ލިޔެކިޔުމެއް ނައްތާލާކަން އެނގިފައެއް ނެތް: އަރުޝީފް

ބައެއް އޮފީސްތަކުން ސަރުކާރުގެ ލިޔެކިޔުންތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާކަމުގެ އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށް ރެކޯޑްތައް ބަލަހައްޓާ ގައުމީ އަރުޝީފުން މިއަދު ބުނެފި އެވެ.


ގައުމީ އަރުޝީފުގެ އިދާރީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޝާތިރު ވިދާޅުވީ ލިޔެކިޔުންތަކެއް ނައްތާލާ މައްސަލަ އެއްވެސް ފަރާތަކުން އެ އިދާރާ އަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ލިޔެކިޔުންތަކެއް ނައްތާލާކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގިފައެއް ނެތް [ލިޔެކިޔުންތަކެއް ނައްތާލާކަމުގެ]. އަދި އެކަން ސާބިތުކޮށްދެވިފައި ވެސް ނެތް. ހުށަހަޅުއްވާފައި ސާބިތުކޮށްދޭން ވީ ނޫންތޯ؟،" ތާރީހު ދިރާސާ ކުރައްވާ ޝާތިރު ވިދާޅުވި އެވެ.

ދައުލަތުގެ ރެކޯޑުގެ ކަންތައްތައް ބަލަހައްޓައި ލިޔުންތައް މަރުކަޒީ ކުރުމުގެ ކަންކަން ލާޒިމްކޮށްފައި ވަނީ ގައުމީ އަރުޝީފަށެވެ. ގައުމީ އަރުޝީފުގެ ގަވާއިދު ބުނާގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުމާއި ފޮޓޯތަކާއި ޗާޓްތަކާއި ރިކޯޑްތަކާއި މައުލޫމާތު ނައްތާލެވޭނީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލް ޖެނެރަލް އަށް އެކަން އަންގައި ހުއްދަ ހޯދައިގެން ކަމަށެވެ.

މިފަހުން އެއްވެސް ލިޔެކިޔުމެއް ނައްތާލުމަށް ހުށަހަޅާފައިނުވާ ކަމަށް ޝާތިރު ވިދާޅުވި އެވެ.

އެފަދަ ކަމެއް ކުރާނަމަ ބަލައި ފިޔަވަޅު އެޅުމުގެ ބާރު އެ އިދާރާ އަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުލުހުން މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަގުތުން ހިނގާ ކަމެއްގައި ކިހިނެއްތޯ ފިޔަވަޅު އަޅާނީ. އަޅުގަނޑުމެން ޖެހޭނީ ދައުލަތުގެ ތަހުގީގު ކުރާ ފަރާތް ފުލުހުން ކަމަށްވާތީ ފަހުނުނާމާއެއްގެ ތެރެއިން ވެސް ފުލުހުން މެދުވެރިކޮށް އަޅުގަނޑުމެންނަށް ގެންދެވޭނީ،" ޝާތިރު ވިދާޅުވި އެވެ.

ބައެއް ލިޔެކިޔުން ނައްތާލަން އުޅޭ މައްސަލަ ބަލައިދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ސަރުކާރުގެ އެއްވެސް ލިޔުމެއް ނައްތާލާ ނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ސަރުކާރުގެ އެއްވެސް މުހިންމު ލިޔެކިޔުމެއް މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އަދި ކުނިބުންޏަށްވާ ލިޔެކިޔުން ނައްތާލުމަށް ކޮންމެ އޮފީހެއްގައި ވެސް އަބަދުވެސް ޝްރެޑަރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.