ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި ފުލުހުން ތައްޔާރު ކުރި ޑީއެންއޭ ރިޕޯޓު މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ނާޒިމްގެ ވަކީލު ހުސްނުއް ސުއޫދު ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނިގެން އޭނާގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ ނިންމައިފަ އެވެ. އެ މައްސަލަ ބަލައިނުގަންނަން ނިންމީ ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ބުނި ފަހުންނެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހުސްނުއް ސުއޫދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް އަލުން މައްސަލަ ހުށަހެޅީ ޑީއެންއޭ ހެކިތަކެއް ލިބި، ޑީއެންއޭ ސާމްޕަލްތައް އަދީބާ ގުޅިފައިވާ ކަމަށް ފުލުހުން ބުނުމުން ކަމަށެވެ. އަދި ފުލުހުން އާންމުކުރި މައުލޫމާތުން ފިސްތޯލައިގެ އެއްވެސް ތަނަކުން ނާޒިމްގެ ޑީއެންއޭ ހުރި ކަމަކަށް ނުދައްކާ ކަމަށް ވެސް ސުއޫދު ފާހަގަކުރެއްވި އެވެ.
ފުލުހުން ތައްޔާރުކުރި ޑީއެންއޭ ރިޕޯޓުން އަދީބުގެ ޑީއެންއޭ ހުރިކަން ފާޅުވެ ހިނގައްޖެ، ނަމަވެސް އެ ފިސްތޯލައިގެ އެއްވެސް ތަނަކުން ނާޒިމްގެ ޑީއެންއޭ ހުރި ކަމަކަށް ނުވޭ. --ސުއޫދު
"އަޅުގަނޑުމެން އެދުނީ ސުޕްރީމް ކޯޓުގެ ނިންމުން މުރާޖައާ ކޮށްދިނުމަށް. ސުޕްރީމް ކޯޓުގައި އެގޮތަށް ދެންނެވީ މި މައްސަލައިގެ އަސްލަށް ބަދަލު އަންނަ ފަދަ ހެއްކަކަށްވުމުން." ހުސްނުއް ސުއޫދު ވިދާޅުވި އެވެ.
މީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އިސް ނެގުމަކަށް ޕީޖީގެ ފަރާތުން ނާޒިމްގެ މައްސަލަ ކޯޓުގައި އިސްތިއުނާފް ކޮށްދިނުމަށް އެދި ސުއޫދު ވަނީ ޕީޖީއަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި މައްސަލައިގެ ތެރޭގައި ޝައްކުތަކެއް ހުރުމުން، އެ ހުރިހާ ޝައްކުތަކެއް ފިލުވާލަން ޖެހެ އެވެ. އަދި އެ މައްސަލަ ޕީޖީއަށް ހުށަހެޅީ "ޕްރޮސެކިއުޝަންގެ ތެރެއިން ހުރި ބާގަނޑު"ތައް ފިލުވާލަން ވެގެން ކަމަށް ވެސް ގާނޫނީ ވަކީލު ވިދާޅުވި އެވެ.
ހަމައެއާއެކު ނާޒިމްގެ ވަކީލުންގެ ފަރާތުން ފުލުހުންނަށް ވެސް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. ފުލުހުންނަށް ހުށަހެޅީ ނާޒިމް މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށެވެ. ނާޒިމަށް އިންޒާރުގެ މެސެޖްތައް ފޯނަށް އައި މައްސަލަ އާއި ޑީއެންއޭ ސާމްޕަލް އަދީބާ ގުޅުން ހުރުމުން އެ މައްސަލަތައް ތަހުގީގު ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ނާޒިމްގެ ވަކީލުންނަށް ފޮނުވި ލިޔުމުގައި ވަނީ ނާޒިމް ޖަލަށްލާން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
ސުޕްރީމް ކޯޓަކީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާ ކަމަށް ވެފައި ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު އިސްތިއުނާފްގެ ހުރިހާ ދޮރެއް ނާޒިމަށް ބަންދުވީ އެވެ. އެ އަދަބުން ނާޒިމަށް ދެން ސަލާމަތްވެވޭނީ މާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އޭނާއަށް ރައީސުލްޖުމްހޫރިއްޔާ މައާފް ދެއްވުމުން ނުވަތަ އަދަބު ލުއިކޮށް ދިނުމުންނެވެ.