އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓު މާ އަވަހަށް ދައްކައިފި ނަމަ، ނުހައްގު ދައުވާއަކުން ޖަލަށް ލާނެ ކަމަށާއި އިދިކޮޅު ކެންޑިޑޭޓާ އެކު ރައީސް އަބްދުﷲ ޔާމީން ސިއްސުވާލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިކުރަން ނެރޭނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކުން ވަކިވަކިން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ކެންޑިޑޭޓު ކަނޑައަޅާނީ މި މަޝްވަރާތަކުން ނިކުންނަ ފޯމިއުލާ އިން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުގެ މަޝްވަރާތަކަށް ފަހު ޕާޓީތަކުން ގޮތްތަކެއް ކަނޑައަޅާނެ ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓަކީ މިވެނި ބޭފުޅެއް ކަމަށް މާ ކުރިން އިއުލާންކޮށްފި ނަމަ އެ މީހަކު ޖަލަށް ލާނެ ކަން ޔަގީންވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"ރައީސް ޔާމީނާ ވާދަކުރައްވަފާނެހެން ހީވާ ހުރިހާ ބޭފުޅުން މިހާރު ވެސް ތިއްބެވީ އެކި ހުކުމްތައް އިއްވައި ބަންދުކުރައްވާފައި. ދެން ވެސް އެމަނިކުފާނާ ވާދަކޮށްފާނެހެން ހީވާ ހުރިހާ ބޭފުޅުންނަށް ވެސް ނުރައްކާ އެބަ އޮތް،" ރިޔާޒް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ކެންޑިޑޭޓް ނެރެން އަދި ވަގުތު އެބަ އޮތް. އެއް ކެންޑިޑޭޓެއްގެ ވިސްނުމަށް ހުރިހާ ޕާޓީތަކުން ވެސް ތާއީދުކުރޭ. މި މަޝްވަރާތައް ނިމުނީމަ އަޅުގަނޑުމެންގެ ކެންޑިޑޭޓް ވާނީ ރައީސް ޔާމީނަށް ސަޕްރައިޒަކަށް."

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ތެރެއިން އިންތިޚާބުގައި ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން މިހާތަނަށް ވަކި ގޮތެއް ނިންމާފައި ވަނީ އަދާލަތުން އެކަންޏެވެ. އިންތިހާބުގައި ގައުމީ އެއްބައިވަންތަ ސަރުކާރަކަށް ތާއީދުކުރަން އެއްބަސްވެ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. މާނައަކީ، އަދާލަތުން ތާއީދު ކުރާނީ ޕާޓީތައް ގުޅިގެން ނެރޭ ކެންޑިޑޭޓަކަށް ކަމެވެ. ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އަދި އެ އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ކެންޑިޑޭޓާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރިހާ ފުރުސަތުތަކެއް ބަންދުވެފަ އެވެ. ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުނީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި އިއްވި 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. ގާސިމަށް ފުރުސަތު ގެއްލުނީ، އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް ރައީސްކަން ނުކުރެއްވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހާ ހެދި އެވެ.

މި ދެ ބޭފުޅުންގެ އިތުރުން ސިޔާސީ އެހެން ދެ ލީޑަރުން ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވަނީ ދިގު މުއްދަތުގެ ހުކުމްތަކުގައި ޖަލަށް ލައިފަ އެވެ.