ރާހަތު ފާތިހުގެ ލަވައިން ހުސެން އަލީއަށް ފުން އަސަރެއް

އާ އަހަރު ފާހަގަކުރަން އަލިމަސް ކާނިވަލުގައި އިއްޔެ ރޭ ބޭއްވި ޝޯ ބަލަން، މަޝްހޫރު ލަވަކިޔުންތެރިޔާ ހުސެން އަލީ ދިޔައީ އެންމެ ބޭނުމަކު އެވެ. އޭނާއަށް އެންމެ ކަމުދާ ލަވަކިޔުންތެރިޔާ، ޕާކިސްތާނުގެ ރާހަތު ފާތިހު އަލީ ޚާން ލަވަ ކިޔާތީ، އޭނާ ހަމަ ލޮލުން ދެކިލައި އަދި ލަވަތައް އަޑުއަހާލުމަށެވެ. އެކަމަކު ޝޯގެ ވަކި ހިސާބަކުން އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކުރި އެވެ.


ރާހަތުގެ ބޮޑުބޭބެ އަދި ޕާކިސްތާނުގެ މަޝްހޫރު ގަޒަލް/ގައްވާލީ ލަވަކިޔުންތެރިޔާ ނުސްރަތު ފާތިހު އަލީ ހާންގެ "ތުމްހީ ދިއްލަގީ'' ކިޔަން ފެށުމާ އެކު ހުސެންގެ މޫނަށް ވެރިވި އަސަރުތައް ގުޅެނީ، ހުސެންގެ ގައުމީ ލަވައެއް ކަމަށްވާ "ހިނގާ ހޯދަމާހޭ"އާ އެވެ.

ރާއްޖެ އަށް ވަރަށް މަޝްހޫރުވި އެ ލަވައިގެ އަސްލަކީ "ތުމްހީ ދިއްލަގީ" އެވެ. މީގެ ގާތްގަނޑަކަށް 18 ވަރަކަށް އަހަރު ކުރިން ސިފައިންގެ އަލްބަމަކަށް އެ ރާގަށް ހުސެން ކިޔައިދިން ގައުމީ ލަވަ ދިވެހިންގެ ގިނަ ބަޔަކަށް ރީތިވެފައި ހާއްސަ އެވެ.

ހުސެން އަލީ ކިޔާފައިވާ "ހިނގާ ހޯދަމާހޭ"

އެކަމަކު އާ އަހަރުގެ ޝޯއަށް އޭނާ ދިޔައީ "ތުމްހީ ދިއްލަގީ" އިވޭނެ ކަމަށް ހީކޮށްފައެއް ނޫނެވެ.

"ވަރަށް އެހެން ކަހަލަ އަސަރުތަކެއް ކުރުވި. ހަމަ ގެއްލިފައި އަޅުގަނޑަށް އިނދެވުނީ. ހަމަ ލޯ މަރާލައިގެން، ބީޓުތަކާ އެއްވަރަށް ހަރަކާތް ކުރެވެން އިނީ،" ހުސެން ބުންޏެވެ.

އޭނާއަށް ކުރި އަސަރުތައް، އެތަނުގައި ތިބި ބައެއް މީހުންނާއި ޓީވީން ޝޯ ބެލި މީހުންގެ ލޮލުގައި ވެސް އަޅައިގަތެވެ. ބައެއް މީހުން އެނބުރިފައި ހުސެންއާ ދިމާއަށް ބަލަން ފެށި އެވެ. އެ ލަވައިގައި އަންނަ "ސަރެގަމަ ނޯޓްސް" ކިޔަން ފެށުމުން، ގިނަ ބަޔަކު ހުސެންއަށް އިޝާރާތްކޮށް އަތް ވެސް ޖެހި އެވެ.

އެކަން ހުސެންއަށް ވެސް ފާހަގަކުރެވުނެވެ. އަދި އެ ލަވާގައި ބައިވެރިވެލަން ސްޓޭޖަށް އެރުމުގެ ފުރުސަތު އޭނާ އަށް ލިބިދާނެ ކަމަށް ވެސް އުއްމީދުކުރި އެވެ.

"ހިނގާ ހޯދަމާހޭ"ގެ ލަވަކިޔުންތެރިޔާ ހުސެން އަލީ

"އަޅުގަނޑުގެ ލަވަ ވެސް ދިވެހިންގެ ތެރޭގައި އެހާ މަޝްހޫރުވީމަ، ހިތަށްއެރި ރާހަތު އެ ލަވަ ކިޔަން ފެށީމައި، ކޮންމެވެސް އިސް ބޭފުޅަކަށް ނޯޓިސް ވެގެން އެ ފުރުސަތު ދޭނެ ކަމަށް. އެކަމަކު އެހެންނެއް ވެސް ނުވި،" ހުސެން ބުންޏެވެ.

"ހިނގާ ހޯދަމާހޭ" ހުސެން ކިޔާފައިވަނީ އޭނާ ސްކޫލު ނިންމައި، ސިފައިންގެއަށް ވަންތާ ދެ އަހަރު ނުވަނީހެވެ. އޭރު ބޭއްވި ސްކޫލު ކުދިންގެ ލަވަ މުބާރާތްތަކުގައި ވެސް އޭނާ މަޝްހޫރުވެފައި ވަނީ ގަޒަލް ލަވަތައް ކިޔާ ކުއްޖެއްގެ ގޮތުގަ އެވެ. އެހެންވެ، ސިފައިންގެއާ ގުޅި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސެކިއުރިޓީގައި މަސައްކަތް ކުރަން ފެށުމާ އެކު މައުމޫންގެ ލޮލުގައި ހުސެން އަޅައިގަތެވެ.

ނުސްރަތު ކިޔާފައިވާ "ތުމްހީ ދިއްލަގީ"

"ހިނގާ ހޯދަމާހޭ" އަކީ މައުމޫން ހެއްދެވި ޅެމެކެވެ. އަދި އެ ޅެން ހައްދަވާފައި އެ ލަވަ ކިޔަން ހުސެންއަށް ދެއްވީ ވެސް އެމަނިކުފާނެވެ.

"މައުމޫންއާ ބައްދަލުވެގެން އެ ލަވަ ކިޔަން ދެއްވީ. އަޅުގަނޑު ދެންނެވިން އެއީ ވަރަށް އުނދަގޫ ލަވައެކޭ، ވޮއިސް ޓްރޭނިން ނުހަދައި ނުކިޔޭނެއޭ. އެކަމަކު މައުމޫން ޔަގީންކަން ދެއްވި އަޅުގަނޑަށް ކިޔޭނެކަމުގެ،" ހުސެން ވިދާޅުވި އެވެ.

ހިންދީ ލަވައިގައި ހުންނަނީ "ސަރެގަމަ ނޯޓްސް" ނަމަވެސް ދިވެހި ލަވައިގައި މައުމޫން ބޭނުންކުރެއްވީ ބަސްތަކެކެވެ. އެގޮތުން "ލަނޑުދަނޑި" އާއި "މަތިވެރި" ފަދަ ބަސްތައް ހުސެން ކިޔާފައިވާލެއް ފުރިހަމަ ކަމަށް ބައެއް މީހުން ފާހަގަކުރެ އެވެ.

ހުސެން ދެކޭ ގޮތުގައި ކެރިއަރުގައި މިހާތަނަށް ކިޔުނު އެންމެ ރީތި ލަވައަކީ ވެސް އެ އެވެ. އަދި ރާހަތު ފާތިހު ފަދަ ލަވަކިއުންތެރިޔަކު "ތުމްހީ ދިއްލަގީ" އޭނާގެ ކުރިމަތީގައި ކިޔާ އަޑުއިވުމަކީ ޝަރަފެއް ކަމަށް ވެސް ހުސެން ގަބޫލުކުރެ އެވެ.