ރާއްޖެއަކީ ސަތޭކަ ޕަސެންޓް މުސްލިމް ގައުމަކަށް ވާތީ، ހަސަދަވެރިވާ ބަޔަކު އެބަތިބި ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ދެއްވި ޚިތާބުގައި ރައީސް ޔާމީން ވިދާޅުވީ ބޭރުގެ އެކި ފިއްތުންތައް ކުރިމަތި ކުރުވުމަށާއި ދިވެހިންގެ ދީނީ އަގީދާ ބަލިކަށި ކުރުވުމަށް، އެތެރެ އާއި ބޭރުން މަސައްކަތް ކުރަމުންދާއިރު އެކަމަށް ހޭލަން ޖެހޭ ކަމަށެވެ.
"އެފަދަ ފިކުރުތަކަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް އަޅުގަނޑުމެން ދީގެނެއް ނުވާނެ. އަޅުގަނޑުމެންގެ އަޒުމަކަށް ވާންޖެހޭނީ، މާތްވެގެންވާ އިސްލާމްދީނުގައި ނުގުޑާފަދަ ވަރުގަދަ އަޒުމަކާއެކު ފައިތިލަ ސާބިތުކޮށްގެން ތިބުން." ރައީސް ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގެ ކުރިއެރުން ބިނާވެފައި އޮންނާނީ އިސްލާމް ދީނުގައި ހިފެހެއްޓި މިންވަރެއްގެ މައްޗަށްކަން ހަނދާން ކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިސްލާމް ދީނަކީ އެންމެހައި އާލަމްތަކަށް ރަހްމަތެއް ކަމުގައި ބާވައިލެއްވި ދީން ކަމަށްވާއިރު އެ ދީނުގެ މަތިވެރި އަގީދާ އާއި ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން، އިއްޔެގެ މަޣްރިބް ނަމާދަށް ފަހު ޚާއްސަ ދުއާއެއް ކުރުން އޮތެވެ. ދުވަހާ ގުޅޭ ޚާއްސަ ޖަލްސާ އޮންނާނީ މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.