ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން ސިފައިންނާއި ފުލުހުން ހުރަސްއެޅުމުން ހިނގި ކުރިމަތިލުމުގައި ބައެއް މެމްބަރުންނަށް އަނިޔާވެއްޖެ އެވެ.
މަޖިލީހަށް ވަންނަން އުޅުނު މެންބަރުން މަޖިލީހުގެ އާ އިމާރާތުގެ ކަންމައްޗާ ހަމައަށް ފުލުހުން ފަހަތަށް ޖެއްސުމާ އެކު މެމްބަރުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުން ހިނގައި ބައެއް މެމްބަރުންނަށް އަނިޔާވެ، ބައެއް މެންބަރުން ބިންމައްޗަށް ވެއްޓުނެވެ.
އޭގެ ތެރެއިން، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި ތޮއްޑޫ ދާއިރާގެ އިބްރާހިމް ހަސަނަށް ފަރުވާ ދޭން އެމްބިއުލާންސްގައި އޭޑީކޭ އަށް ގެންދިޔަ އެވެ. ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ނުލިބެ އެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ މެމްބަރުންނަށް އަނިޔާވީ އެ މެމްބަރުން ވެއްޓުނު ވަގުތު ބައެއް ފުލުހުން މެމްބަރުންގެ ގައިމައްޗަށް ވެއްޓުމުން ކަމަށެވެ.
"ތިނަދޫ މެމްބަރު އަބްދުﷲ ނޭވާ ނުލެވިގެން އުޅުނު ތަން އަޅުގަނޑު ދުށިން. ހޮސްޕިޓަލަށް ނުދިޔަސް އަޅުގަނޑު ބޮލަށް ވެސް ވަނީ އަނިޔާވެފައި،" މުހައްމާ ވިދާޅުވި އެވެ.
މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުން ލަސްވާ ސަބަބު ހޯދަން މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަތުމަށް މިދިޔަ ތިން ދުވަހު ވެސް އިދިކޮޅު މެމްބަރުން ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު ސިފައިންނާއި ފުލުހުން އެ މެމްބަރުންނަށް ކޮންމެ ދުވަހަކު ވެސް ހުރަސްއަޅަ އެވެ.
ބައެއް މެންބަރުން އިއްޔެ މަޖިލީހުގެ އިދާރާގެ ފާރު މަތިން ފުންމާލައިގެން އެތެރެއަށް ވަދެވަޑައިގެންނެވި ނަމަވެސް ސިފައިން ވަނީ އެ މެމްބަރުން އުފުލާލައިގެން ބޭރަށް ނެރެފަ އެވެ.