ސިޔާސީ / އުމަރު ނަސީރު

ރިޔާސީ ރޭހަށް އުމަރު، ބަލަން ތިބެމާ

ރައީސް ޔާމީނާއި އުމަރު ސަލާން ކުރައްވަނީ: ޕީޕީއެމްގެ ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަކުރައްވަން އުމަރު ވަނީ ނިންމަވާފައި.---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ރައީސްކަން ކުރެއްވުމަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އުއްމީދެކެވެ؛ އެކަމަކު ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުންނެވި އިރު އޭނާ ވިދާޅުވަމުން ގެންދެވީ ވެރިކަމުގެ ދެ ދައުރު ރައީސް ޔާމީނަށް ފުރިހަމަކޮށްދޭން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ރިޔާސީ ރޭހަށް ނުކުންނަވާނީ އޭގެ ފަހުން 2023 ގައި ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަމަވެސް ހޯމް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިތާ ހަފުތާއެއް ނުވެ އެ ވިސްނުން ބަދަލުކުރައްވައި 2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ދެކޮޅަށް ނިކުންނަވާނެ ކަން މިދިޔަ ބުރާސްފަތި ދުވަހު އުމަރު ވަނީ އިއުލާންކުރައްވައިފަ އެވެ. ޕްރައިމަރީގައި ރައީސް ޔާމީން ބަލިނުކުރެވިއްޖެ ނަމަ، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން ވެސް ހުންނެވީ ތައްޔާރަށެވެ. އެވެ. އެކަމާ ބެހޭ ގޮތުން އުމަރު އަދި މާ ގިނަ ވާހަކަ ނުދެއްކެވި ނަމަވެސް އޭނާގެ ޕްލޭނަށް މިއައި ކުއްލި ބަދަލާ ދޭތެރޭ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ދައްކަވަނީ: 2023 އަށް މަޑުނުކުރައްވާ ދެން އޮތީ 2018 --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އުމަރުގެ މި ނިންމެވުމަކީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ދެ ފަޅިވެ އުފެދިފައިވާ ނުތަނަވަސްކަމުގެ ނަތީޖާ ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ. މި ބަދަލާ އެކު ރައީސް ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޯޅުންތައް އިތުރަށް އާއްމުވެ، ސިޔާސީ މަސްރަހުން ބޮޑެތި ބަދަލުތަކެއް ފެނުން އެކަށީގެންވެ އެވެ.

މައުމޫންގެ ތާއީދު އުމަރާއި ފާރިސް އަށް؟

ރައީސް ޔާމީނާއި މައުމޫން ކުރައްވާ ހަނގުރާމަ އިން އެއް ކަމެއް ވަރަށް ސާފެވެ؛ ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު މައުމޫން ހިތްޕުޅުހަމަޖެހިވަޑައެއް ނުގަންނަވަ އެވެ. އަދިި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ނުފޫޒު ޕީޕީއެމް ތެރޭގައި ގަދަކޮށް، އެކަމަނާގެ އަމިއްލަ އޮފީހުގައި ޕާޓީ ހިންގެވުމާއި އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ކަންކަން ނިންމެވުމަކީ ވެސް މައުމޫން ނުރުހުންވެވަޑައިގަންނަވާ ކަމެކެވެ. އެކަންކަމާ ދެކޮޅަށް، މައުމޫން ވިދާޅުވި ގޮތުގައި، އެމަނިކުފާނު މިހާރު ހުންނެވީ ނުގުޑާ ފަދަ ވަރުގަދަ އަޒުމެއްގަ އެވެ.

ޔަގީންވާ އެއް ކަމަކީ 2023 ގެ އިންތިހާބުގައި ރައީސް މައުމޫން ތާއީދު ނުކުރައްވާނެ ކަން ރައީސް ޔާމީނަށް.

ކައުންސިލް މެމްބަރުންތަކެއް އެދިވަޑައިގަތަސް ރިޔާސީ ޕްރައިމަރީގެ ޓިކެޓް "ތަބަކަކަށް ލާފައި" ޔާމީނަށް ދެއްވުން މައުމޫން ބޭނުންފުޅެއް ނުވެ އެވެ. ޕާޓީގެ އިސްލާހީ އެޖެންޑާ އިއުލާންކުރައްވަން ބޭއްވި ޕްރެސް ކޮންފަރެންސްގައި މައުމޫން ވިދާޅުވީ އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.

ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި މައުމޫނާ އެކު އުމަރާއި ފާރިސް ބައިވެރިވެވަޑައިގަންނަވަނީ. -- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

މައުމޫންގެ ވާހަކަފުޅުތަކާއި އަމަލުކުރައްވާ ގޮތުން، ރިޔާސީ ރޭހަށް އުމަރު ނުކުންނެވީ މައުމޫންގެ ފުރިހަމަ ތާއީދާ އެކު ކަމަށް ބުނެވޭނެ ޖާގަ އެބަ އޮތެވެ. ނުސީދާކޮށް އުމަރު ވެސް ވަނީ އެހެން ވިދާޅުވެފަ އެވެ.

"ގައުމުގެ އިސް ފަރާތްތަކުގެ ތާއީދު މިކަމުގައި އަޅުގަނޑަށް ލިބޭނެ،" އުމަރު ވިދާޅުވި އެވެ.

އުމަރު އެ އިޝާރާތް ކުރައްވާ "އިސް ފަރާތްތަކު"ގެ ތެރޭގައި މައުމޫން ހިމެނުން ވަރަށް އެކަށީގެންވެ އެވެ. ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ނަންގަވައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މައުމޫން ދައްކަވާނެ ބޭފުޅަކީ އުމަރު ކަން، ރައީސް ޔާމީން އަރިހުގައި ތިއްބެވި ކައުންސިލް މެމްބަރުންނަށް ވެސް މިހާރު ޔަގީންވެ އެވެ.

ޕްރައިމަރީގައި ވާދަކުރާނެ ކަން އުމަރު މި އިއުލާން ކުރެއްވީ އެހެން ކެންޑިޑޭޓަކު ކުރިމަތިނުލައިފި ނަމަ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ލިބުމުގެ ފުރުސަތު އޮތުމުންނެވެ.

ރައީސް މައުމޫން ޕީޕީއެމް އޮފީހުން ނިކުމެވަޑައިގަންނަވަނީ: ރައީސް ޔާމީނަށް ވުރެ މައުމޫނާއި އުމަރުގެ ގުޅުން މިހާރު ބޮޑު. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ޕީޕީއެމްގައި މައުމޫން ފަޅީގައި ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ނައިބު ރައީސަކަށް އުމަރާ އެކު ނެރުއްވަނީ މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނެވެ. އެކަމަކު ޕީޕީއެމްގެ އިސް ބޭފުޅަކު އިއްޔެ "މިހާރު" އަށް ވިދާޅުވީ ފާރިސް އެފަދަ ކަމަކާ ބެހޭ ގޮތުން އެއްވެސް މީހަކާ އަދި މަޝްވަރާ ވެސް ނުކުރައްވާ ކަމަށާއި އޭނާގެ މިވަގުތުގެ ވިސްނުން ހުރީ ޕީޕީއެމް އިސްލާހުކުރުމުގެ އެޖެންޑާ އަށް ކަމަށެވެ.

"ޔަގީންވާ އެއް ކަމަކީ 2023 ގެ އިންތިހާބުގައި ރައީސް މައުމޫން ތާއީދު ނުކުރައްވާނެ ކަން ރައީސް ޔާމީނަށް،" ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އުމަރުގެ ގައިގައި އަތްލުން މަނާ؟!

ކެބިނެޓުގައި ހުންނެވިއިރު "ފިޔަކޮށާލައްވައި" އުމަރު ބެހެއްޓެވީ ރައީސް ޔާމީން ކުރެއްސެވި ވަށް ބުރު ތެރޭގަ އެވެ. އެ ބުރުން ބޭރަށް ނުކުމެވަޑައިގަތުމުގެ ފުރުސަތެއް ރައީސް ޔާމީން އުމަރަކަށް ނުދެއްވަ އެވެ. އިސްތިއުފާ ދެއްވަން ރައީސް ޔާމީން އެންގެވީ އެ ބުރުން ބޭރަށް އުމަރު ނިކުމެވަޑައިގެންނެވި ހިސާބުންނެވެ.

އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އުމަރު މިހާތަނަށް ވިދާޅެއް ނުވެ އެވެ. އެކަމަކު އޭގެ ފަހަތުގައި ހިނގި އެއް ކަމަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން "ހިމާޔަތްކޮށްފައި" ހުރި ގޭންގު ލީޑަރެއްގެ ފައިގައި ޓެގު އެޅުވުމެވެ. އެ މައްސަލާގައި ރައީސް ޔާމީން ނުރުހުންވެވަޑައިގެން ކުރިއަށް ވުރެ ވެސް ބޮޑަށް އުމަރު ފިއްތާލެއްވި އެވެ.

އަނެއް ކަމަކީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ ޑީއެންއޭ ފެނުނުކަން އުމަރު ސާބިތުކޮށްދެއްވުމެވެ. އެ ރިޕޯޓް ނާޒިމްގެ ވަކީލުންނާ ހިސާބަށް ތިލަކުރެއްވުމާ އެކު، ރައީސް ޔާމީނާއި އުމަރާ ދޭތެރޭ އޮތް އިތުބާރު ހިމަ ވާފަށް ކަނޑައިގެން ދިޔައީ އެވެ.

ހޯރަފުށީގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް ކުރީގެ މިނިސްޓަރު އުމަރު (މ) ހޯރަފުއްޓަށް ވަޑައިގަންނަވަނީ.--ފޮޓޯ:ޕޮލިސް

ސަރުކާރުން ދުރަށް ވަޑައިގަތުމަށް ރައީސް ޔާމީން އުމަރަށް އެއްގެވުމަކީ، އެއް ބަޔަކު ދެކޭ ގޮތުގައި، އުމަރަށް ލިބިވަޑައިގަތް ރަނުގެ ފުރުސަތެކެވެ. އޭގެ ކުރިން ވެސް އުމަރު އިންތިޒާރުކުރެއްވީ ރަނގަޅު ދަނޑިވަޅަކަށް ކަމަށް ވެދާނެ އެވެ.

އުމަރު ރިޔާސީ ރޭހުގެ ތެރެއަށް ވަންނަވައި އޭނާގެ ގައިގައި އަތްލުން ރައީސް ޔާމީނަށް އެ މަނާކުރީ --އުމަރުގެ ގާތް ބޭފުޅެއް

އުމަރު ގެންގުޅުއްވާ އުސޫލްތައް އެކަހެރިކުރައްވައި ރައީސް ޔާމީންގެ "މުށުތެރޭގައި" އިންނެވުމުގެ ފަހަތުގައި ސަބަބުތަކެއް ހުއްޓެވެ. އެއް ބަޔަކު ގަބޫކުރީ މަގާމު ދަހިވެތިކަން ކަމަށެވެ. އަނެއް ބަޔަކު ދުށް ގޮތުގައި ހުރިހާ ގޮންޖެހުންތަކާ އެކު ވެސް އުމަރު މަޑުކުރެއްވީ ރައީސް ޔާމީނާ ދެކޮޅަށް ބޭނުންކުރައްވާނެ "ހެކި ހޯއްދެވުމަ'ށެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު: ޕީޕީއެމްގެ ޕްރައިމަރީ އަށް ވަނީ ނުކުންނަވާފައި

އިސްތިއުފާ އަށް ފަހު ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަން ކުއްލިއަކަށް އުމަރު އިއުލާންކުރެއްވީ ރައީސް ޔާމީނަށް އޭނާގެ ގައިގައި އަތްލުމުގެ ފުރުސަތު ނުދެއްވަން ވެގެން ކަމަށް ވެސް ވެދާނެ އެވެ.

"އުމަރު ރިޔާސީ ރޭހުގެ ތެރެއަށް ވަންނަވައި އޭނާގެ ގައިގައި އަތްލުން ރައީސް ޔާމީނަށް އެ މަނާކުރީ. އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ އެންމެން ގޮޅިއަށް ވައްދާ ގޮތަށް އުމަރު ވެސް ވައްދަން އުޅެފި ނަމަ އިންޓަނޭޝަނަލް ޕްރެޝަރު އިންތިހާ އަށް ރައީސް ޔާމީނަށް ކުރިމަތިވާނެ،" އުމަރުގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ:

ރާއްޖޭގެ ސިޔާސީ މަސްރަހާއި "އިންސާފުން ބޭރުން" ރައީސް ޔާމީން އަދަބު ދެއްވާ ކަމަށް ބުނެ ބައިނަލްއަގުވާމީ މުޖުތަަމައުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެ ލިސްޓަށް އުމަރުގެ ނަން ވެސް މިހާރު އެ ވަނީ އިތުރުވެފަ އެވެ.

އުމަރު ދައްކަވަނީ ކޮން ވާހަކައެއް؟

ރިޔާސީ އިންތިހާބުގެ ތަޅާފޮޅުންތައް މި ފެށީ މާ އަވަހަށެވެ. އޭގެ ކުރިން ގައުމުގައި ހައްލުކުރަން ޖެހޭ ސީރިއަސް މައްސަލަތައް ގިނަ އެވެ. ހިންގުމުގެ ދާއިރާގައި ކޮރަޕްޝަނާއި ނުފޫޒު އިންތިހާ އަށް އޮތްއިރު، ރައްޔިތުންނަށް އިތުބާރުކުރެވޭ މުއައްސަސާއެއް ވެސް މިހާރަކު ނެތެވެ.

މި ހުރިހާ މައްސަލަތަކަށް އުމަރަށް ހައްލު ހޯދައިދެއްވޭނެ ހެއްޔެވެ؟ ރައްޔިތުންގެ ނުވަތަ ޕީޕީއެމްގެ އާއްމު މެމްބަރުންގެ އިތުބާރު އުމަރަށް މިހާރު އެބަ އޮތް ހެއްޔެވެ؟

ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި މައުމޫނާ އެކު އުމަރު ބައިވެރިވެވަޑައިގަންނަވަނީ -- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

ހޯމް މިނިސްޓަރަކަށް ވެވަޑައިގަތުމަށް ފަހު އުމަރުގެ ރޯލަކީ ރައީސް ޔާމީން ދިފާއުކުރެއްވުމެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އޭރު ޔާމީންގެ އިސްތަށިފުޅުގައި އެޅުވި ތުހުމަތުތަކަކީ ސިޔާސީ ވާހަކައެއް ކަމަށް ހެއްދެވި އެވެ. އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްގެ ކޮރަޕްޝަންގައި ވެސް އެމަނިކުފާނުގެ ބައިވެރިވުން ނެތް ކަމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އުމަރު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ޔާމީނާ ދެކޮޅަށް އުމަރު ދެން ބޭނުންކުރައްވާނީ ކޮން ވާހަކައެއްކަން އަޑުއަހަން އާންމުން ތިބީ އިންތިޒާރުގަ އެވެ.

ދެން އޮތީ އުމަރުގެ އަމާނާތްތެރިކަމާއި ވަފާތެރިކަމާ ގުޅޭ ގޮތުން ރައީސް މައުމޫން ވިދާޅުވާނެ ވާހަކަފުޅެކެވެ. ޕީޕީއެމްގެ އާއްމު ގިނަ މެމްބަރުން ތިބީ އުމަރާ ބެހޭ ގޮތުން މައުމޫން ދައްކަވާނެ ވާހަކަފުޅަކަށް ވެސް ބަލަބަލަ އެވެ.

35 ކޮމެންޓް, 92 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 3%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެންޓަލިސްޓް

03 July 2016

އުމަރުގެ ހޯމަމިނިސްޓަރކަމުގައި 18މީހުންވަނީ ގޭންގހަނގުރާމައިގައި މަރުވެފައި ، އެކަންކޮންޓްރޯލްއެއް ނުކުރެވުނު ، ކުއްތާތަކެއް ގެނައި އެކަމު ޑްރަގް އެރެރެވާވަރުން އެތެރެވޭ ، ދެންއޮތީ މަގުމަތީގެ ޓްރެފިކް ، އެކަންވެސް ހައްލެއްކުރަން އެއްވެސް ކަމެށްނުކުރެވުނު ، ވީމާ އުމަރުނަސީރުގެ ވެރިކަމެށްގައިވެސް އެއްކަމެއްވެސް ހައްލެއްނުވާނެ ، ކުރެވޭނެ ކަމަކީ ކޮންމެ ރަށެއްގައި ނޫނީ ކޮންމެ ގެއަކަށް ކުއްތާއެއް ދީފާނެ ، ނޫނީ ރައްޔަތު އެންމެންގައިގައި ޓެގްއަޅުވާފާނެ ، އެނޫންކަމެށް ކުރެވޭނެ ކަމަކަށް ހިއެއްނުކުރަން .

The name is already taken The name is available. Register?

ފިއުޗަރިސްޓުން

03 July 2016

ކޮންމެހެން ޕީޕީއެމް ޕްރައިމަރީގައި ރައީސް ޔާމީން ވާދަ ކުރައްވާނެ ކަމަށް ނުފެނެއެވެ. މީޑިއާގެ ސްޕެކިއުލޭޝަންސް ތައް ހުރީ ރައީސް ޔާމީން އާއި އަދި އުމަރު ނަސީރު އާއި އެކު ޕްރައިމަރީ ކޮންޓެސްޓް ގައި ބައިވެރިވާނެ ކަމަށް ހީކުރި ނަމަވެސް އެކަން ވެސް ބަދަލު ވެދާނެއެވެ. އެނޫން ޑިޒައިންސް ތައް ވެސް އެބަހުރި. ޗޮއިސް ތައް ބައިވަރު އެބަހުއްޓެވެ. ލަފާ ކުރެވޭ ގޮތުން ޕީޕީއެމް ޕީޖީ ގްރޫޕް އެއްކޮށް ސޮއިކުރާނީ އެމްޑީއޭ އަށެެވެ. ދެން އެއަށް ފަހު ރައީސް ޔާމީން އާއި މުޅި ކެބިނެޓް ވެސް ބަދަލު ވާނީ އެމްޑީއޭ އަށެވެ. އެއިރުން އެމްޑީއޭގެ މުޝްތަޝާރު ކަން އެމްޑީއޭގެ ކައުންސިލުން ރައީސް ޔާމީން އަށް ދެއްވާ އަދި އެމްޑީއޭ އިން 2018 އަށް ނެރޭ ރިޔާސީ ކެންޑިޑޭޓް އަކީ އެއީ ރައީސް ޔާމީން ކަމުގައި ހަމަޖައްސަވާނެއެވެ. ދެން އަންނަ 2018 ގައި ރައީސް ޔާމީން އާއި އެކު 2018 ގައި ނައިބް ރައީސް އަކަށް ނިކުންނާނީ މިހާރު އިދިކޮޅު އެންމެ ބޮޑު ޕާރޓީގައި ހުންނެވި ވަރަށް ހީވާގި ޒުވާން އަންހެން ރަނިކަމަނާ އެކެވެ. އެއިރުން އަންހެން ބޭފުޅުންނާއި ޒުވާން އަންހެން ކުދިންނާއި އަދި ލިޓިލް އަންހެން ކުދިންގެ ސަޕޯރޓް ވެސް ލިބޭނެ ރައީސް ޔާމީން އަށް. މީވެސް ރާއްޖެ ޕޮލިޓިކަލް ލޭންޑްސްކޭޕް ބަދަލުވެދާނެ ގޮތެކެވެ. ހީވާ ގޮތުން ރައީސް ޔާމީން ކޮންޓެސްޓް އެއް ނުކުރައްވާނެ ޕީޕީއެމްގެ ޕްރައިމަރީ އަކު. އަދި ފަސްޓް ލޭޑީ ފާތުންގެ އޮފީހުން އެކުރައްވާ މަސައްކަތް ތަކަށް ވެސް އެއްވެސް ހުއްޓުމެއް ނާންނާނެއެވެ. ބޮޑަށް ލަފާ ކުރެވޭގޮތުގައި ރައީސް ޔާމީން ޕީޕީއެމް ރައީސް މައުމޫނު އަށް ދޫކޮށްލައްވާނެއެވެ. ޕީޕީއެމްގެ އިސްލާހީ އެޖެންޑާ އިން ރަނގަޅު ގޮތެއް މިސަރުކާރަކަށް ފެނިގެން ދާނެހެން ހީއެއް ނުވެއެވެ.

The name is already taken The name is available. Register?

މެންޓަލިސްޓް

03 July 2016

ތިޔައިވުން ވަރަށް ގާތްކަމެށް ، ރައީސްޔާމިން ޕީޕީއެމް އިން ވަކިވެ ، ރައީސްމައުމޫން ދޫކޮއްލާހިސާބުން ވަރަށް ގިނަ އާންމުންގެ ވޯޓްގެއްލިގެންދާނެ ، ސަބަބަކީ މިދިޔަރިޔާސީ އިންތިޙާބުގައި ޕީޕީއެމްއަށް ދިންވޯޓްގެ %90 އަކީ މައުމޫންއަށް ސަޕޯޓްކުރާ މީހުންދިން ވޯޓް ، މިގައުމުގައި އޭރުވެސް މިހާރުވެސް އޮތީ 2 ފިކުރު ، އެއީ ރައީސްމައުމޫންއައި ރައީސްނަޝީދުގެ ފިކުރު ، އެކަން ބަދަލުކޮށް ރައީސްޔާމިންގެ ފިކުރުކުރިއަރުވަން މަސައްކަތްކުރީ ނަމަވެސް އެކަން މާކަކާކިޔާބުކަމަކަށް އަދިނެތް ދެންނެވޭކަށް ، ރަގަޅު ޕީޕީއެމްގެ ޕާރލިމެންޓްރީގުރޫޕްއާޢި ކެބިނެޓް ތިބީ ޔާމިންއާޢިއެކު ، އެއީބޮޑަށް އުސޫލްތަކަށް ބެލުމަކާއިނުލައި ފައިސާގެ ދަހިވެރިކަމުގައި ތިބި ބައެއް ، ކަމަށް ލަފާކުރަނީ

The name is already taken The name is available. Register?

ޕިމްޑޭ

03 July 2016

ނައިބު ރައީސެއްގެ ގޮތުގައި އުމަރު ލައިގެން ނުކުމެ ހޮވިގެން ދުވަސްކޮޅަކުން ގޮޅިޔަށް ފައްތާލާނީ!!!

The name is already taken The name is available. Register?

ހުސޭނުބެ

03 July 2016

އުމަރު ކުރިމަތި ލުމަކުން މައްސަލައެއް ނޫން!! މީގަ ދެން ވާނެގޮތަކީ ޕީޕީއެމްގެ ޕްރައިމަރީއެއް ބާއްވާ ވަރަށް ވާދަވެރި ޕްރައިމަރީއަކުން ރައިސް ޔާމީން ޓިކެޓް ކާމިޔާބު ކުރައްވާ 2018 އިގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ!! އަދި ހަމަ ރަގަނޅު އަގުލަބިއްޔަތަކުން 2018 އިގެ އިންތިޚާބު ޔާމީން ކާމިޔާބު ކުރައްވާނެ!! މިއީ ޕާޓީތެރޭގެ ޑިމޮކްރަސީ ފައްކާވެފައިވާ ދުނިޔޭގެ އެހެން ކުރިއަރާފައިވާ ގައުމުތަކުގައިވެސް އަޅުގަޑުމެންނަށް ފެންނަމުންދާ ޙަގީގަތަކީ!! މިޙަގީގަތް އަޅުގަޑުމެންނަށް މިފަހަރުވެސް ޕީޕީއެމްތެރޭން ފެނިގެންދާނެ!! ދެވަނަ ގޮތަކީ 2018 އިގެ އިންތިޚާބަށް ޔާމީން ކުރިމަތި ލައްވާއިރު ނައިބު ރައީސެއްގެ ގޮތުގައި އުމަރާއިގެން ނިކުތުން!! އެއީ 2023 ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެްގެ ގޮތުގައި އުމަރު ވާދަކުރައްވާ އެކަން އުމަރަށް ކާމިޔާބުވެގެންދާއިރު ނައިބު ރައީސެއްގެ ގޮތުގައި ހުންނަވާނީ އުމަރާއެކު ފާރިޝް މައުމޫނު!! މިއަޅުގަނަޑަށް މިކަން ފެންނަގޮތަކީ!! އަދި މިހާރު އުފެދިފައިވާ އުދާސްތަށް ފިލައިގެންދާނެވެސް ގޮތްކަމަށް ފެންނަގޮތަކީ!! މިއީ އަޅުގަޑުގެ ޚިޔާލު!!

The name is already taken The name is available. Register?

އަޅީ

03 July 2016

ދެންވާނެގޮތަކީ ކޮންމެވެސް ކަމެއްގަބެދި އުމަރު ގޮޅިއައްދާންޖެހޭނީ އެވަރުންވެސް ދެންހުރިފަރާތައް ކާމިޔާބުނުވެދާނެކަމައް ފެނިއްޖެނަމަ މަޖިލީހުން ނިންމާނީ ރައީސްކަމުގެ ދައުރަކީ 10 އަހަރުކަމައް. ދެން ސްޕްރީމް ކޯޓުން އެކަން ޔަގީންކޮއްދޭނެ އެހިސާބުން އެއޮތީ ވާނެއެތިވެފަ.

The name is already taken The name is available. Register?

ޑްރީމްސް

03 July 2016

ޕީޕީއެމްގެ ޕްރައިމަރީގައި އުމަރު ވާދަކުރައްވާނެ ކަން ކަށަވަރުވީއެވެ. އަޅުގަނޑުމެންނަށް ރަނގަޅީވެސް ޕީޕީއެމް ކައުންސިލުން ވެސް ވަކިފަރާތަކަށް ނުޖެހި ޕީޕީއެމް ޕްރައިމަރީގައި ވާދަ ކުރާ ހުރިހާ ފަރާތް ތަކަށް އެފުރުސަތު ހުޅުވާލަން އެވެ. އެއިރުން އަދި ޕީޕީއެމް ޕްރައިމަރީ ގައި ކުރިމަތި ލާނީ އުމަރު އަދި ރައީސް ޔާމީން އެކަނި ވެސް ނޫނެވެ. ހަމަ ވާގޮތުން ޕީޖީ ގްރޫޕް މެމްބަރަކު ވެސް ޝައުގުވެރިކަން ފާޅުކޮށްފާނެއެވެ. އަޅުގަނޑުމެންނަށް ރަނގަޅީ ޕީޕީއެމްގެ ޕްރައިމަރީ އެއް ބާއްވައިގެން ޕްރައިމަރީ ތެރޭން ރައީސް ޔާމީން ބޮޑު ތަފާތަކުން ހޮވުމެވެ. އިންސާފުވެރި އިންތިޚާބެއް ބާއްވަިއފިނަމަ ޕީޕީއެމްގެ ޕްރައިމަރީ ރައީސް ޔާމީން އަށް ކާމިޔާބު ވުން ވަރަށް ގާތެވެ. ޕީޕީއެމް ޕްރައިމަރީން ރައީސް ޔާމީން ގަސްތުގައި ބަޔަކު ނުހޮވައިފިނަމަ ދެން އަމިއްލަ ގޮތުން ކުރިމަތިލާނީ ރައީސް ޔާމީން ވެސް އެމްޑީއޭ ކޯލިޝަން ތެރޭން. އެއިރުން އެމްޑީއޭ އަދި ރައީސް ޔާމީންގެ އެލައިސް އިން ހިމެނޭ ކޯލިޝަން އަކުން ނިކުމެ ރިޔާސީ އިންތިޚާބު އިރާދަ ކުރެއްވިއްޔާ ކާމިޔާބު ކުރާނެއެވެ. ލިޓިލް ސިންގަޕޯރގެ ސައިލެންޓް ޑްރީމް ކާމިޔާބު ވާން އޮތީ ހަމައެކަނި ރައީސް ޔާމީން އާއި އެކު ސްޓޭންޑް ބައިގައި ތިއްބަވައިގެން ކަމަށް އަޅުގަނޑުމެން ގެ ބިއުޓިފުލް ޑްރީމްސް ތަކުން ފެންނަނީ.

The name is already taken The name is available. Register?

ސިމާދު ސައީދު

03 July 2016

މިގައުމު މިހާރު ގޮސްފައި އޮތް ހިސާބުން ހުދުމުހުތާރު ވެގެން މެނުވީ ރަނގަޅެއް ނުވާނެ. މިހާރު އަހަރުމެންނަށް ވަރަށް ފަސޭހަ. މަގުތައް އަމާން. މަގުތަކަށް މީހުން އެއްކޮށްގެން ހަޅޭއްލަވާތަން ނުފެނޭ. ސްކޫލްކުދިންނަށް ކިޔަވަން ފަސޭހަ. ތަރައްގީގެ ގިނަ މަޝްރޫޢުތައް މާލެއާއި އަތޮޅުތަކުގައި ކުރިއަށްދަނީ. އެއަރޕޯޓްތައް އެޅެނީ. ފްލެޓްތައް އެޅެނީ. ބަނދަރުތައް ހެދެނީ. ސިނާއީ އެކިއެކި މަސައްކަތްތައް ކުރުން އުތުރުވަނީ. މާލޭގައި ސިނާއީ ސަރަހައްދެއް ގާއިމް ކުރުމަށް ބިން ހިއްކުމުގެ ފަހުރުވެސް ލިބިގަތީ. 3 ން ސަރުކާރުންވެސް ކުރަން މަސައްކަތްކޮށް ނުކުރެވިއޮތް ބޮޑު ޕްރޮޖެކްޓް މާލެ-ހުޅުމާލެ ބްރިޖްގެ ޕްރޮޖެކްޓްވެސް ކުރިއަށް ދަނީ. ޑޮލަރު ފަސޭހައިން ލިބޭ. އަގުތައް ރައީސް ނަޝީދުގެ ދުވަސްވަރު އޮތްމިންވަރަށް މައްޗަށް އަރައިގެނެއްނުދޭ. ވަޒީފާތައް ސަރުކާރުގައާއި، އަމިއްލަ ތަންތަނުގައި އިތުރުވެގެން ގޮސްފި. ގެސްޓްހައުސްތައް އަތޮޅުތަކުގައި އެޅި އަތްމަތި ތަނަވަސް ވަނީ. މަސްވެރިކަމުގެ އާ އާލާތްތައް ތައާރަފްކުރެވި އާ މާކެޓްތައް ތައާރަފް ކުރެވި، ރާއްޖޭގެ މަހުގެ ބާވަތްތަކާއި، އެހެނިހެން ބާވަތްތައް ރާއްޖޭން ބޭރުގައި މާކެޓްކުރެވި ނަފާ ލިބެމުންދަނީ. ފަތުރުވެރިކަން މީން ދުވަހަކު ކުރިއަރާފައި ނުވާ މިންވަރަކަށް ކުރިއަރަމުންދަނީ. އަދި މިކަން ކުރިއަރަނީވެސް، އިދިކޮޅު ފަރާތްތަކުގެ ބޯއީކޮޓްތައްވެސް އެއްފަރާތް ކުރުމަށްފަހުގައިގައި ފާހަގަކުރަން. މުޅި ދައުލަތުގެ ރިޒާވްވެސް މީންދުވަހަކު ކުރި ނާރާވަރަށް އަރައިގެން ހިނގައްޖެ. މިހަގީގތްތައް ތަހައްމުލް ނުކުރެވިގެން އިދިކޮޅު ފަރާތްތަކުން ތެޅިފޮޅެނީ. އަދި އެކަމުގެ އަވާގައި ރައީސް މައުމޫނުވެސް ޖައްސަވަން އުޅުއްވަނީ. އެންމެފަހުން މިއޮތީ އިދިކޮޅު ފަރާތްތަކުގެ އަތަށް ބޮން ގޮވާފައި.

The name is already taken The name is available. Register?

ތާ1

03 July 2016

އުމަރު ކުރިމަތި ލައިފިއްޔާ މަ އޮންނާނީ ގޭގަ ޓީވީ ބަލަން.

The name is already taken The name is available. Register?

ސިމާދު ސައީދު

03 July 2016

އުމަރު، އުމަރު، އުމަރު، އުމަރަކީ ހަގީގަތުގައި ފަސް އަނގައިން ވާހަކަ ދައްކަވާ ބޭފުޅެކެވެ. އަދި ހައްލަކީ އުމަރެއްވެސް ނޫނެވެ. އުމަރާއި މައުމޫން އެ އުޅުއްވަނީ ހަގީގަތުގައި ލަންޑަން ގައި ތިބި ޔުނައިޓެޑް އޮޕަޒިޝަން ޔޫނިއަން (އަންނި ގްރޫޕް) އަށް މިދުވަސް ކޮޅު އޮތް ސަމާލުކަން އަނބުރާލުމަށެވެ. އެ ޓްރެޕްގައި އެންމެފަހުން އެމްޑީޕީ ވެސް ޖެހިއްޖެއެވެ. ރައީސް މައުމޫނަށް ތާއީދުކޮށް ވާހަކަދައްކަންވެސް ފަށައިފިއެވެ. އެކަމަކު ބޮޑު މަންޒަރަކީ، ޕީޕީއެމް ގެ ޕްރައިމެރީ ބާއްވާ ރައީސް ޔާމީން ކެންޑިޑޭޓެއްގެ ގޮތުގައި، 2018 ގައި ނުކުންނެވުމެވެ. އެއަށްވުރެއް ވަކި މޮޅު ޗޮއިސް އެއް ޕީޕީއެމް ތެރެއަކުން ނުފެނެއެވެ. ދެން ޕްރެޝައަރ ބޮޑުވެގެންދާނީ އިދިކޮޅު ފަރާތްތަކުން ވެސް މިބީދައިގެން ޕްރައިވެރީ ބާއްވާ ކެންޑިޑޭޓަކު އިހްތިޔާރު ކުރުމަށެވެ.

The name is already taken The name is available. Register?

އައްރަޖަބު

03 July 2016

ޔާމީނުގެ ޚުދްމުހްތާރުކަން މިލިޔުން ކިޔާލުމުން ވަރަށް ސާފުވެއްޖެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454