ދައުލަތަށް އެކި ގޮތްގޮތުން ލިބެން ޖެހޭ ފައިސާ ހޯދުމަށް ވޯލްޑް ބޭންކާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި އެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި، ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ ނަމުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. މި ކޮމިޝަންގެ ބޭނުމަކީ މީގެ ކުރިން ނެރެފައި ހުރި އޮޑިޓް ރިޕޯޓްތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވާ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރުމެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ލަފައާ އެއްގޮތަށް ކޮމިޝަނާ ގުޅިގެން ދައުލަތަށް ގެއްލިފައިވާ ފައިސާ ބޭރުގެ ފަރާތްތަކުގެ އެހީއާއެކު ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް ގެއްލިފައިވާ އަދި ލިބެން ޖެހޭ ފައިސާގެ އަދަދު 1.4 ބިލިއަން ޑޮލަރަށް އަރާކަން މިހާތަނަށް ކުރި މަސައްކަތުން އެނގޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެހެންވެ، އެ ފައިސާ ހޯދުމަށް ވޯލްޑް ބޭންކާއި ޔޫއެންއޯޑީސީގެ އެހީ ބޭނުންވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނީ އޭސީސީގެ އިތުރުން އޮޑިޓަ ޖެނެރަލް އޮފީހާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) ފަދަ މިނިވަން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ފިނޭންސް މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ. އަދި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމުގައި ސަރުކާރު އޮތީ ސާބިތުކަމާއެކުގައި ކަމަށް މި ބަޔާނުގައިވެ އެވެ.

ސަރުކާރުން ވަނީ މީގެ 27 އަހަރު ކުރިން ސަރުކާރުގެ މަސް ކުންފުނި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ކޮރަޕްޝަނުގެ މައްސަލަ އާއި 1999 ގައި އެއާ މޯލްޑިވްސް ބަނގުރޫޓުވި މައްސަލަ، އެސެޓްސް ރިކަވަރީ ކޮމިޝަނުން ބަލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ސަރުކާރުން ބުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި 1990 ގައި ފަޅާއެރި އަދި އޭރު ތަހުގީގުކުރި އެފްޕީއައިޑީގެ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީ އާއި އޮޑިޓާ ޖެނެރަލް ގުޅިގެން ބަލައި، ގެއްލިފައިވާ ފައިސާއެއް ނަމަ ދައުލަތަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ ބައެއް މެމްބަރުންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ބަލަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.