ގެއްލިފައިވާ ފައިސާ ހޯދޭނެ ހިތްވަރު އިދިކޮޅުގައި ނުހުންނާނެ: ރައީސް ޔާމީން

ޚިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދޭ ފަދަ ހިތްވަރެއް އިދިކޮޅު ކޯލިޝަންގެ ކިބައިގައި ނުހުންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް ޔާމީން އެގޮތަށް ވިދާޅުވީ، ދައުލަތުން ގެއްލިފައވާ ފައިސާ އަނބުރާ ހޯދުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ކޮމެޓީއެއް އުފައްދަވާނެ ކަމަށް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެފައިވާތީ އެ އަށް ރައްދު ދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ތ. ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް އެ ރަށަށް މިއަދު ވަަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލަތަށް ގެއްލިފައި ހުރި ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އެމްޑީޕީގެ ވެރިކަމުގައި މިހާރުގެ އިދިކޮޅު ފަރާތްތަކަށް ލިބުނު ކަމަށެވެ. އެކަމަކު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ހޯދުނު ފައިސާއެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު، އެހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެފްޕީއައިޑީގެ މައްސަލައިގެ ތަހުގީގު ވެސް އޮތީ ނިމިފަ އެވެ. ނަމަވެސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ހިންގި އެ ބޮޑު ހިޔާނާތުގައި ދައުލަތަށް ގެއްލުނު އެ ފައިސާ ހޯދަން އެމްޑީޕީ އަށް ފުރުސަތު ލިބުމުން މަސައްކަތް ނުކުރީ ކީއްވެގެންތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.

"އެ ބޭފުޅުން، އެ ބޭފުޅުންގެ ތެރޭގައި ގުޅުންތައް ހުރި ގޮތުން އެ މައްސަލަ ބަލާފައި އެ ފައިސާ ނެގި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނެވޭހާ ހަކަތައެއް ނޫނީ ހިތްވަރެއް އެ ބޭފުޅުންގެ ނުހުންނާނެ. އެހެން ވެގެން، އޭރު ވެސް ނުކުރެވުނީ. މިހާރު ވެސް އެ ޓީމުގައި އެ ތިއްބެވީ ހަމަ އެއް ބައެއް. އެ ހަކަތަ ހުރި ނަމަ، އެހާ ވަރަށް އެ ވާހަކަ ދައްކަމުން ގެންދިޔައިރު، ތިން އަހަރު ތެރޭގައި އެކަން ކޮށްފައި އޮންނާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޭމަންޑޫގައި މިއަދު ވާހަކަ ދައްކަވަނީ: ޚިޔާނާތުގެ ފައިސާ އަނބުރާ ހޯދޭނެ ހިތްވަރެއް އިދިކޮޅު ފަރާތްތަކުގައި ނެތް ކަމަށް ވިދާޅުވި --ފޮޓޯ/ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ، ޚިޔާނާތުގެ މައްސަލަތައް ބަލަން އެމްޑީޕީގެ ވެރިކަމުގައި ނަޝީދު އުފެއްދެވި ރިޔާސީ ކޮމިޝަން މެދުވެރިކޮށް ވެސް ހޯދުނު ފައިސާއެއް ނެތް ކަމަށެވެ. އަދި ވިދާޅުވި ގޮތުގައި އޭރު އެ ކޮމިޝަނުން ކުރި ހަމައެކަނި ކަމަކީ މައުމޫންގެ ސަރުކާރުގައި އުޅުއްވި ބޭފުޅުންނަށް ސިޔާސީ ގޮތުން ބިރު ދެއްކުމެވެ. އޭރު މައުމޫނާއި އެމަނިކުފާނު ވެސް ފުލުސް އޮފީހަށް ހާޒިރުކުރީ އެ މަގްސަދުގައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެ ހިސާބަށް ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލައިގެ ރިޕޯޓް އޭރު އޮތީ ނިމިފައި. ފައިސާ އަށް އިހުމާލުވިީ ކޮން ބައެއް ކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ. އެހެންވިއްޔާ އެ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނީ. އެކަމެއް ނޫން ކުރީކީ. ކުރަމުން ދިޔަ ކަންކަމަކީ އެކި މީހުންގެ ނަމުގައި ހުރި ގޯތި ގެދޮރު ނަގައި، ސިޓީ ކައުންސިލްގެ ޖަލްސާތައް މާލޭގެ ބިންމަތީގައި ކޮށް، މި ކަހަލަ ކަންކަން،" ހިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދަވައިގެން އެ މަސައްކަތް ކުރައްވާ ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ އަކީ، އެމްޑީޕީގެ ވެރިކަމުގައި ވެސް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ފާހަގަ ކުރައްވައި، ރައީސް ޔާމީން ވިދާޅުވީ އޭރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް އެ ފައިސާ ހޯދަން މަސައްކަތްތަކެއް ކުރަން އިބޫ އަށް ކެރިވަޑައިނުގަތް ކަމަށެވެ. އެހެންވެ، ގެއްލިފައި ހުރި ފައިސާ ހޯދަން ކޮމެޓީއެއް އުފައްދާ ވާހަކަ މިހާރު ދެއްކެވުމުން އެއްވެސް އޮއްޓަރެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ، ހދ. އަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި މަކުނުދޫގައި ރޭ ވާހަކަ ދައްކަވަނީ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ދައުލަތަށް ގެއްލިފައި ހުރި ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރަނީ އެމަނިކުފާނުގެ ސަރުކާރުންނެވެ. އެގޮތުން، ގެއްލިފައި ހުރި ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނެއް އުފައްދައި، ގެއްލިފައި ހުރި ފައިސާގެ އަދަދާއި ހިސާބުތައް ދެނެގަނެފައިވާ ކަމަށާއި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް އެކަން އަންގަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ފައިސާ ނުދައްކާ މީހުންގެ މައްސަލަތައް ޝަރީއަތަށް ހުށަހަޅަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތަކީ ފަސޭހަ މަސައްކަތަކަށް ނުވަނީ. އެއީ މި ދެންނެވި ގޮތަށް ގާނޫނީ މަރުހަލާގެ ތެރެއިން ކުރަންޖެހޭ ދަތުރަކަށް ވާތީ،" ރައީސް ވިދާޅުވި އެވެ.

"ކޮރަޕްޝަން ހިނގައިފި ކަމަށް ވަންޏާ އަޅުގަނޑުގެ ސަރުކާރެއްގައި އެ ހިނގާ ކޮރަޕްޝަނަކާ ދޭތެރޭގައި ފިޔަވަޅު އަޅާނެ. އެކަމަކު އެހެން ސަރުކާރުތަކަކަށް ޕޯޑިއަމެއްގައި ދިވެހި ރައްޔިތުންގެ ކުރިމަތީގައި މިހާތަނަކަށް ބުނެވޭކަށް ނޯންނާނެ އެ ވާހަކައެއް."

ރައީސް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން މިނިވަން ކުރާނެ ވާހަކަ ވެސް ދައްކަނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. ދައުލަތުގެ އެތައް މިލިއަން ޑޮލަރެއް ގެއްލިގެން ގޮސްފައިވާއިރު، އެފަދަ މައްސަލަތަކުގައި ހިމެނޭ މީހުންނަކީ ސިޔާސީ ކުށްވެރިން ކަމަށް ބުނެ ޖަލުން ނެރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.