ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރަން ނިންމައިފި

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފި އެވެ.


ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖޭއެސްސީން ކުރިން ހުޅުވާލި ފުރުސަތުގައި 39 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލެއްވި އެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައިވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ޅ. ކުރެންދޫ މާތިލަ، އާދަމް މުހައްމަދު އައްޔަން ކުރުމަށާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އެ ކޯޓުގެ ރެޖިސްޓްރާ އަހުމަދު އަބްދުލްމަތީން އާއި ދ. ކުޑަހުވަދޫ ވައިލެޓްގޭ ރިޒްމީނާ އާއި ސ. ހިތަދޫ ހަސަންކާރީ ފައްޔާޒް ޝާތިރުގެ އިތުރުން މއ. ޕެންޒީވިލާ އައިޝަތު އަޒްފާ އަބްދުލްޣަފޫރު އައްޔަން ކުރުމަށް އެ ކޮމިޝަންގެ މިރޭގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތ. ހިރިލަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ތ. ކިނބިދޫ ނަސްރުއްސަބާ، އަބްދުﷲ ހުސައިން އާއި ކ. ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ލ. މާވަށު ނަލަމަލަ ފަތުހުުﷲ ޖަމީލް މޫސާ އައްޔަން ކުރުމަށް ވެސް ނިންމާފައިވާ އެ ބަޔާނުގައިވެ އެވެ.