ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ މިރޭ ހައްޔަރުކޮށްފި އެވެ.

ދޫނިދޫގައި ހައްޔަރުކޮށްފައިވާ، ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ސ. ހުޅުދޫ ކާމިނީގޭ ފާތިމަތު ނާސިރާ ރޭ 7:45 ގައި ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވެސް ކަށަވަރު ކޮށްދެ އެވެ. އޭނާ ހައްޔަރުކުރީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ރިޝްވަތުގެ ތުހުމަތުގައި އިއްޔެ ރޭ ހައްޔަރު ކޮށްފައިވާ އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅަކު ވެސް މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި، މ. މިބިނާ އިން އަލީ ހަމީދުގެ އަނބިކަނބަލުންގެ ކޮއްކޮއަކު މިއަދު ހައްޔަރު ކުރި އެވެ. އަދި އަލީ ހަމީދުގެ އަނބިކަނބަލުންގެ ކޮއްކޮއަކާއި އޭނާގެ އަނބިކަނބަލުން ވެސް ރޭ ހައްޔަރު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ވަނީ އެ ބޭފުޅުން ދިރިއުޅުއްވާ ގެ ވެސް ރޭ ފާސްކޮށްފަ އެވެ. އަދި ލެޕްޓޮޕެއް ވެސް ވަނީ ގެންގޮސްފަ އެވެ.

އަލީ ހަމީދުގެ މައްޗަށް ފުލުހުން ކުރަނީ، އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް މިއަދު ވިދާޅުވި ގޮތުގައި، ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެ މަސައްކަތް ކުރެއްވުން އަދި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުމުގެ ތުހުމަތެވެ.

ނަވާޒް ވިދާޅުވީ، މި މައްސަލާގައި އަލީ ހަމީދާ ގުޅުން ހުރި ކަމަށް ގަބޫލު ކުރެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައިވާ ކަމަށެ. އަދި އިތުރު ހެކިތައް ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އަލީ ހަމީދުގެ އަނބިކަނބަލުން ފުލުހަށް ހާޒިރުކޮށް އަދި އާއިލާގެ ބައެއް ބޭފުޅުން ހައްޔަރު ކޮށްފައިވާއިރު، އޭނާއަށް ކުރާ ރިޝްވަތުގެ ތުހުމަތާ އެބޭފުޅުންނާ އޮތް ގުޅުމެއް އަދި ސާފެއް ނުވެ އެވެ.

އެކަމަކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކު، މާލެއިން ފްލެޓެއް ބައްލަވައިގަތުމަށްޓަކައި ރިޝްވަތުގެ މުއާމަލާތް ކުރެއްވި ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށް މިދިޔަ އާދީއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ބުނެފައިވެ އެވެ. ފްލެޓް ގަތުމަށްޓަކައި ރިޝްވަތުގެ މުއާމަލާތެއް ކޮށްފައިވާ ކަމަށް ފުލުހުން ދެން ތުހުމަތު ކުރަނީ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ގާތްގުޅުމެއް އޮންނަ، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށެވެ.

ރިޝްވަތުގެ ތުހުމަތުގައި ހަސަން ސައީދު ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމާއި ރިޝްވަތުގެ މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން ދޫނިދޫ ޖަލުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރާއި މައުމޫން އަދި ހަސަން ސައީދެވެ. އަލީ ހަމީދުގެ ހާލުކޮޅު ގޯސްވެގެން ރެއިން ފެށިގެން ވަނީ އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފަ އެވެ.