ފަނޑިޔާރު ކަމަށް ކުރިމަތިލި ބޭފުޅުންނާ އިންޓަވިއު ކުރަން ފަށައިފި

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ބޭފުޅުންނާ އިންޓަވިއު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ފަށައިފި އެވެ.


ސުޕީރިއާ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ކްރިމިނަލް ކޯޓަށް ހަތަރު ފަނޑިޔާރުން އަދި ސިވިލް ކޯޓަށް ދެ ފަނޑިޔާރުން ހޯދަން ޖޭއެސްސީން އިއުލާން ކުރުމުން 31 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލާފައިވާއިރު އޭގެ ތެރެއިން ޝޯޓްލިސްޓްވި ބޭފުޅުންނާ އިންޓަވިއު މިއަދު ފަށާފައިވާ ކަން ޖޭއެސްސީން ބުންޏެވެ.

ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރަކަށް ވުމުގެ ތައުލީމީ ޝަރުތަކީ ގާނޫނީ ދާއިރާ ނުވަތަ އިސްލާމީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީއެއް އޮތުމާ އެކު އެ ދާއިރާގައި މަދުވެގެން ތިން އަހަރުގެ ތަޖްރިބާ ލިބިފައިވުމެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިިޔާރުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެ ކޯޓުގެ އިސްގާޒީއަކަށް ކުރިން ހުންނެވި އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އެހެން ދެ ކޯޓަކަށް ބަދަލު ކޮށްފައިވާއިރު އެ ކޯޓުގެ ގާޒީ އަހުމަދު ރަޝީދު މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މުސާރަ އަކީ މަހަކު 46،000ރ. އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.

އެ ދެ ކޯޓުގެ އިތުރުން ހައި ކޯޓުގެ ބެންޗަށް އިތުރަށް އައްޔަން ކުރަންޖެހޭ ހަތަރު ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލި ބޭފުޅުންނާ މިހާރު ވަނީ އިންޓަވިއުކޮށް ނިމިފަ އެވެ. ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ ޖޭއެސްސީގެ ދެން އޮންނަ ޖަލްސާއެއްގައި އެޖެންޑާ ކުރާނެ އެވެ.