މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި މި ދެ މީހުން މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ދެ މީހުން ވެސް ތިބީ، އޮފީހުގެ ޒިންމާދާރު މަގާމުތަކުގަ އެވެ. އޮފީހުގެ ގަވައިދުގައި އޮންނަ ގޮތުން، އެ ތަނުގެ ދެ މުވައްޒަފުން އެކަކު އަނެކަކާ ކައިވެނިކުރުން މަނާ ނަމަވެސް ލޯތްބަކީ މި ގަވައިދުތަކަށް ހުއްޓުވޭނެ އެއްޗަކަށް ނުވި އެވެ.

ދެ މީހުން ވެސް ކައިވެނި ކުރި އެވެ. އެކަމަކު އެކަން ކުރެވޭ ގޮތް ވީ، ކޮންމެވެސް އެކަކު ވަޒީފާއިން ވަކިވެގެންނެވެ.

ނޫހުގައި ނަން ނުޖެހުމަށް އެދިި ވާހަކަ ދެއްކި، މީރާގެ މުވައްޒަފު ބުނިގޮތުގައި އެތަނުގައި ވަޒީފާ އަދާކުރަމުން ދެ މީހުންނަށް ކައިވެނި ނުކުރެވޭނެކަން، ރައްޓެހިވުމުގެ ކުރިން ވެސް އެނގެ އެވެ. އެކަމަކު އޮފީސް ތެރެއިން ދިމާވެ، ފައްކާވި އެ ލޯތްބަށް އެކަމަކުން ބުރުލެއް ނޭރި އެވެ.

އެ ގުޅުން ކައިވެންޏާ ހަމައަށް ދިޔުމުން، އޮފީހުން ވަކިވާނީ ކާކުތޯ ސުވާލު ކުރަން ޖެހުނެވެ.

"އެހާ ހިސާބުން ބެލީ ކާކަށްތޯ (ވަޒީފާއިން ވަކިވެގެން) ގިނަ އޮޕޯޗުނިޓީސް ލިބެން ހުރީ. އެގޮތަށް ބަލައިގެން ފިރިމީހާ މީރާއިން ވަކިވެ، އެހެން ޖޮބެއް ހޯދީ،" އަންހެން މުވައްޒަފު ކިޔައިދިނެވެ.

އެ މީހުންނަށް ކައިވެންޏާ ހިސާބަށް ދެވުނީ އެ ހިސާބުންނެވެ.

ލޯތްބަށްޓަކައި މި ގުރުބާނީ ވާން ޖެހޭ ގިނަ މުއައްސަސާތަކެއް ރާއްޖޭގައި އެބަ ހުއްޓެވެ. ކިތަންމެ މަތީ ވަޒީފާއެއްގައި ހުއްޓަސް ކައިވެނީގެ ހުރަހަކަށް ވެފައި އޮންނަނީ ވަޒީފާ އެވެ. އެހެންވެ، ދެން ޖެހެނީ ދެ ކަމުން ކުރެ އެއް ކަމެއް ހިޔާރުކުރާށެވެ.

މީރާގެ އިތުރުން އޮޑިޓަ ޖެނެރަލް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ބޮޑެތި ތަންތަނުގައި ވެސް، ދެ މުވައްޒަފުންނަށް އެކަކު އަނެކަކާ ކައިވެންޏެއް ނުކުރެވެ އެވެ.

މި ފަދަ އުސޫލެއް އެކުލަވާލާފައި އޮންނަނީ، "ކޮންފްލިކްޓް" އުފެދިދާނެ ކަމަށް ބަލައި، އެ ނުރައްކަލުން ސަލާމަތްވުމަށެވެ.

ނޫހުގައި ނަން ނުޖަހަން ޝަރުތުކޮށް، މީރާގެ އިސް އޮފިޝަލަކު ވިދާޅުވީ މިފަދަ ކައިވެނިތަކުގައި އޮފީހުގެ އެތެރޭގެ މަސްލަހަތު ވެސް ހިމެނޭނެ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ނެންގެވީ އޮޑިޓް ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ މީހަކު، ލީގަލް ޑިޕާޓްމެންޓުގެ މުވައްޒަފަކާ ކައިވެނިކޮށްފި ނަމަ، ކުރިމަތިވެދާނެ މައްސަލަތަކެވެ.

އެއީ ކައިވެނިކޮށްގެން އުޅޭ މީހާއާ މެދު ލީގަލް ޑިޕާޓްމެންޓުން ގޮތެއް ނިންމަން ޖެހޭއިރު، މަސްލަހަތު ފުށުއަރާފާނެ ހާލަތަކަށް ވެދާނެ އެވެ.

"މިއީ ބޮޑު ކަންތައްގަނޑަކަށް ވެސް ވެދާނެ ފަދަ ކަމެއް. ކައިވެނި މި އަންނަނީ ޕެކޭޖެއްގެ ގޮތުގައި. ކައިވެންޏާ އެކު ވަރި ވެސް، ގޭތެރޭގެ މައްސަލަތައް ވެސް އަންނާނެ. މިއީ އޮފީހެއްގެ މަސައްކަތުގެ ތެރެއިން ފެންނަން ބޭނުން ވާނެ ކަމެއް ނޫން،" ދެ މުވައްޒަފުން ކައިވެނި ކުރުން މަނާ އޮފީހެއްގައި މަސައްކަތް ކުރެއްވި ވަކީލަކު ވިދާޅުވި އެވެ.

"މިސާލަކަށް ވަރަށް ބޮޑެތި ކުންފުނިތަކުގައި ދެ މުވައްޒަފުން ކައިވެނިކުރަން ހުއްދަ ދެވިދާނެ. އެކަމަކު އެކަން ވެސް އޮންނަން ޖެހޭނީ ޑިސްކަރޭޖް ކުރާ ކަމެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެމްއެންޑީއެފުގައި އެތަނުގެ ދެ މުވައްޒަފަކު ކައިވެނި ކުރަން ޖެހިއްޖިއްޔާ އެކަން ކުރެވިދާނެ ހާއްސަ އުސޫލެއް އެކުލަވާލާފައި އޮވެ އެވެ.

އެ އުސޫލުގެ ދަށުން، ސިފައިންގެ މީހަކު އިނދެ ވަރިކޮށްފައި ހުންނަ މީހަކާ ސިފައިންގެ އެހެން މީހަކަށް ނުއިނދެވެ އެވެ. އަދި ވަރަށް ފަހަކާ ޖެހެންދެން، އޮފިސަރު ލެވެލްގައި ތިބޭ މީހުންނަށް، ސިފައިންގެ ވަޒީފާގައި އެއަށް ވުރެ ދަށް ލެވެލްގެ މީހަކާ ކައިވެންޏެއް ނުކުރެވެ އެވެ.

އެކަމަކު އެކި ޝަކުވާތަކާއި މުވައްޒަފުން ކެނޑިގެން ހިނގައިދާނެ ކަމުގެ ބިރަށް، އެކި ފަަހަރުމަތިން އެ އުސޫލަށް ބަދަލުތައް ވަނީ ގެނެސްފަ އެވެ.

"މިތަނުގައި ކޮންމެ މީހަކަށް ވެސް ކައިވެނި ކުރެވިދާނެ. އެކަމަކު އެކަމަށް ހާއްސަ އުސޫލުތަކެއް އޮވޭ. އެ އުސޫލުތަކުގެ ދަށުން އެކަން ކުރަން ޖެހޭނީ،" ކައިވެނިކުރުމުގައި "މަނާ" އުސޫލެއް ނެތް ކަން ފާހަގަކުރައްވައި އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވި އެވެ.

ކައިވެނިކުރުމުގެ އުސޫލާ ބެހޭ ތަފްސީލެއް ނުދެއްވި ނަމަވެސް އެއް ކަމެއް އޭނާ ފާހަގަކުރެއްވި އެވެ. އެއީ ދިވެހި ސިފައިންނަށް ބިދޭސީންނާ ކައިވެނި ނުކުރެވޭނެ ކަމެވެ.

އެމްއެންޑީއެފާއި ކަސްޓަމްސްގައި ކައިވެންޏާ ގުޅޭ ގޮތުން މިފަދަ އުނދަގޫތަކެއް ހުރި ނަމަވެސް، ގިނަ ބަޔަކު ވަޒީފާ އަދާކުރާ ފުލުހުންގެ ތެރޭގައި "މަނާ" އުސޫލެއް ނޯވެ އެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި އެއީ އެތަނުން ގަބޫލުކުރާ އުސޫލުތަކެއް ނޫނެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި ކައިވެންޏަކީ ވަރަށް ޒާތީ ކަމެއް. އެކަން އެ މީހުން ކުރަނީ ކައިވެނި ނުވަތަ (ލޯބީ)ގެ ގުޅުމެއްގެ ސަބަބުން ކުރަން ޖެހޭ މަސައްކަތަށް ބުރުލެއް ނާންނާނެ ކަމަށް ބަލައިގެން. އެހެންވެ، އަޅުގަނޑުމެން ވެސް ގަބޫލުކުރަނީ ހަމަ އެ އުސޫލު،" ފުލުހުންގެ ތަރުޖަމާނު، ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ މީހަކަށް ވެސް ކަނޑައެޅިފައިވާ ވާޖިބުތަކަކާއި މަސައްކަތްތަކެއް ހުންނައިރު، އެކަން ދަނެގެން މަސައްކަތް ކުރާ ނަމަ، އެފަދަ "ކޮންފްލިކްޓްތައް" ދިމާވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"މިހާރު ވެސް މިތަނުގެ އޮފިސަރުން އެހެން އޮފިސަރުންނާ ކައިވެނިކޮށްގެން އުޅޭނެ. އަދި ކޮންމެ ރޭންކެއްގެ މީހަކަށް ވެސް އެހެން ރޭންކުތަކުގެ މީހުންނާ ކައިވެނި ކުރެވޭނެ. އެކަމުގައި އެއްވެސް ރިސްޓްރިކްޝަންއެއް ނޯންނާނެ،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެމަފިރިން އެއް ތަނެއްގައި މަސައްކަތް ކުރުމަކީ ގިނަ ފަހަރަށް އެ ތަނަށް ވެސް ލިބޭ ފައިދާއެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދެ މީހުންގެ ދެމެދުގައި އަދި މަސައްކަތާ މެދު އޮންނަ ގުޅުން ރަނގަޅު ވާކަން ވެސް ފާހަގަކުރެއްވި އެވެ.

ބައެއް އޮފީސްތަކުން އެތަންތަނުގެ ދެ މުވައްޒަފަކު ކައިވެނިކުރުން މަނާކޮށްފައި އޮންނަނީ ކުރިމަތިވެދާނެ އުނދަގުލަކަށް ބަލާފަ އެވެ. އެކަމަކު މިއީ ބައެއް ފަހަރަށް މުވައްޒަފުން އެންމެ ހިތްހަމަ ޖެހޭ ނިންމުމެއް ވެސް ނޫނެވެ. ބައެއް އޮފީސްތަކުގައި އެކަމާ ދެކޮޅަށް މުވައްޒަފުން ޕެޓިޝަން ފަދަ އެއްޗެހި ވެސް ތައްޔާރުކޮށްފައިވެ އެވެ. އެކަމަކު ގިނަ ފަހަރަށް އެ ތެދުވުން ކާމިޔާބެއް ނުވެ އެވެ. ދެން ޖެހެނީ ކައިވެންޏަށްޓަކައި، ކޮންމެވެސް އެކަކު ވަޒީފާއިން ވަކިވާށެވެ.