ފުލުހުންނަށް ހަމަލާ ދޭ މީހުންނަށް ހަރުކަށި އަދަބު ދޭން ގޮވާލައިފި

ފުލުހުންނަށް ހަމަލާދޭ މީހުންނަށް، ގާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބު ދިނުމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު، ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް މިއަދު ގޮވާލައިފި އެވެ.


ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަވާޒު ވިދާޅުވީ ފުލުހުންނަކީ މަދަނީ އަމްނު ދިފާއުކުރާ އައްޑަނަ ކަމަށެވެ. އެހެންވެ އެ ފުލުހުންނަށް ދޭ ހަމަލާ އަކީ މުޅި މުޖުތަމައަށް އަމާޒުވާ ކަމެއް ކަން ފާހަގަކުރެއްވި އެވެ.

ނަވާޒު ވިދާޅުވި ގޮތުގައި ގައުމުގެ އަމާންކަން ބެލެހެއްޓުމުގައި ފުލުހުން އަދާކުރަމުން އަންނަނީ ގައުމީ ވާޖިބެކެވެ. އެކަމާ ދެކޮޅަށް ހަމަލާ ދޭ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން އޭނާ ކޯޓުތަކަށް ގޮވައިލެއްވި އެވެ.

"މުޖުތަމައުގެ ހިމޭންކަން ނަގާލައި ނޭއްގާނީ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނު ތަން ދޭ އެންމެ ހަރުކަށި އަދަބު ކަނޑައަޅައިދެއްވުމަށް އަޅުގަނޑު، ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ގޮވާލަން،" ނަވާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނަށް އަމާޒުކޮށް މިހާރު ވެސް ހަމަލާތައް ދެ އެވެ. އެ މައްސަލަތައް ވީހާ ވެސް އަވަހަކަށް ކޯޓުތަކަށް ފޮނުވައިދިނުމަށް ވެސް ނަވާޒު މިއަދު ވަނީ ޕްރޮސެކިއުޓީ ޖެނެރަލް (ޕީޖީ) އަށް ގޮވާލައްވައިފަ އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ މައްސަލަތައް ވީހާ ވެސް އަވަސް ކޮށްދިނުމަށް ގޮވައިލެއްވި އިރު، އިދިކޮޅު ބޭފުޅުންނާއި މަޖިލިީހުގެ ބައެއް މެމްބަރުންނަށް އެ ތުހުމަތުތައް ކުރެ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންގެ މައްސަލަތައް މިހާރު ހުރީ ޝަރުއީ މަރުހަލާގަ އެވެ.

"އެއްވެސް ފަރާތަކުން ނޭއްގާނީ ކަމެއް ފުލުހުންގެ މައްޗަށް އިސް ކުރާ ނަމަ އެ އަމަލެއް، ހަރުކަށި އިބާރާތުން އަޅުގަނޑު ކުށްވެރި ކުރަން. އެފަދަ ބައެއް މައްސަލަތައް މިހާރު ވެސް ފުލުހުންގެ މުއައްސަސާ އިން ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާނެ. އެއީ ފުލުހުންގެ ވާޖިިބަށް ހުރަސްއެޅުމުގެ ނާތަހުޒީބު އަމަލުތައް. ފުލުހުންނަށް އަނިޔާ ކުރުމުގެ މައްސަލަތައް. އެ މައްސަލަތައް ޕްރޮސެކިއުޓް ކުރުން އަވަސް ކޮށްދެއްވުމަށް އަޅުގަނޑު، މި ފުރުސަތުގައި ޕްރޮސެކިއުޓާ ޖެނެރަލަށް އިލްތިމާސްކުރަން،" ނަވާޒު ވިދާޅުވި އެވެ.

ޑިއުޓީގައި ހުއްޓައި މެދުވެރިވާ އެކި ހާދިސާތަކުގައި މަރުވެފައިވާ ފުލުހުން، ގައުމަށްޓަކައި ވީ ގުރުބާނީ އަބަދު ވެސް ހަނދާން ބަހައްޓާނެ ކަމަށާއި އެ މީހުންގެ އާއިލާތަކަށް ފުލުހުންގެ އެހީތެރިކަން އަބަދު ވެސް ލިބޭނެ ކަމުގެ ޔަގީންކަން ނަވާޒު ދެއްވި އެވެ.