އެންދެރިގަސްގެ ޑްރައިވަރަށް ވަކީލެއްގެ ފުރުސަތު ނުދިން މައްސަލަ ލަންކާ ހައި ކޮމިޝަނަށް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ސްރީ ލަންކާގެ ޑްރައިވަރެއް ކަމަށްވާ ޕޮންނިއާ ސުދާގަރަށް ވަކީލެއްގެ ފުރުސަތު ނުދިން މައްސަލަ ރާއްޖޭގައި ހުންނަ ހުންނަ އެ ގައުމުގެ ހައި ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކަކާ ގުޅިގެން ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މ. އެންދެރިގަސްގެ ޑްރައިވަރެވެ. އެއީ، ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ދައްތަ ފަރީޝާ އިބްރާހީމްގެ އާއިލާގެ ޑްރައިވަރެވެ.

ސުދާގަރުގެ ދިވެހި ވަކީލުންގެ ފަރާތުން އެ މައްސަލަ ހައި ކޮމިޝަނަށް ހުށަހެޅީ، ވަކީލެއްގެ ފުރުސަތަށް ތަކުރާރުކޮށް އެދުމުން ވެސް އެކަން ހަމަޖައްސައި ނުދިނުމުން ކަމަށް މައުމޫންގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ. އެ މައްސަލާގައި އެދުނީ ހައި ކޮމިޝަން މެދުވެރިވެ ސުދާގަރަށް ގާނޫނީ ވަކީލަކާއި އެ ނޫން ވެސް ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.

ސުދާގަރު ހައްޔަރުކޮށް މުއްދަތު ޖަހަން ކްރިމިނަލް ކޯޓުން ހާޒިރު ކުރުމުން އެ ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށެވެ. އޭނާގެ އިތުރުން، މައުމޫންގެ އަމިއްލަ ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީ ވެސް ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.