފަރު ހުސައިން ވަހީދު ނަގާފައިވާ ދެ ފޮޓޯ އެވެ.

ފުލުހުންގެ ޖިޕެއްގައި އިން އެސްއޯ ފުލުހަކާ ސަލާމް ކުރައްވާތަން އެއް ފޮޓޯ އިން ފެންނަ އިރު އަނެއް ފޮޓޯ އިން ފެންނަނީ މަގުމަތީގައި ހުރި އެހެން އެސްއޯ ފުލުހަކާ ވަރަށް އެކުވެރި ގޮތަކަށް ސަލާމް ކުރައްވާ ތަނެވެ.

މި ފޮޓޯތަކުން، ކުރީގެ ފުލުހުންގެ ވެރިޔާ އާއި ފުލުހުންނާ ދެމެދު އޮތް ގުޅުން ވަރަށް ރަނގަޅަށް ފެނުނެވެ. ސޯޝަލް މީޑިއާގައި މި ފޮޓޯ އެހާ ބާރަށް ދައުރުވީ ވެސް އެހެންވެ އެވެ.

ރިޔާޒު އިއްޔެ ކްރިމިނަލް ކޯޓުން ނިކުންނަވައި ފުލުހަކާ ސަލާމް ކުރައްވަނީ: އަބަދު ވެސް ފުލުހުންނަށް ގަދަރު ކުރައްވާ ކަމަށް ރިޔާޒު ވިދާޅުވި. -- ފޮޓޯ: ހުސަން ވަހީދު/ މިހާރު
ރިޔާޒު އިއްޔެ ކްރިމިނަލް ކޯޓުން ނިކުންނަވައި ފުލުހަކާ ސަލާމް ކުރައްވަނީ: އަބަދު ވެސް ފުލުހުންނަށް ގަދަރު ކުރައްވާ ކަމަށް ރިޔާޒު ވިދާޅުވި. -- ފޮޓޯ: ހުސަން ވަހީދު/ މިހާރު

"މި ފެންނަނީ ޕްރޮފެޝަނަލިޒަމް. މިއީ މި ފަހަކަށް އައިސް އަހަންނަށް ފެނުނު އެންމެ ރީތި ފޮޓޯ،" އަހަރުގެ ފޮޓޯގެ ގޮތުގައި ފޭސްބުކްގައި ދައުރުވަމުން އަންނަ އެ ދެ ފޮޓޯ އަށް މީހަކު ކޮމެންޓް ކުރި އެވެ.

"އެއީ ޓީޗަރަކާއި އޭނާގެ ދަރިވަރެއް. މި ފެންނަނީ އިހްތިރާމާއި ޕްރޮފެޝަނަލިޒަމް. ސިޔާސީ ހިޔާލު ތަފާތުތައް ހުރި ނަމަވެސް މި ފަދަ ރީތި މަންޒަރުތައް ގިނަ އިން ފެންނާނެ ނަމައޭ ހިތަށް އަރާ،" އެހެން މީހަކު ކޮމެންޓް ކުރި އެވެ.

ވަރަށް ޕޮޒިޓިވް ގޮތަކަށް ސޯޝަލް މީޑިއާގައި މި ފޮޓޯ ދައުރުވަމުން ދާތީ ހިތްހަމަޖެހިވަޑައިގެން ހުންނެވި އަބްދުﷲ ރިޔާޒު ވިދާޅުވީ ފުލުހުންނަށް އޭނާގެ ހިތުގައި އަބަދުވެސް އާދަޔާ ހިލާފު ލޯތްބެއް އޮންނަ ކަމަށެވެ. ކުށެއްގެ ތުހުމަތުގައި އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރި ނަމަވެސް، އަދި މައްސަލައެއްގައި ކޯޓަށް ގެންދެވި ނަމަވެސް ފުލުހުންނަށް އޭނާ ގަދަރު ކުރާ ކަމަށް ވިދާޅުވި އެވެ.

"އެއީ (ފުލުސް އޮފީހަކީ) އަޅުގަނޑު ވަރަށް ގިނަ ވަގުތު ހޭދަކޮށްފައިވާ ތަނެއް. (އެ އިދާރާގެ) އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް، ޕްރޮފެޝަނަލް ތަނެއްގެ ގޮތުގައި ހެދުމަށް ބުރަ މަސައްކަތްތަކެއް ވާނީ ކުރެވިފައި. އެހެންވެ، ހުރިހާ ފުލުހުންނަށް ވެސް ހާއްސަ ގަދަރެއް އޮވޭ،" ރިޔާޒު ވިދާޅުވި އެވެ.

ފުލުހުންގެ އެކި މަގާމުތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހޭދަ ކުރެއްވުމަށް ފަހު، ފުލުހުންގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ރިޔާޒް އައްޔަން ކުރެއްވީ 2012 ވަނަ އަހަރު، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި އޭނާ އަހަރަކަށް ވުރެ ގިނަ ދުވަހު ހުންނެވި އެވެ.

"މަގާމުގައި ހުރި އިރު ވެސް އަޅުގަނޑު ފުލުހުންނާ ގާތް ގުޅުމެއް ބޭއްވިން. އެހެންވެ، މިހާރު ފުލުހަކު ފެނުނަސް ނެޗުރަލީ ގޮތުން އަންނަ އެޓްރެކްޝަނެއް އެއީ. އިއްޔެ ވެސް ވީ ހަމަ އެހެން،" އޭނާ ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ފުލުހުންގެ ތެރޭގައި އޭނާ ކުރެއްވި މަސައްކަތް، ފުލުހުން ބަލައިގަންނަ ކަމަށާއި މިނިވަން ތަނެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާ ބޭއްވުމަށް ކުރި މަސައްކަތް އެ މީހުންނަށް އެނގޭނެ ކަމަށެވެ.

މި ދެ ފޮޓޯ އަށް ލިބޭ ތައުރީފާއެކު، އޭގައި ތިބި ފުލުހުންގެ ކުރިމަގާ މެދު ވެސް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ސިޔާސީ މިހާ ހަލަބޮލި ދުވަސްވަރެއްގައި، އަދި އިދިކޮޅު ފަރާތްތަކާއެކު އެންމެ އިސްކޮށް އުޅުއްވާ ރިޔާޒާ މިހާ ގާތްކޮށް ސަލާމް ކުރެއްވުމުން އެ ފުލުހުންގެ ވަޒީފާ އަށް ވާނެ ގޮތަކާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެ އެވެ.

"އުއްމީދު ކުރަން މިހާ ރީތި މަންޒަރެއް ދެއްކީމަ، އެ ފުލުހުންނާ މެދު ދެރަ ގޮތެއް ނުހަދާނެ ކަމަށް،" ޓްވިޓާގައި އެ ފޮޓޯ އަށް ކޮމެންޓް ކުރި މީހަކު ބުންޏެވެ.