ރާއްޖެއަށް ދޭ އެހީތައް އިތުރު ކުރާނަން: މޯދީ

ރާއްޖެ އާއި އިންޑިއާގެ ދެމެދުގައި ރަހުމަތްތެރިކަން އަބަދު ވެސް އޮންނާނެ ކަމަށާއި އަދި އެ ގައުމުން ރާއްޖެއަށް ދޭ އެހީތައް ކުރިއަށް އޮތްތަނުގައި އިތުރު ކުރާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.


ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން އިންޑިއާއަށް މިހާރު ކުރައްވާ ދަތުރުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ވަނީ މޯދީއާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ރާއްޖެއާ އެކު އިންޑިއާއިން ބާއްވާ ގުޅުމަށް ޒަމާންތަކެއް ވެފައިވާއިރު އެ ގުޅުން ކުރިއަށް އޮތްތަނުގައި ވެސް ބާއްވަވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް ރައީސް ޔާމީން ގެންގުޅުއްވާ "އިންޑިއާ ފަސްޓް" ޕޮލިސީއާ މެދު އެ ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް އެތަނުން ބުންޏެވެ. އޭގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެދީފައިވާ އެހީތަކަށް ޑރ. އާސިމް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް އެ ގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މި ދަތުރުގައި އޭނާ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާ ވެސް ބައްދަލު ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ވެސް "އިންޑިއާ ފަސްޓް" ޕޮލިސީ އާއި އަވަށްޓެރި ގައުމުތަކާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އެ ގައުމުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް" ޕޮލިސީއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

ޑރ. އާސިމް އިންޑިއާގެ ބޮޑުވަޒީރު މޯދީ (ކ) އާ މިއަދު ބައްދަލު ކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމަށް މިހާރު ބުރޫއަރާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވެ އެވެ. މި ވާހަކަތައް ބޮޑަށް ގަދަވީ، ރާއްޖޭން ޗައިނާއާ އެކު ގާތްގުޅުމެއް ބާއްވައި އަދި މި ފަހުން، އެ ގައުމާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުންނެވެ. އެ އެއްބަސްވުމާއެކު، ޗައިނާގެ ބާރު އިންޑިއާ ކަނޑުގައި ގަދަވެ، ޗައިނާގެ ނުފޫޒު މި ސަރަހައްދަށް ބޮޑުވުމުގެ ބިރު އޮތް ކަމަށް އިންޑިއާގެ ބައެެއް މީޑިއާތަކުގައި ވެސް ބުނެފައިވެ އެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނަމުން އަންނަނީ އެފްޓީއޭގެ ސަބަބުން ރާއްޖެ-އިންޑިއާގެ ގުޅުމަށް ބުރުލެއް ނާރާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާ، ގއ. އަތޮޅު ކައުންސިލަރުންނާ ބައްދަލު ކުރެއްވުމުން ހުރިހާ ކައުންސިލަރުން ސަސްޕެންޑްކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. ސަރުކާރުން އޭގެ ފަހުން ވަނީ ހުއްދަ ނެތި، ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރުން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަނާކޮށްފަ އެވެ.

އެކަމަކު ފަހުން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ މިޝްރާއާ ބައްދަލު ކުރައްވާފަ އެވެ.