ފަސް ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި

ސަރުކާރުގެ ފަސް މިނިސްޓްރީއަކަށް އަލަށް އައްޔަން ކުރެއްވި ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.


ރުހުން ހޯދުމަށްޓަކައި މަޖިލިހަށް ފޮނުއްވީ، ހޯމް މިނިސްޓަރަކަށް އައްޔަން ކުރެއްވި އަހުމަދު ޒުހޫރަށާއި ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރެއްވި އަހުމަދު މުނައްވަރަށާއި ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވި އަބްދުﷲ ނާޒިމް އިބްރާހިމަށާއި ޖެންޑަ އެންޑް ފެމިލީ މިނިސްޓަރަކަށް އައްޔަން ކުރެއްވި އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރަކަށް އައްޔަން ކުރެއްވި އިރުތިޝާމް އާދަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރަކަށް އައްޔަން ކުރެއްވި ޒުހޫރު، މީގެ ކުރިން ހުންނެވީ ޔޫތު މިނިސްޓަރު ކަމުގަ އެވެ. ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރެއްވި މުނައްވަރު ހުންނެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގަ އެވެ. ހެލްތު މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ނާޒިމް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަކަށެވެ. ޒެނީޝާ އެންމެ ފަހުން ސަރުކާރުގައި މަސައްކަތް ކުރެއްވީ ފޮރިން މިނިސްޓްރީގަ އެވެ. އަދި އިރުތިޝާމް އެންމެ ފަހުން ހުންނެވީ ހެލްތު މިނިސްޓަރަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި ފަސް ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވި ނަމަވެސް، ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް ރުހުން ދިނުމުގެ މައްސަލަ އަދި މަޖިލީހަށް ހުށަހެއް ނާޅަ އެވެ.

ޖިހާދަކީ ރައީސް ޔާމީންގެ ސަރުކާރުގެ ތިންވަނަ ނައިބު ރައީސެވެ. އޭގެ ކުރިން މި މަގާމު ވަނީ އަހުމަދު އަދީބާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ފުރުއްވައިފަ އެވެ.

ކެބިނެޓަށް ގެނައި ބަދަލުތަކުގެ މިނިސްޓަރެއްގެ މަގާމު ހުސްވެގެން، ބޭފުޅަކު އައްޔަން ކުރެއްވީ ހޯމް މިނިސްޓްރީއަށް އެކަންޏެވެ. އެއީ އެ މަގާމުގައި ހުންނެވި އުމަރު ނަސީރު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.