އެއާއޭޝިއާގެ މަތިންދާބޯޓު އަނެއްކާވެސް ކެންސަލް، އެއާޕޯޓުގައި އިހުތިޖާޖު ކުރަނީ

ރާއްޖެއިން މެލޭޝިއާގެ ކުއަލަލަމްޕޫރަށް ރޭ ދަތުރުކުރަން ހަމަޖެހިފައި އޮތް އެއާއޭޝިއާގެ މަތިންދާބޯޓު މިރޭ ވެސް ކެންސަލް ކުރުމާ ގުޅިގެން، އެ މަތިންދާބޯޓުގެ ފަސިންޖަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.


މެލޭޝިއާގެ އެންމެ ވަރުގަދަ ބަޖެޓް އެއާލައިން، އެއާއޭޝިއާގެ މަތިންދާ ބޯޓު ރޭ 9:00 ގައި ފުރަން ހަމަޖައްސައި، ފަހު ވަގުތު ކެންސަލްކުރީ ފަސިންޖަރުން ބޯޓަށް އެރުވުމަށް ފަހު އެވެ. ދަތުރު ކެންސަލް ކުރި ސަބަބެއް ކަމަށް ބުނީ މަތިންދާބޯޓުން ތެޔޮ ލީކުވާތީ އެވެ.

"ރޭގައި ބުނީ މިއަދު ފުރޭނެއޭ. މައްސަލަ ހައްލުވާނެއޭ،" އެއާ އޭޝިއާގެ މަތިންދާބޯޓުން މެލޭޝިއާއަށް ފުރަން އެއާޕޯޓުގައި ހުރި މީހަކު ބުންޏެވެ.

ނަމަވެސް މިއަދު ހަވީރު 5:00 ގައި ބޯޓު ފުރާގޮތަށް ޝެޑިއުލްކުރި އެވެ. އެކަމަކު މިއަދު މެންދުރު ފަހު 2:30 ގައި ފަސިންޖަރުން ޗެކިން ވެސް ހަދައި ނިމި، ހަވީރު 5:30 ހާއިރު ކުއްލި ގޮތަކަށް އަނެއްކާވެސް އެންގީ ދަތުރު ކެންސަލް ވެއްޖެ ކަމަށެވެ.

"ބުނަނީ ބޯޓު އަދިވެސް ނުހެދެއޭ. އެހެންވެ އަނެއްކާވެސް މާދަމާ އަށް ފަސްކުރީއޭ،" ފަސިންޖަރަކު ބުންޏެވެ.

މިކަމާ ގުޅިގެން އެއާއޭޝިއާގެ މިރޭގެ ފްލައިޓުން މެލޭޝިއާއަށް ފުރަން ހަމަޖެހިފައިވާ ގިނަ ބަޔަކު ދަނީ އެއާޕޯޓުގައި އިހުތިޖާޖު ކުރަމުންނެވެ. އެއް ބަޔަކު ބުނަނީ އެތަނުން ދާނީ ޔަގީންކަމާއެކު ފުރޭނެ ދުވަހެއް ދިނުމުން ކަމަށެވެ. އަނެއް ބަޔަކު ބޭނުންވަނީ ޓިކެޓުގެ ރިފަންޑެވެ.

"ޑިޕާޗާ ގޭޓް ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު އެބަތިބި. އެމީހުން ބުނަނީ ކެންސަލްވި ފުލައިޓުގެ މީހުން ނުގެން ގޮސް މިރޭގެ ޝެޑިއުލް ދަތުރެއް ނުކުރެވޭނެއޭ،" ފަސިންޖަރަކު ބުންޏެވެ.

އެއާޕޯޓުގެ ޓާމިނަލްގެ ތެރޭގައި ފަސިންޖަރުން އިހުތިޖާޖު ކުރަމުންދާއިރު، ފުލުހުން މިހާރު އަންނަނީ އެތަނުގައި ހަރަކާތްތެރި ވަމުންނެވެ.

ރާއްޖެއަށް އެއާއޭޝިއާގެ މަތިންދާބޯޓުގެ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.