ދުނިޔޭގެ މުސްތަގުބަލް ކުޑަ ގައުމަކުން ހިސޯރު ކުރާނަމަ، އެކަން ދެން ކުރާނީ ރާއްޖެ އިން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ "ޔޫރަޕްގެ ސުވިޒަލޭންޑަކީ އިންޑިއާ ކަނޑުގައި ރާއްޖެ" ކަމަށެވެ.

ރާއްޖޭގެ އިގުތިސޯދާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ، "ވީރާނާވެ ބަލި އެނދުގައި އޮތް އިގްތިސާދު"އަށް އަލުން ދިރުމެއް ގެންނާނެ ފޯމިއުލާއެއް ނެރެ، އެކަން ކުރެއްވުމަކީ ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު މަސައްކަތެއް ކަމަށެވެ. އެކަމަކު ރައީސް ޔާމީންގެ މަސައްކަތްޕުޅުގެ ސަބަބުން، މިދިޔަ ހަތަރު އަހަރު ވެގެން ދިޔައީ ރާއްޖޭގެ އިގުތިސޯދަށް ދިރުން ގެނައި ދުވަސްތަކަށް ކަމަށް ވިދާޅުވި އެވެ.

"ރައީސް [ވެރިކަމަށް] ކުރިމަތިލެއްވިއިރު އެއާޕޯޓެއް ނެތޭ އަޅުގަނޑުމެންގެ. އަޅުގަނޑުމެންގެ އިންފްރާންސްކަލްޗަ މުސްކުޅި ވެފައި ވަނީ. ވީރާނާ ވެފައި. އަޅުގަނޑުމެންގެ ފައިނޭޝަން މާކެޓާ ދޭތެރޭގައި ނުވަތަ މާލީ ބާޒާރާ ދޭތެރޭގައި ބައިނަލްއަގްވާމީ ޔަގީންކަން ކުޑަވެފައި އޮތީ،" ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ އިގުތިސޯދު އޮތް ނިކަމެތި ގޮތް ސިފަކޮށްދެއްވަމުން ވިޔަފާރި އާއި އިގުތިސޯދާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނާއި ނައިބު ރައީސް ޖިހާދު ބައިވެރިވެވަޑައިގަންނަވަނީ.---ނިޝާން އަލީ/މިހާރު
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނާއި ނައިބު ރައީސް ޖިހާދު ބައިވެރިވެވަޑައިގަންނަވަނީ.---ނިޝާން އަލީ/މިހާރު

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ސައީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ނުހެދި ހުރި ރިސޯޓްތައް ހެދުމުގެ އަސްލު ސަބަބަކަށް ވީ ސޮވެރިން ރޭޓިން ގާއިމްކޮށް، ރާއްޖޭގެ މާލީ ނިޒާމަށް އޮތް އިތުބާރު ބޮޑު ކުރުމެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހުރީ 23،000 އެނދު ކަމަށެވެ. އެކަމަކު މިއަދު 5،000 އެނދު އިތުރު ކޮށްފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ. އަދި ކުރިމަގުގައި 50 ރިސޯޓް ނިމޭއިރު 50،000 އެނދު ހުންނާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި 144 ރިސޯޓް ހަދަމުން އަންނައިރު، 19،000 އަށް ޓޫރިސްޓް އެނދު އިތުރުވާނެ ކަމަށާއި އެ އިންވެސްޓްމަންޓްގެ އަގަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގައި 50،000 އެނދު ހުންނަ ކަމަށް ވަންޏާ 3.9 މިލިއަން އެރައިވަލް، ފަސް އަހަރާއި ހަތް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހާސިލް ނުކުރެވޭނެ ހަމަ އެއްވެސް ގޮތެއް ﷲ ގެ ވާގިފުޅާއެކު ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ ދާއިރާ އިން އެކަނި ވެސް 5،000 ވަޒީފާގެ ފުރުސަތު އެބައޮތެވެ. އަދި މި ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އެއް ލައްކަ އަށް ވުރެ ގިނަ ވަޒީފާ އެ ދާއިރާ އިން އުފެއްދޭނެ ކަމަަށް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާ: މި ޖަލްސާގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި---ނިޝާން އަލީ/މިހާރު
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާ: މި ޖަލްސާގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި---ނިޝާން އަލީ/މިހާރު

ސައީދު ފާހަގަކުރެއްވި ގޮތުގައި 2009-2012 އާ ދެމެދު ރާއްޖެ އިން ބޭރުން އައިސްފައި ވަނީ 8،300 މަތިންދާބޯޓެވެ. ނަމަވެސް 2014-2017 އަށް އެ އަދަދު 12،000 އަށް އިތުރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު 42،000 މަތިންދާބޯޓު ރާއްޖެ އަށް ޖައްސާނެކަން ސައީދު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން 2000-2013 އަށް ރާއްޖެ ގެނައީ 190،000 ޓޫރިސްޓުން ކަމަށް ވާއިރު، 2014-2017 އަށް އެ އަދަދު 658،000 އަށް އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ ދާއިރާ އަށް އައި ކުރިއެރުން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ މިދިޔަ ހަތަރު އަހަރު ބޮޑުހިލަ އެތެރެކުރި މިންވަރު 600 މެކްޓްރިކް ޓަނުން ދެ މިލިއަން މެކްޓްރިކް ޓަނަށް އިތުރުވެފައިވާ ކަމަށެވެ. އަދި ހިލަވެލި އެތެރެކުރި މިންވަރު 400 މެކްޓްރިކް ޓަނުން އެއް މިލިއަން މެކްޓްރިކް ޓަނަށް އިތުރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ނިޝާން އަލީ/މިހާރު
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ނިޝާން އަލީ/މިހާރު

މަސްވެރިކަމަށް އަލިއަޅުވާލައްވަމުން ވިދާޅުވީ ދުވާލަކު މަސް ގަނެވޭ ނިސްބަތް 530 މެކްޓްރިކް ޓަނުން 720 މެކްޓްރިކް ޓަނަށް މިހާރު އިތުރު ކޮށްފައިވާ ކަމަށެވެ.

"ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ދިޔަސް މަސްވެރިންނަށް ގެއްލުން ވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅާފައި. އޭގެ ތެރޭގައި ރާއްޖޭގެ މަހުގެ އުފެއްދުންތެރިކަން އިތުރުކޮށް ވެލިއު އެޑް ކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން 15 ޓަނުގެ ކެޕޭސިޓީ އަށް ދަށް ކުރެވުނު ކޭނަރީތައް މިހާރު ވާނީ 50 ޓަނަށް ބަދަލު ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި އިތުރު 25 މެކްޓްރިކް ޓަނުގެ މަސް ބަންދުކުރާ ދެ ޕައުޗް ޕްލާންޓް ގާއިމް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މި ހުރިހާ ސަބަބުތަކާ ހެދި، ކުރިއަށް އޮތް ފަސް އަހަރަށް ވެސް ރައީސް ޔާމީން އިންތިޚާބު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.