ދެ މަސްވެރިން މަރުވި ދޯނި މަހަށް ފުރުން މެދުކަނޑާލައިފި

ނ. ލަންދޫ ދޯންޏަކުން މަހަށް ގޮސް އުޅެނިކޮށް ހަފުތާއެއްގެ ތެރޭގައި ދެ މަސްވެރިން މަރުވުމާ ގުޅިގެން އެ ދޯނީގެ އެއްވެސް މަސްވެރިއަކު މިވަގުތު މަހަށް ދާން ބޭނުން ނުވާތީ، އެ ދޯނި މަހަށް ފުރުން މެދުކަނޑާލައިފި އެވެ.


އެ ރަށުގެ "މުރިނގު-2" ނަމަކަށް ކިޔާ އެ ދޯނީގެ އޮޑިވެރިޔާ ޚާލިދު އަބޫބަކުރު ބުނި ގޮތުގައި އެ ދޯނީގައި ގިނަ ދުވަސްތަކެއް ވާންދެން މަހަށް ދިޔަ ދެ މީހަކު ކުއްލި ގޮތަކަށް މަރުވުމުން، އެހެން ފަޅުވެރިންނަށް ވަނީ ފުން ހިތާމައެއް ލިބިފަ އެވެ. އަދި މި ވަގުތު އެއްވެސް މީހަކު މަހަށް ދާން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ މަހު 21ގައި އެންމެ ފުރަތަމަ މަރުވީ އެ ދޯނީގެ ކެޔޮޅެއް ކަމަށްވާ އާދަމް އިސްމާއީލް، 45، އެވެ. އަދި އޭގެ ހަތް ދުވަސް ފަހުން އޭނާގެ އެކުވެރި އަހުމަދު ފައިސަލް، 45، މަރުވީ އެން އުކަން ހުއްޓަ އެވެ.

ދެ މަސްވެރިން ވެސް މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް، އެ މީހުންނަށް ފަރުވާ ދިން އެ އަތޮޅު ކެނދިކުޅުދޫ ސިއްހީ މަރުކަޒުން ބުންޏެވެ.

"މިހާރު"އާ ވާހަކަ ދައްކަމުން ހާލިދު އަބޫބަކުރު ބުނީ މި ވަގުތު އެއްވެސް މީހަކު މަހަށް ދާން ބޭނުން ނުވާތީ ދޯނި މަހަށް ފުރާނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

"އަޅުގަނޑުދެން މި ގަސްދު ކުރަނީ ދޯނި އެހެލަން. އަނެއްކާ ވެސް ކުޑަ ދުވަސްކޮޅެއް ފަހުން ބާލާފައި މަހަށް ދާން ކަމަށް،" ހާލިދު ބުންޏެވެ.

ދެ މަސްވެރިންގެ އާދަޔާ ޚިލާފު ކުއްލި މަރާއި ސިހުރާ ގުޅުން ހުރެދާނެ ކަމަށް އެ ރަށު ބައެއް މީހުން ތުހުމަތު ކުރެ އެވެ. އަދި ކައުންސިލުން ވެސް ވަނީ އެ މަރާ ސިހުރާ ގުޅުން ހުރިތޯ ބެލުމަށް ރުގުޔާ ކުރުމަށް ނިންމާފަ އެވެ.

ނަމަވެސް އޮޑިވެރިޔާ ހާލިދު ބުނީ މަސްވެރިންގެ މަރާ ސިހުރާ ގުޅުން ހުރި ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށާއި އެއީ ގުދުރަތީ މަރެއް ކަމަށެވެ. އަދި އެ ދޯނިން މަހަށް ދިޔުމަށް ދެން ތިބި މަސްވެރިން ވެސް ޖެހިލުން ނުވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު"އާ ވާހަކަ ދައްކަމުން ކައުންސިލުގެ ރައީސް އަބްދުﷲ އާރިފް މިއަދު ވިދާޅުވީ ރުގުޔާ ކުރާނެ ގޮތަކާ ގުޅޭ ގޮތުން ކައުންސިލުން މިއަދު މަޝްވަރާ ކުރާނެ ކަމަށާއި ވަރަށް އަވަހަށް އެކަމުގެ ހަގީގަތް ދެނެގަނެވޭތޯ ބަލާނެ ކަމަށެވެ.

"އަޅުގަނޑުމެން ވެސް ސީދާ ގަބޫލެއް ނުކުރަން މިއީ ސިހުރާ ގުޅުން ހުރި ކަމެއް ކަމަކަށް. އެކަމަކު ސިހުރު ހަދައިގެން މީހުން މެރުމަކީ ރާއްޖޭގައި ކޮށްފައި ހުރި ކަންކަން. އަދި ދެ މަސްވެރިން ވެސް މަރުވީ ސިހުރު ހަދައިގެން ކަމަށް ބައެއް މީހުން ތުހުމަތު ކުރާނަމަ އެކަން އަޅުގަނޑުމެން މަސައްކަތް ކުރާނަން އެކަން ބަލަން،" އާރިފް ވިދާޅުވި އެވެ.

ފުލުހުން އަންނަނީ އެންމެ ފަހުން މަރުވި ފައިސަލް ވަޅުލުމުގެ ކުރިން އޭނާގެ ހަށިގަނޑުން ސާމްޕަލް ނަގައި، މަރުވި ގޮތް ދެނެގަތުމަށް ތަހުލީލުތައް ކުރަމުންނެވެ.