ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފްގެ އާއިލާ އަށް ދެމުން އައި ސެކިއުރިޓީ ކަނޑާލާފައިވާ ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން ކުއްލި ގޮތަކަށް ވަކިކޮށް، ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާ ބާރީ ފޭސްބުކްގައި ވިދާޅުވީ އޭނާގެ އަނބިދަރިންނަށް ފުލުހުން ދެމުން އައި ސެކިއުރިޓީ ކަނޑާލީ ބިރުދައްކަން ކަމަށްވާ ނަމަ، އެ ހީކުރެވުނީ ރަނގަޅަށް ނޫން ކަމަށެވެ. ކެރޭނަމަ އޭނާ މަރާލަން ވެސް ބާރީ އެދިވަޑައިގެންފައިވެ އެވެ.
ބާރީގެ އާއިލާ އަށް ދެމުން އައި ސެކިއުރިޓީ ކަނޑާލި ސަބަބާ ގުޅޭގޮތުން ފުލުހުން ވާހަކައެއް ނުދެއްކި އެވެ.
އެތަނުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދައުލަތުގެ އިސް ފަރާތްތަކަށް ދެމުން އަންނަ ސެކިއުރިޓީއާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާ ހިއްސާކުރާގޮތަށް ހަމަޖެހިފައި ނޯންނަ ކަމަށެވެ.
ބާރީއާ ދޭތެރޭގައި މި ފިޔަވަޅު އަޅާފައި މިވަނީ، ފަހަކަށް އައިސް އާދަޔާ ޚިލާފު ސްޓޭޓަސްތަކެއް ފޭސްބުކްގައި ލިއުއްވަމުން ގެންދަވަނިކޮށެވެ. އެ މެސެޖުތަކުގައި ނުސީދާކޮށް ވަރަށް ބޮޑަށް އެކި ކަންކަމަށް ފާޑުވިދާޅުވެފައިވެ އެެވެ.
ބާރީ ރޭ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތަކަށް އަމަލުކުރަން ބޭނުން ނުވާ ނަމަ، ގާނޫނުތައް ހަދައި ގެޒެޓްކޮށް، ޝާއިކުރުމުގެ އެއްވެސް ބޭނުމެއް ކަމެއް ނެތް ކަަމަށެވެ. މީސްތަކުންނަށް އަނިޔާވެރިވާނެ ގޮތާއި މުދަލާއި ފައިސާ ފޭރޭނެ ގޮތް ބަޔަކު ކިޔައިދިނުމުން، އެ މީހުން އެދޭ ހުރިހާ ކަމެއް އެދޭ ގޮތަކަށް ކޮށްދޭ މީހާ އަށް ވުރެ އަނިޔާވެރި މީހެއް ހުންނާނެތޯ ވެސް ބާރީ ވަނީ ސުވާލު ކުރައްވައިފަ އެވެ.
މީގެ ކުރިން ވެސް ބާރީ ވަނީ ފޭސްބުކްގައި އާދަޔާ ޚިލާފު މެސެޖެއް ލިޔުއްވާފައިވެ އެވެ. އެ ފަހަރު އޭނާ ވިދާޅުވީ "ހަމަކަށަވަރުން އެބައި މީހުންނަކީ އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އެއީ "ކޮން ބައެއް ކަމާއި އެ މީހުންގެ އަނިޔާވެރިކަމާއި ޖާހިލު ކަމުގެ ތަފްސީލު އަންނަނީ" ކަމަށް ވެސް ބާރީ ވިދާޅުވެފައިވެ އެވެ.
މި ސަރުކާރުގައި ސިޔާސީ ގިނަ ބޭފުޅުންތަކެއްގެ މައްސަލަ ބެއްލެވި އަދި ޖަލު ހުކުމްތައް އިއްވަވާފައިވާ ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާ އެކުގަ އެވެ.