ޝަހީދު (ކ)، އަދި ފައިސަލް: އެ ދެ ބޭފުޅުން ހައި ކޯޓަށް އައްޔަން ކުރަން ޖޭއެސްސީން މިއަދު ވަނީ ނިންމާފައި --ފޮޓޯ/މިހާރު
22 ޖުލައި 2018 - 16:32
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލް އާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން މިއަދު ނިންމައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުގެ ބެންޗުން ހުސްވެފައިވާ ހަތަރު މަގާމުގެ ތެރެއިން ދެ މަގާމަކަށް ފައިސަލް އާއި ޝަހީދު އައްޔަން ކުރަން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެނގިފައިވާ ގޮތުގައި، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ފަހުން ޖޭއެސްސީގެ މަސައްކަތްތަކުގައި ފައިސަލް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ފައިސަލް އަކީ ރައީސް އައްޔަން ކުރައްވާ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި ހުންނަވާ ބޭފުޅެކެވެ. އޭނާ އެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވީ 2014 ގަ އެވެ. ޝަހީދަކީ ކުރިން މެޖިސްޓްރޭޓަކަށް ހުންނެވުމަށް ފަހު މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރެކެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވެސް ކުރިމަތިލެއްވި އެވެ. އެކަމަކު އޭނާ އައްޔަން ކުރުމަށް ޖޭއެސްސީން ނުނިންމަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭނެ އެވެ.
ފައިސަލް އާއި ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖޭއެސްސީން ނިންމިޔަސް، އިތުރު ދެ މަގާމެއް ހައި ކޯޓުގެ ބެންޗުން އަދިވެސް ހުސްކޮށް އެބައޮތެވެ. އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން އަދި ކަނޑައެއް ނާޅަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
12334މޫސާ
23 July 2018
ފައިޞަލްމެން ހީނުކުރާތި ފަނޑިޔާރުކަމަށް އައިދެވުނީމަ ސަލާމަތުގެ އައްސޭރި އަތުޖެހުނީކަމަށް. އަންނަ ސަރުކާރުގެ އެންމެ އިސްވާޖިބަކަށް ވާނީ ފަނޑިޔާރުގެ ސާފުކުރުން. ފަނޑިޔާރުގެ ސާފުކޮށްގެން މެނުވީ އެއްވެސްކަހަލަ ހަމަޖެހުމެއް ގައުމަށް ލިބުމެއްނުވޭ. ފަނޑިޔާރުގެ ސާފުކުރާނެ ފަސޭހަ ދޮރުތައްވަނީ ފައިސަލްމެން ކޮށައިދީ އެމަގުން ހިނގައިފަ.
ޒުހުރީ
23 July 2018
ފައިސަލްގެ ހަމަ އެކަނި ވަޒީފާގެ ތަޖްރިބާ އަކަށް އޮންނާނީ ޕީޕީއެމް ގަ އުޅުމާ އަދި ޔާމީނުގެ ޕާސަނަލް ބޮޑީގާޑަކަށް އުޅުން. ބޮޑީގާޑަކަށް އުޅެމުން ކުއްލިއްޔާއިން ލޯފާހެއް ނެގީ. އޭގެ ފަހުންވެސް ތަނަކު ވަޒީފާއެއް އަދައެއް ނުކުރޭ. އަދި ކޯޓުގާ ވަކީލެއްގެ ގޮތުން މަސައްކަތެއް ނުކުރޭ. ދަށުކޯޓެއްގައި މަސައްކަތެއް ނުކުރެ. ކުޑަމިނުން މާސްޓަރސް ވެސް ނޯންނާނެ. ގާޒީ އެއްގެ ގޮތުގާ ކޯޓުގާ އިންނަން ލަދުވެސް ގަނޭ މިހާރު.
ދރމުމްތާޒު
23 July 2018
އަދި އިހަކަށްދުވަހު ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރެއް އެއްލަކިން ހައިކޯޓަށް، ދެން ޔާމީންގެ މެމްބަރު؛؛ ޝަރީއަތުގެ ތަޖުރިބާއެއްވެސް ހުރިކަމެއް ނޭނގޭ. މީދެން ބޮޑުވަރު ދޯ. ހައިކޯޓަށްވެސް ހުތުރު.
ނާާާއިލް
22 July 2018
ދުވަހެއް އެބައޮތް. މިއީ ތަންކޮޅެއް ބޮޑުވަރު.
ހުތާ
22 July 2018
ސުބުހާނަﷲ
ކިއްލިބާޝާ
22 July 2018
މުޅިގައުމުގާ ހުސް ފައިސަލު.
ސިދާ
22 July 2018
ތިޔަ މަގާމަށް އިލްމީ ގޮތުންނާއި ތަރުރިބާގެ ގޮތުންނާއި އިންޓެގްރިޓީގެ ގޮތުން މާބޮޑުތަނުން ގާބިލް މީހުން ކުރިމަތިލާފައިވޭ. އެ މީހުން ނުހޮވީ ހައްގަށް ހުކުމްކުރާނެތީ.
ވަކީލު
22 July 2018
ޤާނޫނީ ދާއިރާ ދޫކޮށް ދިރިއުޅުމަށް އެހެން މަސައްކަތެއް ކުރަން ޖެހިއްޖެ. މިއީކީ މި ރާއްޖޭގައި އުޅެން ހެޔޮވާވަރުގެ ދާއިރާއެއް ނޫން.
ދދދދ
22 July 2018
ޔާމީނު ހޮވި މެމްބަރު ކޯޓަށް. ޔާމީނުގެ ކެމްޕޭން މެނޭޖަރު އިލެކްޝަނަށް. ހައިކޯޓަކީ އިލެކްޝަން ހުރިހާ މައްސަލައެއް ވަންނަ ތަން. ނާޢޫޒުބިﷲ
މަގު
22 July 2018
ތިޔަހަރަގެން އިންތިޚާބަށް މަގު ކޮށެނީ. ފަނޑިޔާރުކަމުގެ ތަޖުރިބާއެއް ނެތް ފައިޞަލް ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަނީ ކީއްވެތޯ އަހާލަން އެންމެ ރަނގަލުވާނީ މެޑަމް ކުރެން. މީ ލައްކަ ވާހަކަ.
އިހޫ
23 July 2018
ލައްކަ ވާހަކައޭ ނުބުނެ ރަގަޅަށް ކިޔާދީބަލަ. މި މީހުންގެ ވާހަކަ ވަރަށް ބޮޑަށް އެނގެންޖެހޭ އާއްމުންނަށް