އުމުރުން ދުވަސްވީ މީހުންނާ ރައީސް މިރޭ ބައްދަލުކުރައްވަނީ

އުމުރުން ދުވަސްވީ މީހުންނާ، ރައީސް އަބްދުﷲ ޔާމީންގެ ދެ ކަނބަލުން މިރޭ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.


ރަސްފަންނުގައި މިރޭ 8:30ގައި އޮންނަ މި ބައްދަލުވުމުގައި ވީހާވެސް ގިނަ އަދަދެއްގެ ދުވަސްވީ މީހުން ބައިވެރިވުމަށް އެ މަނިކުފާނު ވަނީ ދައުވަތު އަރުވައިފަ އެވެ.

މި ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މުލީއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވީ މި ބައްދަލުވުން ރާއްވާ އިންތިޒާމު ކުރައްވަނީ ވެސް ރައީސްގެ ދެކަނބަލުން ކަމަށާއި އެ މަނިކުފާނުގެ މަގްސަދަކީ ވީހާ ވެސް ގިނަ، އުމުރުން ދުވަސްވީ މީހުންނާ ބައްދަލު ކުރައްވައި، އެ މީހުންގެ ހާލު ބައްލަވައި ކަންބޮޑުވުންތައް އޮޅުން ފިލުވުން ކަމަށެވެ.

އަދި މިއީ ހަމައެކަނި ވަކި ޕާޓީއަކަށް ހާއްސަކޮށްގެން ބާއްވާ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި އެހެންވެ، މިއީ ގައުމީކަމެއްގެ ގޮތުގައި ދެކިގެން ވީހާ ވެސް ގިނަ ބަޔަކު މި ބައްދަލުވުމުގައި ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މިރޭ ބާއްވާ ރައީސްގެ ބައްދަލުވުމާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާން ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

މުއާޒު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް، "އިސް ރަށްވެހިން"ގެ ގޮތުގައި މުހާތަބު ކުރައްވަން ފެއްޓެވީ ރައީސް ޔާމީން ކަމަށާއި އެއީ އެ މަނިކުފާނުގެ ހިތްޕުޅުގައި އެ މީހުންނަށް އޮތް ގަދަރާއި އިހްތިރާމް ދައްކުވައިދޭ ކަމެއް ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ގައުމުގެ މުހިއްމު ރައުސުލްމާލެއްގެ ގޮތުގައި ސިފަ ކުރައްވައި މުއާޒު ވިދާޅުވީ އެކަން ދެނެވަޑައިގެން، ގައުމުގެ މުހިއްމު ކަންކަމުގައި އެ މީހުންގެ ދައުރުފުޅާކޮށް، ހާއްސަ އަހައްމިއްޔަތުކަމެއް ރައީސް ދެއްވަވާ ކަމަށެވެ.

އަދި އެ މަނިކުފާނުގެ ސަރުކާރުގައި އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތްވެސް ބޮޑުކޮށް، އެ މީހުންގެ މާޔޫސްކަން ކުޑަކުރައްވާފައިވާކަން ވެސް ފާހަގަ ކުރެއްވި އެވެ.

މީގެކުރިން ވެސް ރައީސް ވަނީ އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކުރައްވަން ހާއްސަ ރަސްމިއްޔާތެއް ބާއްވަވައިފަ އެވެ.