ފިނޭންސްގެ އާ އިމާރާތް ހެދުމަށް މެލޭޝިއާ އެހީވަނީ

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އައު އިމާރާތް ހެދުމަށް މެލޭޝިއާ ސަރުކާރުން އެހީވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގް މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ބޭއްވި ރަސްމީ ވާހަކަތަކަށް ފަހު ދެއްވި ބަޔާނުގައި، މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ ފިނޭންސް އިމާރާތް އެޅުމަށް 122 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާ) ބޭނުންވާ ކަމަށެވެ. އަދި އެ އިމާރާތް ހަދައި ނިމޭ ތަން ދެކެން ބޭނުންވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އެ (އިމާރާތް) ނިމޭ ތަން ދެކެން. މި ދަތުރުގެ ނަތީޖާގެ ސަބަބުން އެ މުހިންމު މަޝްރޫއަށް އެހީތެރިވެވޭނެ ކަމަށް،" މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތް އެޅުމަށް އެންމެ ފުރަތަމަ ނިންމީ ފިނޭންސް މިނިސްޓްރީ ހުންނަ ކޮށީގަ އެވެ. އެކަމަކު، އެ ޕްލޭން ބަދަލުކޮށް، އެ އިމާރާތް މިހާރު ހަދަން ނިންމާފައިވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގަ އެވެ. އެ މަޝްރޫއު ވަނީ މާޗް 1، 2015 ގައި މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ކޮންސްޓްރަކްޝަން ކޮމްޕެނީއާ ސަރުކާރުން ހަވާލުކޮށްފަ އެވެ.

ރާއްޖޭގައި ހަދާ އެންމެ ބޮޑު އޮފީސް އިމާރާތުގައި 30،000 ކޮޑި މީޓަރުގެ ފެން ރައްކާކުރާ ތާނގީއެއް ހުންނާނެ އެވެ. ބިއްލޫރި އާއި ދަގަނޑުން ހަދާ މި އިމާރާތުގެ އެންމެ ތިރީގައި ހުންނާނީ ލޮބީ އާއި ފިހާރަތަކެވެ. ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި ކާރު ޕާކު ކުރުމަށް ހާއްސަ ކުރާ އިރު އޮފީސްތައް ހުންނާނީ ފަސް ވަނަ ބުރިން ފެށިގެން 23 ވަނަ ބުރިއާ ހަމައަށެވެ. އިމާރާތުގެ 25 ވަނަ ބުރީގައި ހަދާނީ 250 މީހުންގެ ޖާގައިގެ ރެސްޓޯރަންޓެކެވެ. އިމާރާތުގެ ޓެރަސްގައި ކޯޕަރޭޓް ލައުންޖެއް ވެސް ހުންނާނެ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖެ އާއި މެލޭޝިއާއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަތާ 49 އަހަރު ވެފައިވާ އިރު، މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި އިންސާނީ ވަސީލަތްތައް ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށާއި ހާއްސަކޮށް، ސިވިލް ސާވަންޓުން ތަމްރީން ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ނަޖީބު ވިދާޅުވި އެވެ. އަދި އެއްބަސްވުމުގެ ސަބަބުން ދިވެހިން މެލޭޝިއާގައި މަތީ ތައުލީމް ހާސިލް ކުރުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް ނަޖީބު ވިދާޅުވި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ރާއްޖެއާ އެކު ގާއިމު ކުރި އެއްބަސްވުމުގެ ސަބަބުން ފެންވަރު ރަނގަޅު ކޯސްތަކެއް ފަސޭހަ އަގެއްގައި ލިބޭނެ އެވެ.

މެލޭޝިއާގައި 1700 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި، ނަޖީބު ވަނީ ކުރިމަގުގައި އިތުރު ދިވެހިން މެލޭޝިއާގައި ތައުލީމް ހާސިލް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެ އަށް ޓޫރިޒަމް ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ މެލޭޝިއާގެ އިންވެސްޓަރުން އެ ދާއިރާގައި އިންވެސްޓް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާގައި ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމާއި ސިއްހީ ދާއިރާ އިން މީހުން ތަމްރީން ކުރުމާއި ވަސީލަތްތައް ހޯދައި ދިނުމާއި މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައި ދިނުމާއި އަލިފާން ނިއްވުމާ ބެހޭ ތަމްރީން ދިނުމާ ގުޅޭ އެއްބަސްވުމެކެވެ.