މިއީ ވެރިކަމާ ހެދި އުޅެންވީ ވަގުތެއް ނޫން، މިއީ މައްސަލަތަކާ މެދު މަޝްވަރާ ކުރަންވީ ވަގުތު: ރައީސް

މިއީ ސިޔާސީ ނުތަނަވަސް ކަމާއެކު ވެރިކަމާ ތަޅާފޮޅަންވީ ވަގުތު ނޫން ކަމަށާއި އޭގެ ބަދަލުގައި މިއީ ގައުމަށް ދިމާވެފައިވާ ހަގީގީ މައްސަލަތަކާ މެދު މަޝްވަރާކުރަންވީ ވަގުތު ކަމަށް ވިދާޅުވެ، އެކަންކަން ހައްލު ކުރުމަށް އިދިކޮޅު ލީޑަރުންނަށް ރައީސް އަބްދުﷲ ޔާމީން މިރޭ ދައުވަތު ދެއްވައިފި އެވެ.


ހުޅުމާލޭގައި "ފެހިރެސް" ނެއިބަހުޑް ޕާކާއި "ފެހިވެނި" އިޖުތިމާއީ މަރުކަޒު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިނިވަންކަމާ އެކު އުއްމީދީ ނޭވާއެއް ދިވެހިންނަށް ލެވޭނީ މިހާރު ހިންގާ ރަހުމުކުޑަ އަމަލުތައް މުޖުތަމައުން ފޮހެލައިގެން ކަމަށެވެ. އަދި އެކަންކަން ހުއްޓުވުމަށް އެ މަނިކުފާނާ އެކު އިދިކޮޅު ލީޑަރުން ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު ދެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މީގެ ކުރިން ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލު ކުރަން "ތިމަންނަ ވެސް ތައްޔާރަށް" ހުރި ކަމަށް، ސިޔާސީ ހަތަރު ލީޑަރުން ވެސް އާނބަސް ވިދާޅުވާން އެ މަނިކުފާނު އެދިވަޑަައިގަންނަވާ ކަމަށެވެ. އަދި އެކަންކަން ހައްލުކޮށްދެއްވުމުގެ އެހީތެރިކަމަށް ވެސް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"އެ ކަންކަން ހައްލުކޮށްދެއްވާ. ދާދިފަހުން މި ދިމާވި ރިޝްވަތުގެ މައްސަލަތައް އެކުގައި ހައްލުކުރަން ހިނގާ. އޭރުން އެމްއެމްޕީއާރުސީގެ މައްސަލަ ހައްލުވާ ގޮތަށް ދެން ހުރި މައްސަލަތައް ވެސް ހައްލުވާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ތަރައްގީ ގެނެސް، ހުޅުމާލެ ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އިދިކޮޅު ފަރާތްތަކުން ރައްޔިތުންނާ ބައިވެރިވުން މުހިންމެވެ. އަދި ހެޔޮ އެދޭ އެއްވެސް ލީޑަރަކު ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބުމަށް ހުރަސް ނާޅާނެ ކަމަށާއި ގިނަ ވަޒީފާތަކެއް އުފައްދަވައިގެން އެ މަނިކުފާނު ކުރައްވަނީ އެހެން ބޭފުޅުންނަށް ނުކުރެއްވުނު ކަމެއް ކަމަށާއި އެހެންވެ، އެ އެކަންކަން ފުރިހަމަ ކުރުމަށް އެ މަނިކުފާނަށް ވަގުތުކޮޅެއް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ މި ދަނޑިވަޅު ތަޅާފޮޅުމަށް ވުރެ ރަނގަޅުވާނީ ގުޅިގެން މަސައްކަތް ކުރުން ކަމަށާއި ތަޅާފޮޅާނީ 2018ގެ ރިޔާސީ އިންތިހާބު ކައިރިވުމުން ކަމަށެވެ.

ރާއްޖޭގެ މަސްރަހު ހަލަބޮލި ވެގެން މި އުޅެނީ ގާނޫނުގައި މައްސަލަތަކެއް ހުރެގެން ނުވަތަ ޑިމޮކްރަސީ ފުރިހަމަނުވެގެން ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހުރީ އެއްގޮތަކަށް ވެސް ފުރިހަމަ ނިޒާމުތަކެއް ނޫން ކަމަށާއި އެއީ ލިޔެކިޔުން އެކުލަވާލާފައިވާ ގޮތުން ދިމާވެފައިވާ ކަމެއް ނޫން ކަމަށް ވެސް ވިިދާޅުވި އެވެ.

ހުޅުމާލޭގައި މިރޭ ހުޅުވި "ފެހިވެނި" އިޖުތިމާއީ މަރުކަޒު -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެހެން ދިމާވަނީ ކަންކަން ހިންގަން ތިބެނީ އިންސާނުން ކަމަށް ވުމުން. އިންސާނުންނަކީ އުނި ބައެއް. އެ ޒިންމާތައް އިންސާނުން އުފުލާއިރު އެ އުނިކަން ވެސް އަންނާނެ. އެއީ ވަކި ބަޔަކު އެކަންކަން ކުރަން ހަވާލުވީމަ ވާ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެކަމަކު އޭގެ ސަބަބުން ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ވެރިވާން ޖެހޭނެ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި، މުލައްދަނޑީގެ ބާރު ނޫން ގަދަ އެއްޗެއް ނޯންނާނެ ކަމަށް ގަބޫލު ކުރުމަކީ ގޯހެއް ކަމަށާއި ރާއްޖޭގައި އެހެން ހުރިހާ ކަމަކަށް ވުރެ ގާނޫނުތަކާއި ގާނޫނުއަސާސީ ބާރު ގަދަ ވާނެ ކަމަށް ވިދާޅުވި އެވެ.