މާލޭގެ ބޮޑު ބަޔަކުން ދެންމެ ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ހަތަރު އަވަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ގޮސްފައިވާ ކަމަށެވެ. ނަމަވެސް ބެކަޕް ސިސްޓަމްގެ އެހީގައި ކަރަންޓު އަލުން ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މާލޭގެ ބޮޑު ސަރަހައްދަކުން ކެނޑިފައިވެ އެވެ.

އޭގެ ފަހުން މިދިޔަ ބުދަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސްޓެލްކޯ އިން ބުނީ މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލަ ދެނެގަތުމަށާއި އެ މައްސަލައަށް ހައްލެއް ހޯދަން ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ މާލޭގައި ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރަނީ ގިނަ ދުވަސްވެފައިވާ ސިސްޓަމަކަށް ވުމުން އެ ސިސްޓަމްގެ މައްސަލަތަކާ ގުޅޭ ދިރާސާތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސިސްޓަމަށް ދިމާވާ މައްސަލަތައް އެ ދިރާސާއިން ދެނެގަނެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.