އަސޭލާއާ ބައްދަލުވީ ފާރިސްގެ ފަރާތުން: ރައީސް

މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ސިހުރު ހަދަން ގެނައި ކަމަށް ބުނާ، ސްރީ ލަންކާގެ އަސޭލާ ކިޔާ މީހަކާ ބައްދަލުވެވަޑައިގަތީ އޭރު އެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސްގެ ފަރާތްޕުޅުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ޕީޕީއެމްއަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ އަސޭލާ ކިޔާ މީހަކު އެމަނިކުފާނަށް ތައާރަފްކޮށްދެއްވީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ކަމަށެވެ.

"އަސޭލާ ކިޔާ މީހަކާ ބައްދަލުވި. އެންމެ ފުރަތަމަ ވެސް ބައްދަލުވީ ޕީޕީއެމްގެ އޮފީސް ތެރެއިން ފާރިސްއާ ބައްދަލުކުރަން އައިސް އިންދާ. [ޕީޕީއެމްގެ] ކައުންސިލްގެ ބައްދަލުވުމަކަށް އައިސް އިންދާ ފާރިސް އަޅުގަނޑަށް [އަސޭލާ] ތައާރަފް ކޮށްދެއްވީ. ދެން އޭނަވީ އަޅުގަނޑުގެ ޅިޔަނު މަނިކުގެ ވަރަށް ގާތް މީހަކަށް،" ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުމަށް އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް އަސޭލާ ސިހުރި ހަދައިދިން ކަމަށް މީޑިއާގައި ފެތުރުނު ވާހަކަތަކާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑު މިއީ ފަންޑިތަ އާއި ސިހުރު ގަބޫލުކުރާ މީހެއް ނޫން،"

ރައީސް ޔާމީން ވިދާޅުވީ "ފަންޑިތަ އާއި ސިހުރާއި ކަޅު ކާޅު ގެންގުޅުނީ އަޅުގަނޑުތޯ" ކަމަށެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނިއުސް ބްރީފިންގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އޭނާ [އަސޭލާ] ލައްްވާ ކީއްކުރަންތޯ ފަނޑިތަ ހަދަންވީ؟ އޭނާ އަކީ ސިންގަޅައެއް. ފަންޑިތަ އާއި ސިހުރު ހަދަންޏާ ހަދަންވީ އަރަބި އިސްލާމް ދަންނަ މީހުން ލައްވާ ނޫންތޯ؟ އެއިން މީހަކު ރާއްޖެ އިން ހޯއްދަވަ ބައްލަވާ. އެކަހަލަ މީހަކާ އަޅުގަނޑު ޓާސްކްކުރިތޯ،" މީގެ ކުރިއާ ޚިލާފަށް ނޫސްވެރިން ބޭނުން ކޮންމެ ސުވާލަކަށް ފުރުސަތު ދީގެން ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަންޑިތަ އާއި ސިހުރަކީ މީހުން ގަބޫލުކުރާ އެއްޗެއް ނޫން ކަމަށެވެ. އަދި ފަންޑިތަ ހަދައިގެން ދިވެހި ރައްޔިތުންގެ ލޯބި ހޯދިދާނެ ކަމަށް ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެން ގަބޫލުކުރަންޏާ އަޅުގަނޑުމެން ސިޔާސީ މީހުން ނުކުމެ މަސައްކަތްކުރާނެ ކަމެއް ނެތެއް ނޫންތޯ؟ ފަންޑިތަ ހަދާ މީހެއްގެ ފަހަތުގައި ހުންނަންވީ ނޫންތޯ؟ އޭނާ އަށް ކަންނޭގެ ފުރަތަމަ ވެރިކަން ލިބޭނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އަސޭލާއާ ބެހޭ ގޮތުން ރާއްޖެ ޓީވީން ތައްޔާރުކުރި ޑޮކިއުމަންޓްރީގައި ރައީސް ޔާމީންގެ އަޑުކަމަށް ބެލެވޭ އަޑަކާ ބެހޭ ގޮތު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އަޑު އެކި ގޮތްގޮތަށް ބަދަލު ގެނެވޭ ކަމަށެވެ. އަދި އޯޑިއޯ އަކީ ޝަރީއަތަށް ސާބިތު ކުރެވޭނެ އެއްޗެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަޑު އެކި ގޮތްގޮތަށް ގެނެވޭ ގޮތްތައް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ތިކަހަލަ ކިތައް އޯޑިއޯ އަޅުގަނޑުމެންނަށް ހެދިދާނެތޯ ޑޮނަލްޑް ޓްރަމްޕާ ބެހޭ ގޮތުން؟ އެއީ ޝަރީއަތަށް ސާބިތުކުރެވޭނެ އެއްޗެއްތޯ؟،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަސޭލާގެ ހުރިހާ ކަމެއް ބިނާކުރަނީ ސިހުރަށެވެ.

"އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައު މިއީ މޮޔަވެފައި ތިބި ބައެއްތޯ ސިހުރުގެ ތެރެއިން ހުރިހާ ކަމެއް ކުރެވޭނެ ކަމަށް. އެއީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް. އަޅުގަނޑުމެންގެ މުޅި އޮޕޮޒިޝަންގެ މުޅި މަސްދަރަކީ ސިހުރުގެ މައްޗަށް އޮތް މަސްދަރެއްތޯ؟ އަޅުގަނޑު ބަލިކުރަންވީ ނޫންތޯ ސިޔާސީ މައިދާނުގައި. އަޅުގަނޑު ސިޔާސީ މައިދާނުގައި ބަލިކުރުން މާ ރަނގަޅުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ސިހުރުގެ ވާހަކަ ދައްކައިގެން އަޅުގަނޑު ބަލިކުރެވޭނެހެން ހިއެއްނުވޭ."

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ޕީޕީއެމާ ގުޅިވަޑައިގަތުމުގެ ހަފުލާގެ ތެރެއިން ރައީސް ޔާމީން މިރޭ ބޭއްވެވި މި ނިއުސް ބްރީފިންގައި، ނޫސްވެރިން އެމަނިކުފާނާ ކުރަން ބޭނުން ކޮންމެ ސުވާލަކަށް ފުރުސަތު ދެއްވި އެވެ. ގިނަ ދުވަސްތަކަކަށް ފަހު، ރައީސް ޔާމީން ނޫސްވެރިންގެ ކުރިމައްޗަށް މިރޭ ވަޑައިގެން ބޭނުން ކޮންމެ ސުވާލަކަށް އަދި ވަގުތަށް ބެއްލެވުމެއް ނެތި ފުރުސަތު ދެއްވުމަކީ އެމަނިކުފާނުގެ ފަރާތްޕުޅުން މިހާތަނަށް ފެނިފައިވާ ކަމެއް ނޫނެވެ.