ފާރިސްގެ އެއްވެސް ސިޓީއަކަށް މަޖިލީހުން ޖަވާބެއް ނުދިން: މަައުމޫން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ މިދިޔަ މަހު ހައްޔަރުކޮށްފައިވާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން މަޖިލިހުގެ އިދާރާ އަށް ފޮނުވި ހަތް ސިޓީއަށް ވެސް އެ އިދާރާ އިން ޖަވާބުދާރީ ނުވާ ކަމަށް އޭނާގެ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ މަހުގެ 18 ގައި ފާރިސް ހައްޔަރުކުރި ފަހުން ބޭއްވި އެއްވެސް ޖަލްސާއަކަށް އޭނާ ހާޒިރުކޮށް ނުދިން މައްސަލާގައި މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދަށް، މައުމޫން ހަމީދު ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މެމްބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުއްދަތުގައި ބާއްވާ ޖަލްސާތަކަށާއި އެ މެމްބަރަކު ހިމެނޭ ކޮމެޓީތަކުގެ ބައްދަލުވުމަށް ހާޒިރުވުމުގެ ހައްގު މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާ އިން ލިބިދެ އެވެ.

ނަމަވެސް މަޖިލީހުގެ ބައެއް އޮފިސަރުންނާއި އިދާރީ މުވައްޒަފުންގެ އަމަލުތަކާ ހެދި، މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ފާރިސް އަށް ލިބޭ އެ ހައްގުން އޭނާ މަހްރޫމް ކޮށްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ފާރިސްއާ މެދު މަޖިލީހުގެ އިދާރާ އިން ގޯސްކޮށް އަމަލުކޮށްފައިވާ ހަ ކަމެއް މައުމޫންގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.

އޭގެ ތެރޭގައި މިދިޔަ މަހުގެ 31 ގައި ބޭއްވި ޖަލްސާގެ ނޯޓިސް ފާރިސް އަށް ފޮނުވާފައި ނުވުމާއި އެ ޖަލްސާ އަށް އޭނާ ހާޒިރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އަންގާފައި ނެތުން ހިމެނެ އެވެ. އަދި މިއަދު ބޭއްވި ޖަލްސާ އަށް ފާރިސް ހާޒިރުކުރުމާ ގުޅޭ ގޮތުން އެކަންކަން ފުރިހަމަކޮށްފައި ނެތުން ވެސް ސިޓީގައި މައުމޫން ފާހަގަކުރެއްވި އެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޝަރީއަތަށް ފަހު ފާރިސް އަނބުރާ މާފުށީ ޖަލަށް ގެންދަނީ.---މިހާރު ފޮޓޯ: ހުސެެއިން ވަހީދު

ފާރިސްގެ ފަރާތުން ފޮނުއްވި އެއްވެސް ސިޓީއަކަށް މަޖިލީހުން ޖަވާބު ނުދިން މައްސަލާގައި މައުމޫން ވަނީ، މަޖިލީހުގެ ގަވައިދުގައި ބުނާ، އަމީން އާންމުގެ މަސްއޫލިއްޔަތުތައް އަމީން އާންމު އަހުމަދަށް ހަނދާން ކޮށްދެއްވައިފަ އެވެ.

ފާރިސްގެ ވަކީލު މައުމޫން ވިދާޅުވީ އަމީން އާންމުގެ މައިގަނޑު އެއް މަސްއޫލިއްޔަތަކީ މެމްބަރުންގެ މަސައްކަތްތަކުގައި އެހީތެރިވުން ކަމަށް ގާނޫނުއަސާސީގެ 104 ވަނަ މާއްދާ އިން އެނގޭ ކަމަށެވެ. ހަމަ އެގޮތަށް މަޖިލީހުގެ އިދާރީ މުވައްޒަފުންނަކީ ވެސް މެމްބަރުންގެ މަސައްކަތުގައި އެހީތެރިވާން ތިބޭ ބައެއްކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފާރިސްގެ މައްސަލާގައި ފެންނަނީ މަޖިލީހުގެ މެމްބަރެއްގެ މަސައްކަތަށް މަޖިލީހުގެ އޮފިސަރުންނާއި އިދާރީ މުވައްޒަފުން އެހީތެރިވުމުގެ ބަދަލުގައި އެ މަސައްކަތަށް ހާމަކަން ބޮޑު ގޮތެއްގައި ހުރަސްއެޅުމުގެ އަމަލުތަކެއް ހިންގާ މަންޒަރު ކަމަށް މައުމޫން ވިދާޅުވި އެވެ.

ފާރިސްގެ ވަކީލު މައުމޫން ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"...އަހުމަދު ފާރިސް މައުމޫނަށް ލިބިގެންވާ ހައްގު ލިބިދިނުމުގައި އަދި އޭނާގެ މަސައްކަތަށް އެހީތެރިވުމުގައި ރައްޔިތުންގެ މަޖިލީހުގެ އޮފިސަރުންނާއި އިދާރީ މުވައްޒަފުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް އިންކާރުކުރާ ގާނޫނީ ހަމަ އަންގަވައި ދެއްވުމަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވި އެވެ،" މާފުށީ ޖަލުގައި ހައްޔަރުކޮށްފައިވާ ފާރިސްގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު މަޖިލީހުގެ އަމީން އާންމު އަހުމަދަށް ފޮނުއްވި ސިޓީގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މެމްބަރުންގެ ސޮއި ހޯދުމުގެ ބޭނުމުގައި ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ހައްޔަރުކޮށް، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ރިޝްވަތުގެ މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާ އުފުލާފައިވީ ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދިއެއް ނުފަށަ އެވެ.

ވެރިކަންކުރާ ޕީޕީއެމްގެ ލޯގޯ އާއި ދިދަ ގަވާއިދާ ޚިލާފަށް ބޭނުންކުރި މައްސަލާގައި ވެސް ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތް ދަނީ ހިނގަމުންނެވެ. އެ ޝަރީއަތް މަޑުޖައްސާލުމަށް ފާރިސްގެ ފަރާތުން އެދުނު ނަމަވެސް ގާޒީ ފާހަގަކުރެއްވި ނުކުތާތަކާ އެކު، ޝަރީއަތް ކުރިއަށް ގެންދަން މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ ނިންމައިފަ އެވެ.

އެ ދުވަހުގެ ޝަރީއަތުގައި ގާޒީ އިބްރާހިމް އަލީ ނިންމެވި ގޮތުން ނަމަ ދެން އޮންނާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން 30 ދުވަހުގެ މެދުކެނޑުމަކަށް ފަހު، ޝަރީއަތުގެ އަޑުއެހުންތައް ފެށުމެވެ. އިތުރު އަޑުއެހުމެއް ބާއްވަން ނުޖެހޭ ނަމަ ދެން އެ މައްސަލައިގެ އަޑުއެހުންތައް ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހު ކަމަށް ގާޒީ އިބްރާހިމް ވިދާޅުވެފައިވެ އެވެ.

ފާރިސްގެ މައްޗަށް ކުރާ ޝަހުސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތަކަށް މިދިޔަ ޖުލައި 23 ގައި ފާރިސް ހާޒިރުކުރުމުން، ބައްޕާފުޅު މައުމޫންއާ ސަލާމް ކުރައްވަނީ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލާގައި ފާރިސް ހައްޔަރުކޮށް، ބަންދުގައި ބަހައްޓަން އަމުރުކުރުމުން، އޭނާގެ ފަރާތުން ހައި ކޯޓުގައި އެކަން އިސްތިއުނާފް ކޮށްފައިވާއިރު މިހާރު އެ މައްސަލަ އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ދައުވާ ފާރިސްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ފާރިސްގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ. އަދި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ގަވާއިދާ ޚިލާފަށް ބޭނުންކުރި މައްސަލާގައި ކުރާ ޝަހުސު އޮޅުވާލުމުގެ ދައުވާގެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމާ އެކު ފާރިސްގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި މަޖިލީހަކަށް ހާޒިރެއް ނުވެވޭނެ އެވެ.