ރާއްޖެ ޓީވީ ޖޫރިމަނާކުރީ ގައުމީ ސަލާމަތަށް ނުރައްކާ ކޮންޓެންޓެއް ދެއްކުމުން: ބްރޯޑްކޮމް

ރާއްޖެ ޓީވީ 500،000ރ. އިން ޖޫރިމަނާ ކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ދައްކައިގެން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބުނެފި އެވެ.


އެ ކޮމިޝަނުން މިއަދު ބުނީ ރާއްޖެ ޓީވީއާ ގުޅޭ މައްސަލައެއް ބެލީ މިދިޔަ ޖުލައި މަހުގެ 28 ގައި އެ ސްޓޭޝަނުން ވަގުތުން ދެއްކި ޕްރޮގްރާމެއްގައި، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ ދެއްކެވި ވާހަކަތަކެއްގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައްތަކެއް ހިމެނޭ ކަމަށް ހުށަހެޅުމުންނެވެ. ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރު ކުރުމަށް ގޮވާލައްވައި މުސްތަފާ ދެއްކެވި ވާހަކަތަކަކީ ގާނޫނީ ސަރުކާރެއް ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލެއް ހިންގަން ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް، އަދި ރާއްޖޭގެ ގާނޫނީ ވެރިކަމަށް އުނިކަމެއް އައިސް ރައީސްގެ ހިމަޔާތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް ކަމަށް ހުށަހެޅި މައްސަލައިގައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން ބުނި ގޮތުގައި އެ މައްސަލަ ބެލި އިރު، ރާއްޖެ ޓީވީން ގާނޫނާ ޚިލާފުވެފައިވާ ކަން ސާބިތުވެ އެވެ. ކޮމިޝަނަށް ހުށަހެޅި ޝަކުވާގައި ތިން ނުކުތާއެއް ފާހަގަ ކޮށްފައިވާ އިރު، އެ ޓްރާންސްކްރިޕްޓުގެ ފުރަތަމަ ނުކުތާ ފިޔަވައި ބާކީ ދެ ނުކުތާ ގެނެސްދީފައިވަނީ މުސްތަފާ ވިދާޅުވި ގޮތަށް ނޫން ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

މީހަކު ދެއްކި ވާހަކައެއް ދެއްކި ގޮތަށް ލިޔާ ނަމަ އޮންނަންވާނީ ދެއްކި އިބާރާތުން ބަހުން ބަހަށް ކަން އެ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ. މުސްތޮފާގެ ވާހަކަ ގެނެސްދީފައި ވަނީ އޮޅުވާލައި އުނި އިތުރު ގެނެސްގެން ކަމަށް މައްސަލަ ބެލި އިރު ފާހަގަކުރެވިފައިވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

ކޮމިޝަނުން ބުނީ މި މައްސަލައިގައި ރާއްޖެ ޓީވީ އަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން، އެ ޓީވީން އެންގީ ޖަވާބުދާރީވާން ނުޖެހޭ ކަމަށެވެ.

ރާއްޖެ ޓީވީގެ ކޮންޓެންޓަކީ، ބްރޯޑްކާސްޓިން ކޮމިޝަނުން ބުނި ގޮތުގައި ދިވެހިރާއްޖޭގައި އޮތް ގާނޫނީ ސަރުކާރު ވައްޓާލުމަށާއި ޣައިރު ޤާނޫނީ އަމަލެއް ހިންގަން ރައްޔިތުންނަށް ހިތްވަރު ލިބި ރާއްޖޭގެ ގާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ކަމެކެވެ. އަދި އެއީ، ގާނޫނުއަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ހިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް ހިމެނޭ ކޮންޓެންޓެއް ކަމަށް ވެސް ބްރޯޑްކޮމް އިން ބުންޏެވެ.

ބްރޯޑްކޮމް އިން ބުނި ގޮތުގައި ރާއްޖެ ޓީވީ ޖޫރިމަނާކުރީ އެ ކޮންޓެންޓަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފު ކޮންޓެންޓަކަށް ވާތީ އެވެ.

މިއީ ރާއްޖެ ޓީވީ ޖޫރިމަނާކުރި ތިން ވަނަ ފަހަރެވެ. އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ ފުރަތަމަ ޖޫރިމަނާކުރީ 250،000ރ. އިންނެވެ. އެ ޖޫރިމަނާ ދެއްކި ދުވަހު އެ ސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވެފައި ވަނީ މި އަހަރު އެންމެ ގިނައިން އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ މީހުންގެ އަބުރާ ބެހުނު ކަމުގެ ޝަކުވާ ކަމަށެވެ. ހިޔާލު ފާޅު ކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން 32 ޝަކުވާއެއް ބެލި އިރު މިހާތަނަށް އެންމެ ގިނައިން ގާނޫނާ ހިލާފުވެފައި ވަނީ ރާއްޖެ ޓީވީ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަބުރުގެ ގާނޫނާ ޚިލާފުވެގެން ތިން ސްޓޭޝަނަކުން 1.9 މިލިއަން ރުފިޔާ އިން މިހާތަނަށް ޖޫރިމަނާކޮށްފައިވެ އެވެ.