ސަދަގާތު ފައުންޑޭޝަނުގެ އެހީގައި ހިތާނުކުރި ކުދިންނާ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މިއަދު ބައްދަލުކުރައްވައި، ހަދިޔާއެއްގެ ގޮތުގައި ކޮންމެ ކުއްޖަކަށް ޓެބްލެޓް ކޮމްޕިއުޓަރެއް ދެއްވައިފި އެވެ.

ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ހިންގަވާ ސަދަގާތު ފައުންޑޭޝަނުން ހުޅުމާލޭގައި ފަށާފައިވާ ހިތާނީ ފެސްޓިވަލުގައި 500 ކުދިން ހިތާނު ކުރެ އެވެ. މި މަހުގެ 28ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕުގައި މިހާތަނަށް 200 އެއްހާ ކުދިން ހިތާނުކޮށްފި އެވެ.

ސަދަގާތު ފައުންޑޭޝަނުގެ ހިތާނީ ފެސްޓިވަލުގެ ބައިވެރިވި ކުދިންނާ ރައީސްގެ ދެކަނބަލުން މިއަދު ބައްދަލު ކުރައްވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު
ސަދަގާތު ފައުންޑޭޝަނުގެ ހިތާނީ ފެސްޓިވަލުގެ ބައިވެރިވި ކުދިންނާ ރައީސްގެ ދެކަނބަލުން މިއަދު ބައްދަލު ކުރައްވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

މިއަދު މެންދުރު ރައީސް ޔާމީން ވަނީ، އެ ފެސްޓިވަލް އޮންނަ ރެހެންދި ސްކޫލާއި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލަށް ޒިޔާރަތް ކުރައްވައި ކުދިންނަށް ހަދިޔާ ދެއްވައި، ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. މި ފެސްޓިވަލުގައި ބައިވެރިވާ ހުރިހާ ކުދިންނަށް ވެސް ރައީސްގެ އެ ހަދިޔާ ލިބޭނެ އެވެ.

ސަދަގާތު ފައުންޑޭޝަނުން މިދިޔަ އަހަރު ބޭއްވި ހިތާނީ ފެސްޓިވަލުގައި ބައިވެރިވި ކުދިންނަށް ވެސް ރައީސްގެ ދެކަނބަލުން ހަދިޔާ ދެއްވި އެވެ.

މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ފެސްޓިވަލްގެ އިންތިޒާމްތައް މާ ރަނގަޅެވެ. ރެހެންދި ސްކޫލުގައި އެއްފަހަރާ 72 ކުދިންނަށް ތިބެވޭއިރު ގޭޓްވޭގެ ޖާގައަކީ 32 އެވެ. ކޮންމެ ހަތަރު ދުވަހަކުން އާ ކުދިންނަށް ފުރުސަތު ދޭއިރު، ދުވަހުގެ ގަޑިތައް ވެސް ބަހާލާފައި ހުންނަނީ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން ވެސް މުނިފޫހިފިލުވޭ ގޮތަށެވެ.

ސަދަގާތު ފައުންޑޭޝަނުގެ ހިތާނީ ފެސްޓިވަލުގެ ބައިވެރިވި ކުދިންނާ ރައީސް ޔާމީން މިއަދު ބައްދަލު ކުރައްވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު
ސަދަގާތު ފައުންޑޭޝަނުގެ ހިތާނީ ފެސްޓިވަލުގެ ބައިވެރިވި ކުދިންނާ ރައީސް ޔާމީން މިއަދު ބައްދަލު ކުރައްވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

އެ ފެސްޓިވަލުގައި ބައިވެރިވި ގިނަ ބެލެނިވެރިން ބުނީ މިއީ ލިބުނު ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށާއި އެހާ ގިނަ ކުދިންތަކެއް އެއް ފަހަރާ ހިތާނުކޮށްގެން އުޅުމަކީ ކުދިންނާއި ބެލެނިވެރިން ވެސް ފޫހިފިލާ އަދި މަޖާ ކަމެއް ކަމަށެވެ.

ފެސްޓިވަލުގައި ބައިވެރިވާ ކުދިން ހިތާނުކުރުމާއި ކުދިން ބެލެހެއްޓުމާއި ކެއުމުގެ ޚަރަދާއިި ޑޮކްޓަރަށް ދެއްކުމާއި ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދެނީ ވެސް ސޮދަގާތު ފައުންޑޭޝަނުންނެވެ.