ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒްގެ މައްޗަށް ކުރާ ދައުވާގެ ހުކުމް މިއަދު އިއްވަނީ

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ހުކުމް މިއަދު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.


ފިޔާޒްގެ މައްޗަށް ދައުވާކުރަނީ ނޮވެމްބަރ، 2015 ގައި މުލީއާގެ ކައިރިން ބޮމެއް ފެނިގެން މާލޭގެ ބައެއް ސަރަހައްދުތައް ފުލުހުން ބަންދުކޮށް، ހަރަކާތްތެރިވަމުން ދަނިކޮށް ބަންދު ކޮށްފައިވާ ސަރަހައްދަކަށް ފިޔާޒް ވަދެ، ފުލުހެއްގެ ގައިގައި އަތްލި ކަމަށް ބުނެ އެވެ.

އެ މައްސަލާގެ ހުކުމް މިއަދު މެންދުރު 3:00 ގައި އިއްވަން ކޯޓުން ހަމަޖައްސާފައިވާއިރު، އެ ދައުވާ ސާބިތުވެއްޖެ ނަމަ ފިޔާޒަށް އަންނާނީ ގާނޫނުލް އުގޫބާތުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ބައެއް ހާލަތްތަކުގައި އެ އަށް ވުރެ އަދަބު ބޮޑުވުމުގެ ފުރުސަތު އަދި ކުޑަވުމުގެ ފުރުސަތު ވެސް އޮވެ އެވެ.

އެ މައްސަލައިގެ ހުކުމް ކުރަން މީގެ ކުރިން ދެ ފަހަރަކު ތާވަލް ކުރިޔަސް ބައެއް ލިޔުންތަކުގައި ފިޔާޒްގެ ވަކީލުންގެ ފަރާތުން ސޮއި ނުކުރެވި އޮތުމުން އެކަން ފަސްކުރި އެވެ.