އިދިކޮޅު ސިޔާސީ ލީޑަރުންގެ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ކޮންމެ ބޭފުޅަކު ވެސް ބޭނުން ވަނީ ވެރިކަމަށް ވަޑައިގަތުމަށް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅު ކޯލިޝަނެއް އެކުލަވާލާފައިވާއިރު، އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމުގެ ވާހަކަތައް ވަނީ ފަށައިފަ އެވެ.
ޕީޕީއެމް ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރަން ކާނިވަލުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ އިންތިގާލީ ކެނޑިޑޭޓްގެ ވާހަކައާއެކު އިދިކޮޅު ފަރާތްތަކުން ދައްކަނީ އެކި ބޭފުޅުން އެކި ވާހަކަ ކަމަށެވެ. އެ ވާހަކަތަކުން، އެ ބޭފުޅުންގެ ތެރޭގައި ގުޅުމެއް ނެތް ކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްބައި ބޭފުޅުން ވިދާޅުވަނީ އިންތިގާލީ ވެރިއަކު ވެރިކަން ކުރަންވާނީ އެއް އަހަރު ދުވަހަށޭ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ ހަތަރު އަހަރު ދުވަހަށޭ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ އިންތިގާލީ ވެރިއެއްގެ ވާހަކަ ދައްކަން އަދި މާ އަވަހޭ." އަބްދުއް ރަހީމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަކީ ގައުމު ބައިބައި ކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ނަން ދިވެހި ތާރީހުގައި ލިޔާނީ ރަން އަކުރުން ކަމަށާއި ރާއްޖޭގެ މުސްތުބަލް ކުރިއަށް އޮތް ތަނުގައި ރޭވުމަށް މިސާލަކަށް ބަލާނީ ރައީސް ޔާމީންގެ ނިންމުންތައް ކަމަށެވެ.
ރާއްޖެ 2020އަށް ދާއިރު ބަނގުރޫޓްވާނެ ކަމަށް ވިދާޅުވާ ބޭފުޅުން، އެހެން ވިދާޅުވަނީ ދުނިޔޭގެ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކަށް ނުބަލައި ކަމަށާއި އެ ރިޕޯޓްތައް ބުނަނީ ރާއްޖޭގެ އިގްތިސާދު އަންނަނީ ކުރިއަރަމުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ކުންފުނިތައް ބަނގުރޫޓްވެ ރާއްޖޭގެ މަގުތައް ނާމާންވެގެން ދިޔަ އެވެ. އަދި ރާއްޖޭގެ ގާނޫނުގެ ބާރު ކަނޑުވާލައި އުމުރުން ދުވަސްވީ ފަރާތްތަކަށް އޮތް އިހުތިރާމް ގެއްލުވާލި ކަމަށް ވެސް ވިދާޅުވި އެވެ.