ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންނާ އެކު މަޖިލީހުގެ ޖަލްސާ އަށް މިއަަދު މެންދުރު ހާޒިރުވެވަޑައިގަންނަވާއިރު ހުރަސްނޭޅުމަށް ސަލާމަތީ ބާރުތަކަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ރޭ ގޮވާލައްވައިފި އެވެ.
މ. ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި މަހްލޫފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ ވާޖިބު އަދާކުރައްވަން މަޖިލީހަށް ވަޑައިގަންނަވާއިރު ފުލުހުންނާއި ސިފައިން ހުރަސްއެޅުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށެވެ. މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން މާދަމާ ޖަލްސާ އަށް ހާޒިރުވެވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސީހު ވަކިކުރަން މިހާރު ވަނީ ވިޕްލައިން ނެރެފައި. މާދަމާގެ ޖަލްސާގައި މަސީހު މަގާމުން ދުރުކުރާނެ،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވި ނަމަވެސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކުރި މިއަދުގެ ޖަލްސާ ކެންސަލްކޮށް، ދެން އެންމެ އަވަހަށް ވެސް ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށް މަޖިލީހުން ވަނީ އަންގައިފަ އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި މެމްބަރުން މަޖިލީހަށް ވަދެވަޑައިގަތުމަށް ސަލާމަތީ ބާރުތަކުން ހުރަސްއެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ރައީސް އޮފީހަށް ވެންނެވުމަށް، އަދި ފަނޑިޔާރުން ސުޕްރީމް ކޯޓަށް ވެންނެވުމަށް ހުރަސްއެޅުން ފަދަ ކަމެކެވެ. ގާނޫނުއަސާސީގައި ތިން ބާރު ވަކިކޮށްފައިވާއިރު، އެއް ބާރު އަނެއް ބާރުގެ މައްޗަށް ވެރިވެގަނެ، ގާނޫނާ ޚިލާފު އަމަލުތައް ހިންގުން ހުއްދަކޮށްފައި ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގިޔަ ނުދޭން ސަރުކާރުން އެތައް ގޮތަކުން ހުރަސް އަޅައި ބެރިކޭޑް ޖަހައި މެމްބަރުންގެ ގޮނޑި ގެއްލުވާލިއަސް، އެ ވޯޓު ކާމިޔާބު ނުކުރެވޭނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ ކަމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި މެމްބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނާއި މަޖިލީހަށް ވެސް ކަނޑަނޭޅޭނެ ކަމަށާއި ގޮނޑިއާ މެދު ސުވާލެއް އުފެދިއްޖެ ނަމަ އެކަމާ މެދު ގޮތް ނިންމާނީ ސުޕްރީމް ކޯޓުން ކަން ވެސް މަހްލޫފް ފާހަގަކުރެއްވި އެވެ.
މަސީހު ވަކިކުރުމަކީ މަޖިލިސް މިނިވަންކުރަން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި މަޖިލީހުގެ ރިޔާސަތުގައި އިންނެވުމުގެ ގާބިލްކަން އެމަނިކުފާނުގެ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ކުރީ މަޖިލީހުގެ ރިޔާސަތުގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އިންނެވިއިރު، އޭނާ އަށް ނިސްބަތް ކުރައްވައި މަގާމުން އެކަށީގެން ނުވާ ބޭފުޅެއް ކަމަށް ވިދާޅުވެވުނީތީވެ، އެކަމަށް އޭނާ މާފަށް ވެސް އެދިވަޑައިގަތެވެ.
ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން މަހްލޫފް ވިދާޅުވީ، މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ރައީސް ދެއްކެވި ވާހަކަފުޅުން އެކަނި ވެސް މުއައްސަސާތަކުގެ ތެރޭގައި އެމަނިކުފާނުގެ ނުފޫޒް އޮތް މިންވަރު ހާމަވާ ކަމަށެވެ. މި ހާލަތަށް ގައުމުގެ ކަންކަން ގޮސްފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި މުއައްސަސާތައް މެދުވެރިކޮށް ގާނޫނާ ޚިލާފަށް މި ސަރުކާރުން ކުރާ ކަންކަން އިދިކޮޅު ފަރާތްތަކުން ހުއްޓުވާނެ އެވެ. އެކަން ވަރަށް އަވަހަށް ކާމިޔާބުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.