ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، ރާއްޖޭގެ ހާލަތު ބެލުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް ދިވެހި ސަރުކާރުން މިއަދު ދައުވަތު ދީފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ކުއްލި ހާލަތު އިއުލާން ކުރި ކަމުގައި ވިޔަސް އާއްމު ދިރިއުޅުމަށާއި ވިޔަފާރިތަކާއި ޚިދުމަތްތަަކަށް އެއްވެސް އަސަރެއް ނުުކުރާ ކަމަށެވެ. އެކަން ބޭރުގެ ފަރާތްތަކަށް ޔަގީން ކޮށްދޭން ބޭނުންވާ ކަމަށް ބުންޏެވެ.
ދިވެހި ސަރުކާރުން ބުނީ ކުއްލި ހާލަތު އިއުލާން ކުރީ ދައުލަތް ހިންގުުމުގެ ނިޒާމާ ގުޅުން ހުރި ކަންތައްތަކާ ހެދި ކަމަށެވެ. އެކަމުގެ އަސަރު ބޮޑަށް ކުރާނީ ވެރި ރަށް މާލެ އަށް ކަމަށާއި ރިސޯޓުތަކަށާއި ޓޫރިސްޓުންނާއި ފަތުރުވެރިކަމުގެ ދާއިރާ އަށް އެކަމުގެ ގެއްލުމެއް ނެތް ކަމަށް ބުންޏެވެ.
"ރާއްޖޭގައި ވިޔަފާރިތަކާއި މަސައްކަތް ކުރާ ތަންތަނާއި ހިދުމަތް ދޭ ތަންތަނުގެ އިތުރުން ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ވެސް ފުރިހަމައަށް އޮޕަރޭޓް ކުރޭ،" ފޮރިން މިނިސްޓްރީން ބުންޏެވެ.