ވިއްސާރައިގައި ލިބުނު ގެއްލުންތައް ދިރާސާކޮށް، މިދަނީ އެހީތެރިވަމުން: ރައީސް

ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި، ރަށް ރަށަށް ލިބެމުން ދާ ގެއްލުންތައް ދިރާސާކޮށް، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުގެ ތަރުޖަމާން މެދުވެރިކޮށް ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީން ރައްޔިތުންނަށް ދެއްވި ޚާއްސަ މެސެޖެއްގައި ވިދާޅުވެފައި ވަނީ ބާރުގަދަ ވަޔާ އެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރަ އިން ރައްކާތެރިވެ ސަމާލުވެ ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މިހާތަނަށް ލިބުނު ގެއްލުންތައް ދިރާސާކޮށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވެފައިވެ އެވެ.

މުއާޒް ކުރެއްވި ޓުވީޓު.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެ މަތީ ދަރަޖައިގައި އަބަދުވެސް ތައްޔާރުވެ ތިބުމަށް ކަމާ ގުޅުން ހުރި އެންމެހައި އިދާރާތަކަށް ވަނީ އަންގަވައިފަ އެވެ.

"މި ތޫފާނުން އަޅަމެން ރައްކާތެރިކޮށްދެއްވައި، މިންޖު ކޮށްދެއްވާށި،" ރައީސް ޔާމީން ރައްޔިތުންނަށް ފޮނުއްވި މެސެޖްގައިވެ އެވެ.

މުއާޒް ކުރެއްވި ޓުވީޓު.

ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން "އޯޗީ"ގެ ބާރު ގަދަ ވެފައިވާ އިރު، ތޫފާނު ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށް ވިޔަސް، ތޫފާނާ ގުޅިގެން އުފެދުނު ބައެއް ވިލާތައް ރާއްޖޭގެ ސަރަހައްދަށް އަރަމުން ދާތީ ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭވެހި، މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

ޚާއްސަކޮށް ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފައިވެ އެވެ. މި ވިއްސާރައިގައި އުތުރުގެ ގިނަ ރަށްރަށުގައި ފެން ބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެ، އާންމުންގެ މުދަލަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދިމާވެދާނެ ހާދިސާއަކަށް ރައްކާތެރިވުމުގެ ގޮތުން ބައެއް ރަށްރަށުގައި ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިހާތަނަށް އާންމު ކުރި މައުލޫމާތަށް ބަލާއިރު، އުތުރާއި މެދު ރާއްޖެތެރޭގެ ފަސް އަތޮޅެއްގެ ބައެއް ރަށްރަށުގައި ވަނީ ފެން ބޮޑުވެފަ އެވެ. ގިނަ ރަށްތަކުގައި ފެން ބޮޑުވެފައިވާ އިރު ބައެއް ރަށްތަކުގައި އަދިވެސް ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.

ރާއްޖެއާ ދުރަށް ތޫފާން ދާއިރު، އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. މިހާތަނަށް ކަނޑުމަތީގެ 16 ހާދިސާއެއް ހިނގައިގެން ރިޕޯޓް ކުރިއިރު، އޭގެ ތެރޭގައި ދެ ދޯންޏެއް ބަންޑުން ޖަހާލުން ހިމެނެ އެވެ.