ޝަރީއަތަށް ނުފޫޒު ފޯރުވޭ ގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާ ގުޅޭ ކަންކަމުގައި ބަޔާންދީ މީޑިއާގައި ޝާއިއުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުން މިރޭ ދީފި އެވެ.
އެ ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ދައުލަތުގެ ވެރިންނާއި މުއައްސަސާތަކާއި އާންމު ފަރުދުން ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ގާނޫނު އަސާސީގައި ސާފު ބަހުން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކޯޓުތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހިނގާ ކަންކަމުގައި ގާނޫނުތަކާއި ގަވައިދުތަކުގެ ހުދޫދުގެ ތެރޭގައި އެންމެންގެ ބަސްމަގާއި އަމަލުތައް ބެހެއްޓުމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް އަންގާފައި ވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުގެ އްޔަތުގެ މައްޗަށް ރިއާޔަތްކޮށް، އެފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމަށާއި ތަކުރާރުކޮށް އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީގޮތުން އަޅާންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުން ގެންދާނެކަން އެންގީމެވެ." ކޯޓުގެ ބަޔާނުގައިވެ އެވެ.
ނަމަވެސް މި ބަޔާން ނެރުނީ ކަނޑައެޅިގެން ކޮން މައްސަލައެއްގައި ކަމެއް ބަޔާނުގައި ފާހަގަކޮށްފައެއް ނުވެ އެވެ.