މައްސަލަ ހައްލުކޮށް މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފި އެވެ.
މިއަދު ހަވީރުން 5:00 އިން ފެށިގެން 7:15 އާ ހަމައަށް މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި އާއްމުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ބައެއް ސަރަހައްދުތަކަށް ކަރަންޓް ލިބެން ދެ ގަޑިއިރަށް ވުރެ ގިނަ އިރުވި އެވެ.
ސްޓެލްކޯގެ އޮފިޝަލަކު މިރޭ ވިދާޅުވީ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަމަކު އެ މައްސަލައިގެ ތަފްސީލެއް ނުދެއްވަ އެވެ.
"ޕަވަ ޖެނެރޭޝަން އޭރިއާގެ މައްސަލައެއް ދިމާވެގެން ބޮޑު ބަޔަކު ކަރަންޓް ކެނޑުނީ. މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދަކަށް ވަނީ ކަރަންޓް ދީފައި،" އޮފިޝަލް ވިދާޅުވި އެވެ.
މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑެ އެވެ. މި މައްސަލަ ދެނެގަނެ ހައްލެއް ހޯދަން ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ދިރާސާއެއް ކުރަން ސްޓެލްކޯ އިން ވަނީ ނިންމައިފަ އެވެ.
ސްޓެލްކޯ އިން ބުނެފައި ވަނީ މާލޭގައި ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރަނީ ގިނަ ދުވަސްވެފައިވާ ސިސްޓަމަކަށް ވުމުން އެ ސިސްޓަމްގެ މައްސަލަތަކާ ގުޅޭ ދިރާސާތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސިސްޓަމަށް ދިމާވާ މައްސަލަތައް އެ ދިރާސާއިން ދެނެގަނެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.