ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 13 ބިލިއަނަށް އަރާ

ދައުލަތަށް ގެއްލިފައިވާ އަދި ލިބެން ޖެހޭ ފައިސާގެ އަދަދު 13.5 ބިިލިއަން ރުފިޔާއަށް އަރާކަމަށް، ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.


ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ ފަރާތުން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒުލީން އަަހުމަދު ވިދާޅުވީ ދައުލަތަށް އެވަރުގެ ބޮޑު އަދަދެއް ގެއްލުނީ ކުރީގެ ސަރުކާރުތަކުން އެކަންކަމާ އަޅާނުލީތީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެވަރުގެ ބޮޑު އަދަދެއްގެ ފައިސާ ދައުލަތަށް ނުލިބި ހުރުމަކީ "ތަހަައްމަލްކުރެވޭ ވަރަށް ވުރެ ބޮޑު ގެއްލުމެކެ"ވެ.

ރައީސް ޔާމީން އެ ކޮމިޝަން އުފެއްދެވީ ބިރުދެއްކެވުމުގެ ގޮތުން ކަމަށް، އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އަޒުލީން ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. އަދި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ބާރު، މި ކޮމިޝަނުން ކަނޑުވާލާ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް އޭނާ ރައްދު ދެއްވި އެވެ.

އަޒުލީން ވިދާޅުވި ގޮތުގައި ކޮމިޝަނުން ކޮށްދެނީ އޭސީސީ ފަދަ މުއައްސަސާތަކަށް އެހީތެރިވުމުގެ މަސައްކަތްތަކެވެ.

ހޯމް މިނިސްޓަރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގި ބޮޑު ދެ މައްސަލަ ކަމަށްވާ އެފްޕީއައިޑީގެ ކޮރަޕްޝަނާއި އެއާ މޯލްޑިވްސް ބަނގުރޫޓުވުން ވެސް ކުރިއަށް އޮތް ތަނުގައި ބަލާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ ބައެއް މެމްބަރުންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.