ފަނޑިޔާރަކަށް ވުމަކީ އާންމުންގެ ތައުރީފް ލިބޭނެ ކަމެއް ނޫން ކަމަށާއި ފަނޑިޔާރުކަމާ ހަވާލުވާއިރު އެކަން ދަންނަންޖެހޭ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް މުހައްމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހަތް މެޖިސްޓްރޭޓަކު އައްޔަން ކުރަން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތަކީ އުނދަގޫ މަސައްކަތެއް ކަމަށާއި ޚާއްސަކޮށް ރާއްޖޭގެ ހާލަތު އޮތްގޮތުން އެއީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. ޝަރުއީ ދާއިރާގެ އަގު ވައްޓާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، ފައިސަލް ވިދާޅުވީ ފަނޑިޔާރުކަމާ ހަވާލުވުމުން އާންމުންގެ ތައުރީފް ލިބުމަށް ވުރެ ބޮޑަށް ފަނޑިޔާރުންނަށް ލިބޭނީ ޖެއްސުމާއި ފުރައްސާރަ ކަމަށާއި ފަނޑިޔާރުން އެކަން ދަންނަން ޖެހޭނެ އޭނާ ވިދާޅުވި އެވެ.

"މިއަދު މިފެންނަނީ ބިނާ ކުރަނިވި ފާޑު ކިޔުމުގެ ބަދަލުގައި ތަން ހަލާކު ކުރުމަށްޓަކައި، ނިޒާމު ފުނޑާލުމަށްޓަކައި ފަނާ ކުރަނިވި އާޑަ ކިޔަމުންދާ މަންޒަރު. އެއްވެސް ގޮތަކަށް އެއްވެސް ބޭފުޅަކު ބުރަ ހިތެއް ބާއްވާނެ ކަމެއް ނެތް. އެއީ އަޅުގަނޑަށް ޔަގީންވާ ކަމަކީ ތި ބޭފުޅުން ކުރިމައްޗަށް މައްސަލައެއް ހުށަހެޅުނީމާ ދެ ޚަސްމުން ހިތް އުފާވާ ގޮތަކަށް، ދެ ޚަސްމުން ހިތްހަމަޖެހޭ ގޮތަކަށް ހުކުމްކުރީއޭ ބުނާނެ އެއްވެސް މީހަކު ނާންނާނެ. އަބަދުވެސް ކޮންމެވެސް އެއްކޮޅަކަށް މައްސަލަ ނިމޭނީ." ޖޭއެސްސީއަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މެމްބަރުގެ މަގާމު އަދާކުރައްވާ ފައިސަލް ވިދާޅުވި އެވެ.

މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރި ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު ސަލާމް ކުރައްވަނީ--މިހާރު ފޮޓޯ/ހުސައިން ވަހީދު
މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރި ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު ސަލާމް ކުރައްވަނީ--މިހާރު ފޮޓޯ/ހުސައިން ވަހީދު

ގައުމެއްގެ ހަޔާތުގައި އަންނާނެ އުނދަގޫ ދަނޑިވަޅަކީ ސަލާމަތީ ބާރުތަކާއި ޝަރުއީ ދާއިރާގެ އަގު ވައްޓާލަން މަސައްކަތް ކުރުން ކަމަށާއި އެފަދަ އުނދަގޫ ދަނޑިވަޅެއްގައި ޒުވާން ބޭފުޅުންތަކެއް ފަނޑިޔާރު ކަމަށް އައްޔަން ކުރެވިގެން ދިއުމަކީ ޝަރުއީ ދާއިރާ އަށް ޒުވާނުންގެ ޝައުގުވެރިކަން ހުރިކަން ދައްކުވައިދޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ރާއްޖޭގެ ހާލަތު އޮތްގޮތް. އެހެންވީމަ އެކަން ގަބޫލު ކުރައްވައިގެން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ ތި ބޭފުޅުން ތި މަގާމަށް ވަޑައިގަންނަވާނީ،" ފައިސަލް ވިދާޅުވި އެވެ.

ފަނޑިޔާރުކަމާ ހަވާލުވުމުން ދިރިއުޅުމުގެ އެތައް ކަމެއް ބަދަލު ކުރަންޖެހޭ ކަމަށާއި އެގޮތުން ބައްދަލުކުރާ މީސްމީހުންނާއި މީހުންނާއި މުއާމަލާތު ކުރުމާއި ގުޅުން ބޭއްވުމުގައި ސަމާލުކަން ދޭންޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެކަން އެގޮތަށް ކުރަންޖެހެނީ ފަނޑިޔާރުގެ މިނިވަންކަން އޮތްކަން ސާބިތުކޮށް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު މެޖިސްޓްރޭޓުން އައްޔަން ކޮށްފައިވަނީ ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓާއި ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓާއި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓާއި ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓާއި ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓު އަދި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބައިވެެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި މެޖިސްޓްރޭޓުންނަށް ހުވާ ލައި ދެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރެވެ.