ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ނުކުރަން ނިންމާފައިވާ ކަން ނާޒިމްގެ އާއިލާ އަށް އަންގައިފި އެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުއްވި ކަން ސާބިތުވެ ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާ ދިރިއުޅުއްވާ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގަ އެވެ. އެކަމަކު އެ ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ.

ނާޒިމަށް ކޯޓުތަކުން އިންސާފު ހޯދެން ހުރި ހުރިހާ މަރުހަލާއެއް ބަންދުވީ، އެ ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ކަށަވަރު ކޮށްދީފައި އޮއްވަ އެވެ. ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި މައްސަލަ ބަލާނެ ޖާގަ ނެތް ކަމަށެވެ.

ނާޒިމްގެ ކޮއްކޮ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނިފައި އޮއްވައި ވެސް ސުޕްރީމް ކޯޓުން އެކަމަށް ރިއާޔަތް ނުކޮށް މައްސަލަ ނިންމާފައިވާތީ، ޑީއެންއޭ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކޮށްދޭން އާއިލާ އިން އެދުނު ކަމަށެވެ. އެކަމަކުު އެ މައްސަލަ އަކީ ޝަރީއަތް ނިމި ހުކުމް އިއްވާފައިވާ މައްސަލައަކަށްވާތީ މައްސަލަ ނުބަލަން ނިންމާފައިވާ ކަން ސިޓީއަކުން އާއިލާ އަށް އަންގާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ފިސްތޯލަ އިން ނާޒިމްގެ ޑީއެންއޭ ފެނިފައެއް ނުވޭ. ފިންގާ ޕްރިންޓެއް ނުފެނޭ. ފިސްތޯލައާ ގުޅުން މިއޮތީ، އަދި ޑީއެންއޭ ފެނުނީ ވެސް އެހެން މީހެއްގެ. އެކަމަކު ނުހައްގުން އަދަބު ލިބެމުން މިދަނީ ނާޒިމަށް،" އާޒިމް ވިދާޅުވި އެވެ.

"ނާޒިމްގެ މައްސަލާގައި ދައުލަތުން އިހުމާލުވަމުން މިދާ މިންވަރާ މެދު އާއިލާ އިން ކަންބޮޑުވަން."

ފިސްތޯލައާ ގުޅުން މިއޮތީ، އަދި ޑީއެންއޭ ފެނުނީ ވެސް އެހެން މީހެއްގެ. އެކަމަކު ނުހައްގުން އަދަބު ލިބެމުން މިދަނީ ނާޒިމަށް.-- އާއިލާ

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ "ނާޒިމާ (ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައާ ގުޅޭ) އެއްވެސް މައްސަލައެއް މިހާރު ފުލުހުން ތަހުގީގު ކުރަމުން ނުދާ" ކަމަށެވެ. ނަމަވެސް އޭގެ ސަބަބެއް ވިދާޅެއް ނުވި އެވެ.

ނާޒިމްގެ ކޮއްކޮ އާޒިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
ނާޒިމްގެ ކޮއްކޮ އާޒިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

އާޒިމް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ނާޒިމްގެ އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ނިންމުމުން އާއިލާ އިން ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމާ ބައްދަލުކޮށް ވެސް ނާޒިމަށް އިންސާފު ހޯދައިދޭން ވަނީ އެދިފަ އެވެ. ފުލުހުންގެ ޑީއެންއޭ ރިޕޯޓާއެކު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައި އެ މައްސަލާގައި ވާހަކަ ދައްކަން އެދިވަޑައިގެންފައިވާނެ ކަމަށް އެ ބައްދަލުވުމުގައި ބިޝާމް ވިދާޅުވި ކަމަށް އާޒިމް ވިދާޅުވި އެވެ.

އެކަމަކު އޭގެ ފަހުން ދެ މަސްވިއިރު ވެސް އެކަމުގައި ޕީޖީ އޮފީހާ ސުޕްރީމް ކޯޓުން ބައްދަލުކުރި ކަން އެނގިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ނާޒިމަށް ޖަލު ހުކުމެއް އިއްވައި އަނިޔާ ދެމުން ދަނީ ބޭއިންސާފުން ކަމަށެވެ. ފިސްތޯލަ އިން ޑީއެންއޭ ފެނިފައި ނުވުމުގެ އިތުރުން ކޮޓަރިން ފެނުނު ކަމަށް ބުނާ ޕެން ޑްރައިވަކީ ވެސް ނާޒިމާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫން ކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނާޒިމްގެ ކޮޓަރީގައި ފުލުހަކު ފިސްތޯލަ ބާއްވާ ތަން ފެނުނު ކަމަށް ފުލުހުންތަކެއް ތިބީ ހެކި ބަސް ދޭން ތައްޔާރަށް. އިސްތިއުނާފް މަރުހަލާގައި މައްސަލަ ހުށަހަޅަމުން ވެސް އެ ވާހަކަ ވެސް އަޅުގަނޑުމެން ލިއުނިން. އެކަމަކު އެފަދަ އެއްވެސް ހެއްކަކަށް ރިއާޔަތް ކޮށްފައެއް ނުވޭ،" އާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެފައި ވަނީ ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނުމާއެކު ނާޒިމް ފްރޭމް ކުރިކަން އެ އޮތީ ސާބިތުވެފައި ކަމަށެވެ. އެހެންވެ ނާޒިމް ވަގުތުން ދޫކޮށްލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ނާޒިމަށް ދައުވާކުރީ ވެސް ތަހުގީގު ފުރިހަމަ ނުވާ މައްސަލައެއްގައި ކަމަށް ކުރިން ވެސް ބުނެފައިވާނެ ކަމަށާއި ހަތިޔާރުތަކުން އަދީބުގެ ޑީއެންއޭ ފެނުމުން މިހާރު އެކަން ވެސް ސާބިތުވީ އެވެ.

ސުޕްރީމް ކޯޓަކީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާ ކަމަށް ވެފައި ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު އިސްތިއުނާފްގެ ހުރިހާ ދޮރެއް ނާޒިމަށް ބަންދުވީ އެވެ. އެ އަދަބުން ނާޒިމަށް ދެން ސަލާމަތްވެވޭނީ މާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އޭނާ އަށް ރައީސުލްޖުމްހޫރިއްޔާ މައާފް ދެއްވުމުން ނުވަތަ އަދަބު ލުއިކޮށް ދެއްވުމުންނެވެ.