މާލެ އާއި ހުޅުލެއާ މެދު އަޅާ ބްރިޖުގެ ސުޕަ ސްޓްރަކްޗާ އަށް ބޭނުންވާ އައިބީމްތައް ނުވަތަ ކޮންކްރީޓް ބޮޑެތި ބެރިތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ގެންދެ އެވެ.
މިދިޔަ ޖުލައި މަހު އެ ބޮޑު ބެރިިތައް އަޅަން ފެށީ، މާލޭ ކޮޅުން ބްރިޖު ފެށޭ ހިސާބުންނެވެ. ބެރިތައް މިހާރު ވަނީ އެއްގަމުން ފެށިގެން މޫދަށް 150 ފޫޓަށް އަޅައިފަ އެވެ. މިއީ، ބްރިޖްގެ މަސައްކަތުގައި އުޅޭ ބައެއް މީހުން ބުނާ ގޮތުގައި ވަރަށް ބޮޑު ކުރިއެރުމެކެވެ. ބެރިތައް ނިމުމުން، ޑެކު އަޅައި، ޗައިނާގައި މިހާރު ތައްޔާރުކުރަމުން އަންނަ ސުޕަ ސްޓްރަކްޗާ ގެނެސް އަތުރާލާނީ އެވެ.
ލޮނުޒިޔާރަތްކޮޅުގައި ހުރެ ބަލާލުމުން މާލެ އިން ފެށިގެން ހުޅުލެއަށް ބްރިޖު އޮންނާނެ ގޮތް މިހާރު ތަސައްވަރު ކުރެވެ އެވެ. ބްރިޖުގެ މެދުގައިި ހުންނަ އެންމެ އުސް ތަނބު ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިންމިފަ އެވެ. އެއީ ބްރިޖްގެ އެންމެ އުސް ދިމާލެވެ.
މެއިން ބްރިޖު ނުވަތަ މާކަނޑުގައި ހިމެނޭ ބައިގެ ދެ ފަރާތުގައި ހުންނަ 35 ތަނބާއި އެޕްރޯޗް ބްރިޖުގެ 88 ތަނބުގެ ކޮންކްރީޓް މަސައްކަތް ވެސް ގާތްގަނޑަށް ނިމިއްޖެ އެވެ. މެއިން ބްރިޖުގެ ތަނބުތަކުގެ ވީ އަކުރެއްގެ ސިފައިގައި އިންނަ ކެޕިން ވެސް މިހާރު ވަނީ ނިންމާލައިފަ އެވެ.
ޕީއެސްއެމަށް މި ހަފުތާގައި ދެއްވި އިންޓަވިއުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ބްރިޖުގެ ޑެކުގެ މަސައްކަތް ނޮވެމްބަރު މަހު ނިންމާލެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބްރިޖުގެ ސުޕަސްޓްރަކްޗާ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިމެނޭ އެވެ.
ޗައިނާ އާއި ރާއްޖޭގެ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ބްރިޖުގެ ކަންކަން ކުރިއަށް ދާއިރު، ޝެޑިއުލަށް ވުރެން މާ އަވަހަށް ޗައިނާގެ ސީސީސީސީން މަސައްކަތް ނިންމަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމަން އެއްބަސްވެފައިވާ ބްރިޖު ޖުލައި 26 ގައި ހުޅުވޭ ވަރުވާނެ އެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.