ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާޓީ ހިސޯރު ކުރައްވާފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަންނަ ހަފުތާގައި ފަށަން ކޯޓުން ތައްޔާރުވެފައި ވަނިކޮށް، މިއަދު އަނބުރާ ގެންގޮސްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދާއި ނައިފަރު ދާއިރާގެ މެމްބަރު މުހައްމަދު ޝިޔާމް އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލަ މިދިޔަ ހަފުތާގައި ކޯޓުން ވަނީ ބަލައިގެންފަ އެވެ. އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.
އެކަމަކު، މައްސަލަ ހުށަހެޅުއްވި މެމްބަރުން ވަނީ އެ މައްސަލަ މިއަދު އަނބުރާ ގެންދަވާފަ އެވެ.
މެމްބަރު ޝިޔާމް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މައްސަލަ ނެގީ މައްސަލަ ހުށަހެޅި ބޭނުން މިހާރު ހާސިލްވެފައި ވާތީ އެވެ.
"އަލުން މައްސަލަ ހުށަހެޅުމުގެ ބޭނުމެއް އޮތް ކަމަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫނާ ދެމެދު އުފެދިފައިވާ ކޯޅުމާ އެކު ޕީޕީއެމްގެ ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ. މި ބައިބައިވުމުގެ ތެރޭން މައުމޫން ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާލެއްވި އެވެ. އަދި ޕާޓީ ހިންގުން ވެސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން ވަނީ ނަންގަވާފަ އެވެ.
ޕީޕީއެމްގެ ތިން މެމްބަރަކު ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގަތީ މައުމޫންގެ އެ ނިންމެވުންތައް ބާތިލް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެކަމަކު، ޕާޓީގެ ހިންގުން ހުއްޓުވާލައްވާފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި ކޮމިޓީތައް ބޭއްވުމުގެ ހުއްދަ މައުމޫން ވަނީ އިއްޔެ ދެއްވާފަ އެވެ.
މި މައްސަލަގަނޑުގެ ތެރޭން މައުމޫން ވަނީ ޕާޓީގެ ހިންގުން ހަރުދަނާ ކުރަން އިސްލާހީ އެޖެންޑާއެއް ވެސް އެކުލަވާލައްވާފަ އެވެ. އެކަމަކު، ޕާޓީ ކައުންސިލްގެ ހުއްދަ ނެތި އެ މަނިކުފާނަށް އެކަން ނުކުރެއްވޭނެ ކަމަށް ރައީސް ޔާމީން ފެކްޝަންގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.