ލުތުފީ، އެމްބަސީގައި ހުރި ކަން ލަންކާގެ ފުލުހުންނަކަށް ނޭނގޭ ކަމަށް ބުނެފި

ނުވަ އަހަރު ވަންދެން ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް ހަވާލުވި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އެ އެމްބަސީގައި ހުރިކަން ލަންކާގެ ފުލުހުންނަށް ނޭނގޭ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.


ލަންކާގެ "ނިއުސް ފަސްޓް" ނޫހުގައިވާ ގޮތުން، ލުތުފީއާ ބެހޭ ގޮތުން ލަންކާގެ ފުލުހުންނާ ސުވާލުކުރުމުން، ލުތުފީއާ ގުޅޭ މައުލޫމާތު ލިބިފައި ނެތް ކަމަށް ފުލުހުންގެ މީޑިއާ ޑިވިޝަނުން ވަނީ ބުނެފަ އެވެ.

"ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ލިބިފައިވާ ޑިޕްލޮމެޓިކް އިމިއުނިޓީ ބޭނުން ކޮށްގެން ޓެރަރިސްޓަކަށް ހިމާޔަތް ދިން މައްސަލައިގައި [ސްރީ ލަންކާގެ] ފޮރިން މިނިސްޓްރީގެ ބަހެއް ހޯދަން އުޅެ ނުލިބުނު" ކަމަށް އެ ނޫހުގައި ވެ އެވެ.

ލަންކާގެ ނޫހެއްގައި ޖެހި މި ޚަބަރާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެ މިނިސްޓްރީގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، އެމްބަސީގައި ލުތުފީ ހުރި މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ނެރެފައިވާ ބަޔާން ފިޔަވައި އެ މައްސަލައިގައި ކޮމެންޓެއް ނެތް ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ލުތުފީ ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަމަޖައްސަނީ ސީދާ ދިވެހި ފުލުހުންނެވެ.

ލުތުފީ، ލަންކާ ގައި ހުންނަ ދިވެހި އެމްބަސީ ގައި ގެންގުޅޭ ކަމުގެ ތުހުމަތު އެތައް ބަޔަކު ކުރަމުން އައި ނަމަވެސް އޭނާ ގެންގުޅޭ ތަނަކާ މެދު ދިވެހި ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި މިކަން ފަޅާއެރުމާ ހަމައަށް ވެސް ލުތުފީ އެމްބަސީގައި ގެންގުޅުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް ދިވެހި ސަރުކާރަކުން ނުބުނެ އެވެ.

ލުތުފީގެ މައްސަލާގައި ދިވެހި ސަރުކާރު ޕްރެޝަރަށް ވެއްޓިފައިވާއިރު، ރާއްޖޭގެ ފޮރިން މިނިސްޓްރީން އެކަމާ ގުޅޭ ބަޔާނެއް ވެސް ނެރުނީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒު ވުމުންނެވެ.

ޓެރަރިސްޓު ލުތުފީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް މިދިޔަ މޭ މަހުގެ 1 ގައި ގޮސް އޭނާ އެމްބަސީގެ ބެލުމުގެ ދަށަށް އަމިއްލަ އަށް ދިޔަ ކަމަށް ދިވެހި ފުލުހުން ހާމަކުރީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވާލުމާ އެކު ސަރުކާރަށް އައި ފިއްތުންތަކުގެ ތެރޭގަ އެވެ. އަދި ލުތުފީ 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ އަންގާރަ ދުވަހު މީޑިއާ ގައި ވިދާޅުވި ނަމަވެސް އެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ރެއާ ހަމަވި އިރު ވެސް އެކަމެއް ނުވި އެވެ.

ފުލުސް އޮފީހުން ބުރާސްފަތި ދުވަހުގެ ރޭ ބުނެފައި ވަނީ، ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ލަންކާގެ ކަމާ ބެހޭ އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް އެ ދުވަހާ ހަމައަށް ވެސް ފުރިހަމަ ކުރެވިފައި ނެތް ކަމަށެވެ. އެކަމަކު އުއްމީދު ކުރަނީ، ލިޔެކިޔުންތައް ފުރިހަމަ ކުރެވުނުހާ އަވަހަށް އޭނާ ރާއްޖެ ގެނައުން ކަމަށް ފުލުހުން ބުންޏެވެ.

ބާގީ ލުތުފީގެ ގޮތުގައި މުޅި ރާއްޖެއަށް މަޝްހޫރުވެފައިވާ އަދި ނޮވެމްބަރު ތިނެއްގެ ހަމަލާއާ ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިޔާ ފިލީ އެމްޑީޕީގެ ސަރުކާރުގައި ޖެނުއަރީ، 16، 2010 ގައި ބޭސްފަރުވާ އަށް ފޮނުވުމުންނެވެ. އޭނާ ހޯދައި ހައްޔަރުކޮށް ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މައްޗަށް މާޗް 26، 2012 ގައި ކޯޓުން އަމުރެއް ވެސް ކޮށްފައިވެ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ލުތުފީ ހޯދަން އިންޓަޕޮލް މެދުވެރިކޮށް ނޯޓިސް ވެސް ނެރެފަ އެވެ. އެކަމަކު މިދިޔަ މަހުގެ 1 ގައި ލުތުފީ އަމިއްލަ އަށް ގޮސް ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ބެލުމުގެ ދަށަށް ދިއުމުގެ ކުރިން އޭނާގެ އެއްވެސް ޚަބަރެއް، ދިވެހި ސަރުކާރުގެ އެއްވެސް ފަރާތަކަށް ލިބުނު ކަމަކަށް ނުވެ އެވެ.

ދިވެހި ފުލުހުން ބުނެފައި ވަނީ މޭ 1 ގައި ލުތުފީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ބެލުމުގެ ދަށަށް ދިއުމާ އެކު ދިވެހި ފުލުހުން އޭނާ ބަލަހައްޓަމުން އަންނަ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު "މިހާރު" އަށް ވިދާޅުވެފައި ވަނީ އެ ދުވަހުން ފެށިގެން ފުލުހުން ލުތުފީއާ ހަވާލުވެ ރާއްޖެ ގެނައުމުގެ މަސައްކަތް ކަމާބެހޭ އެންމެހާ އިދާރާތަކާ ގުޅިގެން އައީ ކުރަމުން ކަމަށެވެ. އެކަމަކު އދ. ގެ ނިޒާމުތަކުގެ ތެރެއިން ލުތުފީ ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ހޯދަން އެދުނު ލިޔެކިޔުންތަކެއް ގެންގުޅުމާއި ގާނޫނާ ޚިލާފަށް ލަންކާގައި ދިގު މުއްދަތެއް ވަންދެން ދިރިއުޅުމުން ދިއުމާ އެކު، އޭނާ ރާއްޖެ ވަގުތުން ގެނައުމުގައި ދަތިތަކެއް ކުރިމަތިވި ކަމަަށް ހަމީދު ވިދާޅުވެފައި ވެ އެވެ.

ލުތުފީ އެންމެ ފަހުން ސަރުކާރުގެ ބެލުމުގެ ދަށަށް މިދިޔައީ އެޕްރީލް މަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޭރު މީހުން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑިޕޯޓްކުރަން، އެ ގައުމުން މަސައްކަތް ފެށުމުންނެވެ.

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ ހަނގުރާމަވެރިންނާ އެކު ނޮވެމްބަރު 3، 1988 ގައި ލުތުފީ އިސްކޮށް ހުރެ މާލެ އަރައި ދިން ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދުވި އެވެ. މި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކޮށްފައި ވަނިކޮށް ލުތުފީ ފިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުންނެވެ.

ލުތުފީއާ އެކު އެ ހަމަލާގައި ދެން އެންމެ އިސްކޮށް އުޅުނު ސަގަރު އަހުމަދު ނާސިރު ވަނީ ޖަލު ހުކުމުގެ މުއްދަތު ހަމަވެގެން މިނިވަންވެފަ އެވެ. އުމުރު ދުވަހުގެ ޖަލު ހުކުމް ކަމަށް ބަލަނީ 25 އަހަރެވެ.

،